އދ. ގެ ސަލާމަތީ މަޖިލީހަށް މެކްސިކޯ، އަޔަލޭންޑް، ނޯވޭ އަދި އިންޑިޔާ ހޮވިއްެޖެ

އދ. ގެ ސަލަމާތީ މަޖިލީހަށް (ސެކިއުރިޓީ ކައުންސިލަށް) ކުރިއަށް އޮތް ދެ އަހަރަށް ހޮވާ ދާއިމީ ނޫން ފަސް މެންބަރުން ހޮވުމަށް އިއްޔެ ލީ ވޯޓު މެކްސިކޯއާއި، އަޔަލޭންޑާއި، ނޯވޭއާއި، އިންޑިޔާއިން ކާމިޔާބުކޮށްފިއެވެ. އެފްރިކާ ތަމްސީލުކުރާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ލީ ވޯޓުން އެެއްވެސް ގައުމަކަށް އަޣުލަބިއްޔަތު ނުލިބުމުން ދެވަނަ ބުރަކަށް ވޯޓުލާން ވަނީ ހަމަޖެހިފައެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރެއްގެ ގޮތުގައި ހޮވެން އދ. އާއްމު މަޖިލީހުގެ (ޖެނެރަލް އެސެންބްލީގެ) ތިންބައިކުޅަ ދެބައިގެ ވޯޓު ބޭނުންވެއެވެ. އެފްރިކާ ތަމްސީލުކުރާ ގޮނޑިއަށް ކުރިމަތިލި ކެންޔާާއާއި ޖިބޫޓީއަށް ވެސް އެ އަދަދަށް ވޯޓު ނުލިބުނެވެ. އެެހެންކަމުން، މިއަދުގެ ވަގުތެއްގައި ދެ ވަނަ ފަހަަރަށް އެ ވޯޓު ލާނެއެވެ.

އޭޝިޔާ ޕެސިފިކް ސަރަހައްދު ތަމްސީލުކުރަން އިންޑިޔާ ހޮވުނީ ވާދަކުރާނެ ގައުމެއް ނެތިއެވެ. އާއްމު މަޖިލީހުގެ 193 މެންބަރުންގެ ތެރެއިން 192 މެންބަރުން ހާޒިރުވި މި ޖަލްސާގައި އިންޑިޔާ ވަނީ 184 ވޯޓު ހޯދާފައެވެ. މިއީ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރަކަށް އިންޑިޔާ ހޮވުނު އަށްވަނަ ފަހަރެވެ.

ލެޓިން އެމެރިކާ ތަމްސީލުކުރުން މެކްސިކޯ ހޮވުނީވެސް ވާދަކުރާނެ ގައުމެއް ނެތިއެވެ. މެކްސިކޯއިން ވަނީ 187 ވޯޓު ހޯދާފައެވެ.

އެންމެ ވާދަވެރިކަން ބޮޑުވީ ހުޅަނގުގެ ގައުމުތައް ތަމްސީލުކުރާ ދެ ގޮނޑިއަށެވެ. މި ދެ ގޮނޑިއަށް ނޯވޭއާއި، އަޔަލޭންޑާއި ކެނެޑާ ވާދަކުރި އިރު ނޯވޭ ވަނީ 130 ވޯޓާއެކު ގޮނޑި ކާމިޔާބުކޮށްފައެވެ. އަޔަލޭންޑަށް ލިބުނީ 128 ވޯޓެވެ. އެއީ ކިރިޔާ ތިންބަައިކުޅަ ދެބައި ހަމަވާ އަދަދެވެ. 109 ވޯޓާއެކު ކެނެޑާއަށް ވަނީ ނާކާމިބީއާ ކުރިމަތިލާން ޖެހިފައެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގައި 15 މެންބަރުން ތިބޭއިރު ފަސް މެންބަރުންނަކީ ދާއިމީ މެންބަރުންނެވެ. އެއީ އެމެރިކާ، ފްރާންްސް، އިނގިރޭސިވިލާތް، ރަޝިޔާ އަދި ޗައިނާއެވެ. އަނެއް 10 މެންބަރުންނަކީ 2 އަަަހަރުގެ ދައުރަކަށް އިންތިޚާބުކުރާ މެންބަރުންެނެވެ. ކޮންމެ އަހަރަކުވެސް 5 މެންބަރުން ބަދަލުވާ ގޮތަށެވެ.

އަަނެއްކޮޅުން އާއްމު މަޖިލީހުން އިއްޔެވަނި އެ މަޖިލީހުގެ ހަތްދިހަ ފަސްވަނަ ދައުރުގެ ރައީސަކަށް ތުރުކީގެ ޑިޕްލޮމޭޓެއް ކަމުގައިވާ ވޮލްކާން ބޮޒްކީރް އިންތިޚާބުކޮށްފައެވެ. މިއީ އެއް އަހަރުގެ ދައުރަކަށް އިންތިޚާބުކުރާ މި މަގާމަށް ތުރުކީގެ މީހަކު ހޮވުނު ފުރަތަމަ ފަހަރެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.