ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕީޖީން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ދައުލަތުން މި މެމްބަރުންނަށް ކޮށްފައި ވަނީ އެކި ދައުވާތަކެވެ. އެގޮތުން މީގެތެރެއިން 9 މެމްބަރެއްގެ މައްޗަށް ދައުވާ ކުރަނީ ހުސްވި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަތް މައްސަލައިގައެވެ. މަޖިލީހުގެ ގޮނޑި ގެއްލިފައި ވާކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް އެދުވަހު މަޖިލީހަށް ވަދެވަޑައިގެންނެވި ތިން މެމްބަރުންނާއި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި މިހާރުވެސް ހައްޔަރު ކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ފާރިޝް މައުމޫނެވެ.
ގަދަކަމުން މަޖިލީހަށް ވަދެވަޑައިގެންނެވި ކަމުގެ ތުހުމަތުގައި މީގެކުރިން ފުލުހަށް ހާޒިރު ކޮށްފައިވާ މެމްބަރުންނަކީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހް އާއި ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އެވެ.
މިމައްސަލައިގައި ކުށް ސާބިތު ވެއްޖެނަމަ 4 މަހާއި 24 ދުވަހުގެ ޙުކުމެއް އަންނާނެއެވެ. މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވާ ފާރިޝްގެ މައްސަލައިގައި ކުށް ސާބިތުވެއްޖެނަމަ ފާރިޝްގެ ގޮނޑި ގެއްލޭނެއެވެ. ސަބަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެތީއެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ނިންމާފައި ވަނިކޮށް މަޖިލީހަށް ވަދެވަޑައިގަތުމުން ދައުވާ ކުރާ މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިން އަދި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ. މީގެތެރެއިން އަމީތު އާއި ސައުދު މިހާރުވެސް ވަނީ ހައްޔަރުގައެވެ. ވައްޑެވެސް ހައްޔަރު ކުރުމަށް ފަހު ޝަރުތު ތަކަކާއެކު ވަނީ ދޫކޮށްލާފައެވެ.