އާއްމުކޮށް ލިބެން ހުންނަ އަގުހެޔޮ ބޭހެއް ކަމުގައިވާ ޑެކްސަމެތަސޯން (Dexamethasone) ބޭނުންކޮށްގެން އިނގިރޭސިވިލާތުގެ ސައިންޓިސްޓުން ކުރި ތަޖުރިބާތަކުން ކޮވިޑް- 19 ގައި ހާލު ބޮޑުވާ ބަލިމީހުންނަށް އެ ބޭހުން ލުއި ލިބޭކަން ހާމަވުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންޓިސްޓުން އިއްޔެ ހާމަކުރި ގޮތުގައި ކޮވިޑް- 19 ޖެހިގެން ހާލު ބޮޑުވެ، ވެންޓިލޭޓަރުގައި ފަރުވާދޭ ބަލިމީހުންނަށް 28 ދުވަސް ވަންދެން ސްޓެރޮއިޑް ބޭހެއް ކަމުގައިވާ ޑެކްސަމެތަސޯން ދިނުމުން އެ ބަލީގައި އެމީހުން މަރުވުމުގެ ނުރައްކާ %35 ކުޑަކޮށްދެއެވެ.
މި ނަތީޖާތައް ހާމަވުމާ ގުޅިގެން ޑަބްލިޔުއެޗްއޯއިން ވަނީ މިކަަމަށް މަރުހަބާ ކިޔައި ބަޔާނެއް ނެެރެފައެވެ. މިއީ، ކޮވިޑް- 19 ގެ ބަލިމަޑުކަން ފެތުރެން ފެށިފަހުން މިފަދައިން ކުރެވުނު ތަޖުރިބާއެއްގެ ނަތީޖާއަށް ޑަބްލިޔުއެޗްއޯއިން މަރުހަބާކީ ފުރަތަމަ ފަހަރެވެ.
"މިއީ ކޮވިޑް- 19 ގެ ބަލި މީހުންގެ ތެރެއިން އޮކްސިޖަން ބޭނުންވާ ނުވަަތަ ވެންޓިލޭޓަރުގައި ފަރުވާދޭން ޖެހޭ ބަލި މީހުން މަރުވާ ރޭޓް ދަށްކުރާ ކަމަށް ދެެއްކި ފުރަތަމަ ފަރުވާ." ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެެނެރަލް ޑރ. ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ވިދާޅުވެފައި ވެއެވެ.
"މިއީ ވަރަށް އުފާވެރި ޚަބަރެއް. ޔޫކޭގެ ސަރުކާރަށާއި، ޔުނިވަސިޓީ އޮފް އޮސްފޯޑަށާއި، އިނގިރޭސިވިލާތުގައި މި ފުރާނަ ސަލަމާތްކުރަނިވި ނަތީޖާއަށް ވާސިލުވުމަށް ކުރި މަސައްކަތުގައި ބައިވެރިވި ހޮސްޕިޓަލްތަކަށާއި ބަލިމީހުންނަށް އަހަރެންމަރުހަބާ ކިޔަން." އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.
ޑެކްސަމެތަސޯންއަކީ ހަށިގަނޑަށް ލިބޭ އަނިޔާތަކުގައި ތަންތަން ދުޅަވުމުން ދުޅަ ކުޑަކުރުމަށާއި، ބައެއް ބާވަތްތަކުގެ ކެންސަރަށް ފަރުވާ ދިނުމަށް 1960 ގެ އަހަރުތަކުއްސުރެ ބޭނުންކުރަމުން އަންނަ ސްޓެރޮއިޑް ބޭހެކެެވެ. ޑަބްލިޔުއެޗްއޯގެ 'މޮޑެލް ލިސްޓް އޮފް އެސެންޝަލް މެޑިސިންސް' ގައި 1977 އިން ފެށިގެން މިބޭސް ހިމެނިފައި ވެއެވެ. މިއީ މިހާރު ތަފާތު ނަންނަމުގައި ގިނަ ގައުމުތަކެއްގައި އާއްމުކޮށް ލިބެެން ހުންނަ ބޭހެެކެެވެ.
ޑެެކްސަމެތަސޯންއަކީ އޮކްސްފޯޑް ޔުުނިވަސިޓީން ރިކަވަރީ (ރެންޑަމައިޒްޑް އިވޭލުއޭޝަން އޮފް ކޮވިޑް- 19 ތެރަޕީ) ގެ ނަމުގައި އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) 175 ހޮސްޕިޓަލެއްގެ 11500 ބަލިމީހުން ބޭނުންކޮށްގެން ފާއިތުވި މާރިޗު މަހު ފެށި ތަޖުރިބާތަކުގައި ބޭނުންކުރި އެއް ބޭހެެވެ. 28 ދުވަހަށް ދުވަހަކު 6 މިލިގްރާމް ޑެކްސަމެތަސޯން ބޭނުންކުރި ބަލިމީހުންގެ ނަތީޖާތަކަށް ބަލާއިރު އެންމެ ހާލު ބޮޑު މީހުން ބަލިން ރަނގަޅުވުމުގެ ފުރުސަތު %35 އިތުރުވިއެވެ.
"ަމަރުވާ ރޭޓު ދަށްކުރާ ކަމަށް ދެއްކި ފުރަތަމަ ފަރުވާއަކީ ފަސޭހައިން މުޅި ދުނިޔޭގައިވެސް ލިބެން ހުރި އަގުހެޔޮ ބޭހަކަވީ ކަމީ ވަރަށްވެސް އުފާވެރިކަމެއް." އޮކްސްފޯޑް ޔުނިވަސިޓީގެ ޕްރޮފެސަރ އޮފް މެޑިސިން އެންޑް އެޕިޑެމޮލޮޖީ މާންޓިން ލެންޑްރޭ ވިދާޅުވިއެވެ.