ނަން އަނބުރައި ގެންދިޔުމުން ނީޒާ އެމްއެމްއޭއިން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރުގެ މަޤާމަށް ހުށަހަޅުއްވާފައިވާ ނީޒާ ޢިމާދުގެ ނަން  އަނބުރާ ގެންނެވުމަށްފަހު، އެ މަޤާމަށް ކ. މާފުށި، މުސްތަރީގެ އަޙްމަދު ނަޞީރުގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވުމާއެކު އެމްއެމްއޭގައި ނީޒާ އަދާކުރައްވާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ނަން އަނބުރައި ގެންދިޔުމުން މަގާމުން އިސްތިއުފާ ދެއްވިކަން ނީޒާވެސް ވަނީ މީޑިޔާއަށް ކަށަވަރުކޮށް ދެއްވާފައެވެ. ބަޔެއް މީޑިޔާ ތަކަށް ނީޒާ ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވީ ނަން އަނބުރައި ގެންދިޔުމުން ކަމަށާއި، ނަން އަނބުރައި ގެންދެވުމުން ދޭހަވި މާނައަކީ ރައީސް އޭނާއަށް އިތުބާރު ނުކުރެއްވުން ކަމަށެވެ.

މަގާމުން އިސްތިއުފާ ދެއްވިއިރު ނީޒާ ހުންނެވީ އެމްއެމްއޭގެ ފައިނޭންޝިއަލް ސްޓެބިލިޓީގެ އެސިސްޓެންޓް ގަވަރުނަރު ކަމުގެ މަގާމުގައެވެ. މީގެއިތުރުން އެމްއެމްއޭގެ ބޯޑުގައި އިންނަވާ ނީޒާއަކީ އައިއެމްއެފްގެ ކޯޑިނޭޓް ގަވަރުނަރުކަންވެސް އަދާކުރައްވަމުން ގެންދަވާ ފަރާތެވެ.  ނީޒާއަކީ އެމްއެމްއޭގައި އެންމެ ދުވަސްވީ އެއްމުއައްޒަފެވެ.

ނީޒާގެ ނަން ރައީސް ޔާމީން އަނބުރައި ގެންދަވައި އެހެން ބޭފުޅެއްގެ ނަންފުޅު ފޮނުއްވި ސަބަބެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.