އިސްރާއީލުން ގަދަކަމުން ވެރިވެގަނެގެން އުޅޭ ފަލަސްޠީނުގެ ބިންތައް ރަސްމީގޮތުން އިސްރާއީލުގެ ބިންކަމުގައި ހެދުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ކުރާ މަސައްކަތުގައި އަރަބި ބައެއް ޒައީމުންނާއި އިސް މަސްއޫލުވެރިންނާއި ބައްދަލުކުރަން އިސްރާއީލުގެ ޖާސޫސީ އިދާރާ، މޯސާދުގެ ވެރިޔާ ޔޯސީ ކޯހެން ގަސްތުކުރާކަން ހާމަކޮށްފިއެވެ.
އިޒްރޭލީ ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (ކާން) އިން ބުނި ގޮތުގައި ކުރިއަށް ދުވަސްތަކުގެ ތެރޭގައި ކޯހެން އަރަބި ބައެއް ޒައީމުންނަށް ގުޅާނެއެވެ. އޭގެ ތެެރޭަގައި މިސްރުގެ ރައީސާއި، ޖޯޑަން (އުރްދުން) ގެ ރަސްގެފާނުގެ އިތުރަށް އަރަބި އެހެން ބައެއް ޒައީމުންވެސް ހިމެނިވަޑައިގަތުން އެކަށީގެން ވެއެވެ.
އަރަބި ޒައީމުންނަށް ގުޅުމުގެ ބޭނުމަކީ އިސްރާއީލުން ފަލަސްޠީނުގެ ބިން މިލްކުކުރުމުގެ ޕްލޭނާ މެެދު އެގައުތަކުގެ ވިސްނުން ހުރި ގޮތް ދެނެގަތުމެެވެ. އަދި އެގައުމުގެތަކުގެ އަމިއްލަ ޕްލޭންތަކެއް ހުރި ނަަމަ އެެކަމުގެ ތަފްސީލު ހޯދުމާއި، އިސްރާއީލުން އަޅާ ފިޔަވަޅަށް އަރަބިން ހަރުކަށި ރައްެދެއް ދިނުުމުގެ ފުރުސަތު ކުޑަކުރުމެވެ.
ކާންއިން އިތުރަށް ހާމަކުުރި ގޮތުގައި ބޭނުން ޖެހިއްޖެ ނަމަ ސަރަހައްދުގެ ގައުމުތަކަށް ދަތުރުކޮށް އަރަބި މަސްއޫލުވެރިންނާ ކޯހެން ބައްދަލުކުރާނެއެވެ.
މިކަމާ ބެހޭ ގޮތުން މިސްރާއި ޖޯޑަންއިން އަދި އެއްޗެއް ބުނެފައި ނުވެއެެެވެ.
އަނެއްކޮޅުން އިސްރާއީލުގެ ޖެނެރަލް އިންޓެލިޖެންސް ސާވިސް (ޝަބަކް) ގެ ވެރިޔާ އާއި ސިފައިން އެންމެ އިސް ވެރިޔާ ވަނީ އިސްރާއީލުން ފަލަސްޠީނުގެ ބިންތައް އަމިއްލަކުރަން ނިންމައިފިނަމަ ސަލާމަތީ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމުގެ އިންޒާރުދީފައެވެ.
އިސްރާއީލާ އެކު ރަސްމީ ގުޅުންތަކެއް ގާއިމުކޮށްފައި ނެތް ނަމަވެސް، ސައޫދީ އަރަބިއްޔާއާއި ގަލްފުގެ ބައެއެް ގައުމުތަކާމެދު ފަހަކަށް އައިސް އުފެދެމުން އަންނަ ގާތް ގުޅުމުގެ ފަހަތުގައި ވަނީ މޯސާދުގެ ވެރިޔާ ޔޯސީ ކޯހެންއެވެ. 2017 ވަނަ އަހަރުއްސުރެ އޭނާ ގެންދަނީ މި ގައުމުތަކާ އިސްރާއީލާ ގާތް ކުރުމަށް މަސައްކަތްކުރަމުންނެވެ.
އީރާނާއި، ހަރުކަށި އިސްލާމީ ހަނގުރާމަވެރިންގެ ނުރައްކަލާއި ކުރިމަތިލުމަށް މަސައްކަތްކުރުމުގެ ނަމުގައި މޯސާދުން ދަނީ ގަލްފުގެ ގައުމުތަކާ ގުޅުން ބާއްވަމުންނެވެ. ގަލްފުގެ ގައުމުތަކުގެ އިތުރަށް ސޫދާނުގެ އާ ސަރުކާރާ އިސްރާއީލާ ދެމެދު ގާތް ގުޅުމެއް އުފެއްދުމުގައި ވެސް ކޯހެން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ބޮޑުވަޒީރު ނަތަންޔާހޫ ތަކުރާރުކޮށް ބުނަމުން ގެންދަނީ އޭނާގެ ސަރުކާރުން ހުޅަނގު އައްސޭރީގެ ބައެއް ބިންތައް ރަސްމީކޮށް އިސްރާއީލުގެ ބިން ކަމުގައި ކަނޑައަޅާނެ ކަމުގައެވެ. އޭނާ ކުރިން ހާމަކޮށްފައިވާ ގޮތުންގައި ފަލަސްޠީނުގެ ބައެެއް ކަމުގައިވާ ހުޅަނގު އައްސޭރީގެ %30 އިސްރާއީލުގެ ބައެއްގެ ގޮތުގައި ނިންމައި އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހު އެކަން އިއުލާންކުރާނެވެ.
އިސްރާއީލުން އަަޅަން އުޅޭ މިފިޔަވަޅަކީ ޣައިރު ގާނޫނީ ފިޔަވަޅެެއް ކަމުގައި އދ. ގެ އިތުރަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަނީ ބުނެފައެވެ. އަދި މިފަދަ ފިޔަވަޅެއް އަޅައިފިނަމަ، ފަލަސްޠީނުގެ ދައުލަތް ރަސްމީ ގޮތުން ގަބޫލުކުރަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ޔޫރަޕުގެ ބައެއް ގައުމުތަކުން ވަނީ ދީފައެވެ.