ޖަލުގެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރާއިރު އޮފިސަރުންގެ ގައިގައި ބޮޑީ ކެމެރާ ހަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނަރަ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގަރާމްގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ޖަލުގައި ހިނގާ ހަމަނުޖެހުންތައް ރޫޅާލުމުގެ ޚާއްޞަ ތަމްރީނު ތަކެއް އޮފިޝަރުންނަށް ހިންގުމަށް ހަޖައްސަފައިވާކަމަށެވެ. މިހާތަނަށް އޮފިސަރުންނަށް ދެވިފައިވާ ތަމްރީންނުތަކަކީ ޖަލުއޮފިސަރުންގެ ގޮތުގައި ދެވޭ ބޭސިކް ތަމްރީން ތަކާއި ދޭތެރެ ދޭތެރެއިން އޮފިސަރުންނަށް ހިންގާ ތާޒާކުރުމުގެ ތަމްރީނު ޕްރޮގަރާމްތައް ކަމަށް ވިދާޅުވިއެވެ.
ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމުގެ ތަމްރީންތައް އޮފިސަރުންނަށް ދިނުމުގެ އިތުރުން އެފަދަ ހަމަނުޖެހުންތައް ރޫޅާލުމަށް ޙަރަކާތްތެރިވާ އޮފިސަރުންގެ ހަށިގަނޑުގައި ބޮޑީ ކެމެރޭވެސް ހަރު ކުރުމަށް މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. އެކަމަށްޓަކައި ފުލުހުންނާއެކު މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވެސް ވިދާޅުވިއެވެ. އެކަން ފެށުމަށްޓަކައި ބޭނުންވާ ޢަދަދަށް މިއަހަރުތެރޭގައި ބޮޑީކެމެރާ ގެނެސް ބޭނުންކުރެއްވުމަށް މަސައްކަތް ކުރައްވަމުން ދާކަމަށް ވިދާޅުވިއެވެ. އަދި އަންނަ އަހަރަށް ބަޖެޓް ކުރައްވައިގެން އިތުރުބޮޑީ ކެމެރޭ ގެންނަވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގައިދީއަކަށް އެއްވެސް އޮފިސަރަކު އަނިޔާ ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން ފާހަގަ ކުރައްވައި އެފަދަ ކަމެއް ފާހަގަ ކުރެވުނު ނަމަވެސް އެކަން ބެލޭނެ ޚާއްޞަ އުޞޫލުތަކެއް މަޤާމާ ހަވާލުވެވަޑައުގެންނެވުމަށް ފަހު އެކުލަވާލައްވައި ތަމްރީނު ކުރައްވައިފައިވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް އޮފިސަރެއްގެ ފަރާތުން ހިނގިނަމަ ތަޙްޤީޤްކޮށް ދައުވާކުރުމަށް ދޭންޖެހޭ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ދެއްވިއެވެ.