ޗައިނާގައި ގޭސް ޓޭންކަރެއް ގޮވުމުގެ ސަބަބުން 18 މީހުން މަރުވެ، 166 މީހުންނަށް އަނިޔާވެއްޖެ

ގޭސް ޓޭންކަރު ގޮވުމުގެ ސަބަބުން ގެއްލުން ވެފައިވާ އިމާރާތެއް

ޗައިނާގެ ހައިވޭއެެއްގައި ދަތުރުކުރަމުން ދިޔަ ގޭސް ޓޭންކަރު ލޮރީއެއް ގޮވުމުގެ ސަބަބުން 18 މީހުން މަރުވެ 166 މީހުންނަށް އަނިޔާވެއްޖެއެވެ. ޗައިނާގެ ރަސްމީ ޚަބަރުފަތުރާ އެެޖެންސީ ޒިންހުވާއިން ބުނެފައިވާ ގޮތުގައި ގޮވި ޓޭންކަރުގައި ހުރީ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އެވެ.

ގޮވުމުގެ ބާރުގަދަ ކަމުން ކައިރީގައި ހުރި ގެތަކާއި ފެކްޓަރީތަކުގެ ބައިތައްވެސް ވެއްޓިފައި ވެއެވެ. ސަރުކާރުން މީސްމީޑިޔާގައި ހާމަކޮށްފައިވާ ގޮތުގައި ޓޭންކަރު ގޮވި ސަރަހައްދުގައި ބޯ ކަޅު ދުންގަނޑެއް އުފެދިފައިވާ އިރު، ރޯވި އަލިފާންގަނޑުގެ އެތައް ކާރެއް އަނދައިގެން ގޮސްފައި ވެއެވެ.

އިއްޔެ ހަވީރު 4:40 (ރާއްޖޭ ގަޑިން މެންދުރު ފަހު 1:40) ހާއިރު މި ހާދިސާ ހިނގާފައި ވަނީ ޒެންޖިއާންގ ޕްރޮވިންސުގެ ލިއާންގްޝާން އަވަށުގެ ކައިރީގައެވެ.

34 އަލިފާން ނިވާ ލޮރީއާއި އަލިފާން ނިވާ 138 މީހުން އެ ސަރަހައްދުގައި އަލިފާން ނިވަން ހަރަކާތްތެރިވި އިރު، ވެއްޓިފައިވާ ބައެއް  ގެތަކުގެ ދަށުންވެސް ޒަޚަމްވެފައިވާ މީހުން ނަގާފައި ވެއެވެ.

ރޭގެ ވަގުތެއްގައި ޒިންހުވާއިން ހާމަކުރި ގޮތުގައި ޓޭންކަރު ގޮަވައިގެން ވިއްސައިގެން ގޮސް ކައިރީގައި ހުރި ވާކްޝޮޕެއްގައި ޖެހުމުގެ ސަބަބުން ދެވަނަ ގޮވުމެއްވެސް ވަނީ ގޮވާފައެވެ.

ނުރައްކާތެރި އެކްސިޑެންޓުތައް ޗައިނާގައި ހައިވޭތަކުގައި ހިނގުމަކީ އާއްމު ކަމެކެވެ. އެންމެ ފަހުން ތަފާސް ހިސާބު ނެރުނު އަހަރު ކަމަށްވާ 2015 އަށް ބަލާއިރު، އެ އަަހަރު އެކަނި ޗައިނާގެ މަގުތަކުގައި ހިނގި އެކްސިޑެންޓުތަކުގައި 58 ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.