ރިފާއަތު: ފަހުގެ ޢިލްމުން ފަހުގެ މަސައްކަތަށް

އަވަދިނެތި އުޅެންޖެހުމުގެ ސަބަބުން އަޅުގަނޑުމެން ކުރަން ބޭނުންވާ ކިތަންމެ ކަމެއް ނުކުރެވިފައި ހުރެއެވެ. ބަންދެއް ލިބުނަސް އެކަހަލަ ކަންކަން ކުރެވޭ ވަރަކަށް ވަގުތެއް ނުލިބެއެވެ. ކުރިން ލިބޭ ބަންދުތަކާ ޚިލާފަށް މިފަހަރު އިއްތިފާގުން ތިން މަހެއްވަރު ގޭގައި ބަންދުވެ ތިބެން ޖެހިއްޖެއެވެ. ގިނަބަޔަކަށް މި ދުވަސްކޮޅު ވެގެން ދިޔައީ ކެއްކުމާއި، ފެހުމާއި، އަތްތެރި މަސައްކަތުގެ ހުނަރު ދައްކާލަން ލިބުނު ފުރުސަތަކަށެވެ. އަނެއްބަޔަކަށް ބަންދުގެ ބޭނުން ހިފީ ކުރަން ބޭނުންވެ ނުފެށިފައި ހުރި މަސައްކަތްކުރަން ލިބުނު ފުރުސަތެއްގެ ގޮތުގައެވެ. ގިނަ މީހުން އެމީހުންގެ މަސައްކަތް ސޯޝަލްމީޑިއާގައި ހިއްސާކުރަމުން ދިޔައެވެ. މިކަހަލަ ކިތަންމެ ޕޯސްޓެއްގެ ތެރެއިން އަޅުގަނޑު އެންމެ އަޅައިގަތީ ސ.ހިތަދޫ އަށް އުފަން ރިފާއަތު ހަސަން، ރިފާ ހިއްސާކުރަމުން ދިޔަ ފޮޓޯތަކެވެ. ގޭގައި ހައްދަމުން ދިޔަ ތަރުކާރީ ގަސްގަހުގެ ފޮޓޯއެވެ.

ގައުމީ ޔުނިވަރސިޓީގެ ރިސާޗް އެސިސްޓެންޓެއްގެ ވަޒީފާ އަދާކުރަމުން އަންނަ ރިފާއަތު މާޗު މަހު ރަށަށް ދިޔައީ ސްކޫލް މިޑް-ޓާމް ޗުއްޓީއަށެވެ. ރަށުގައި ހުއްޓައި ކޯވިޑާ ގުޅިގެން ޔުނިވަރސިޓީ ބަންދުކުރުން ވެގެންދިޔައީ ރިފާ އާއި ކޮއްކޮ ރިމްނާ ދެކެމުން އައި ދަނޑުވެރިކަމުގެ ހުވަފެން ހަގީގަތަކަށް ހަދަން ލިބުނު ފުރުސަތަކަށެވެ. މިއީ ރިފާ މަތީ ތައުލީމު ހާސިލުކުރި ދާއިރާއޭ ވެސް ބުނެވިދާނެއެވެ، ރިފާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަރން އިން އެގްރިކަލްޗަަރަލް ސައެންސްގެ ރޮނގުން މާސްޓަރސް ހާސިލުކޮށްފައެވެ، ޚާއްސަވެފައިވަނީ 'ސޮއިލް' (ފަހުގެ)ގެ ދާއިރާ އިންނެވެ.

ކުރިން ރަށުގައި ބަޔޮލޮޖީ ޓީޗަރެއްގެ ވަޒީފާ އަދާކުރި ރިފާ އަބަދުވެސް ގަސްގަހާ ގެއްސަށް ވަރަށް ޝައުގުވެރިކަން ހުރެއެވެ. ރިފާ ބުނި ގޮތުގައި މީގެ ކުރިން އަބަދުވެސް ޝައުގުވެރިވަނީ ލިބިފައި ހުރި މައުލޫމާތު މީހުންނަށް އުނގަންނައިދީގެން، މީހުން ލައްވައި ދަނޑުވެރިކަން ކުރުވުމަށެވެ. ނަމަވެސް މިދިޔަ އަހަރު ނެދަރލޭންްޑްގައި ބޭއްވި ކްލައިމެޓް ލޯންޗްޕެޑްގައި ބައިވެރިވުމަށް ލިބުނު ފުރުސަތުން ރިފާގެ ވިސްނުން ބަދަލުވީއެވެ.

ކޮއްކޮއާއެކު ދަނޑުވެރިކަމުގެ މަސައްކަތް ފަށައގަތުމަށް އެންމެ ފުރަތަމަ އިންދީ ރޮކްމެލަނާއި ކަރާ އަދި ކިއުކަމްބާ އޮށެވެ. މި މަސައްކަތް ފެށީ ގޭގައި 10 ފޫޓު 16 ފޫޓު ތަނެއް ގައި 'ރެއިޒްޑް ބެޑް' ހަދައިގެންނެވެ. ރެއިޒްޑް ބެޑް ތައްޔާރުކުރީ އުކާލާފައި ހުރި ތަކެތި ބޭނުންކޮށްގެންނެވެ. ޕެލެޓް ތައް ބޭނުންކޮށްގެން ރެއިޒްޑް ބެޑް ފްރޭމެއް ތައްޔާރު ކުރީ  ބޭބެއެއްގެ އެހީއާއެކުއެވެ. ގޭގައި ވަޑާންކުރާ ސާމާނު ހުރުމުން އެކަމަށް އެއްވެސް ޚަރަދެއް ނުދެއެވެ.

ރެއިޒް ބެޑްސް ތައްޔާޜުކުރުމުގެ ތެރެއިން

"ރެއިޒްޑް ބެޑް ހަދައިގެން މަސައްކަތް ފެށުމުން ބައެއް މީހުން ބުނި ތީ މާ ބޭރު ސްޓައިލެކޭ. އެކަމަކު ރެއިޒްޑް ބެޑް ކޮންސެޕްޓަކީ ދިރާސާތަކުން ދައްކާ ގޮތުގައި ވެސް ބަލިޖެހޭ މިންވަރު ކުޑަ ކޮންސެޕްޓެއް. އަދި ބިންގަނޑުން މައްޗަށް އުފުލިފައި ހުރުމުން މާ ޕްރޮޑަކްޓިވް ވެސް ވާނެ." ރިފާ ބުންޏެވެ.

ރެއިޒްޑް ބެޑް ހެދި އަނެއް ސަބަބަކީ ގެއަކީ ފުއްޓަރު ފަރާތުގައި ހުންނަ ގެއަކަށްވާތީ ގޭގެ ބިންގަނޑު އެހާ ރަނގަޅު ނުވުމެވެ. ރެއިޒްޑް ބެޑް ގެ އިތުރުން ގަސް ހައްދާން ފުޅިމަދުފޮށި، ހަންބުރި ފަދަ ބާވަތްތައް ބޭނުންކުރިއެވެ. ރިފާގެ ދަނޑުގައި މިހާރު ކައްޓަލަ ވެސް އިންދާފައި އެބަހުއްޓެވެ. ޕީސް އާއި ބީންސްގެ އިތުރުން ދަނޑިއަލުއްވާއި، އޯކްރާ، ބޭސިލް، ޒުވާރި، ފިޔާ، ކޮޕީ ފަތް، މަސްޓަޑް، ބްރޮކަލީ ފަދަ ކިތަންމެ ބާވަތެއް މިހާރު ދަނީ ހައްދަމުންނެވެ. ރަށުގައި މަސައްކަތް ފަަށައިގަތް އިރު ވާރޭވެހި ފެންބޮޑުވެ އަދި ލޮނުގެ އަސަރުކޮށް ގިނަ ބާވަތްތަކަކަށް ގެއްލުންވެސް ލިބުނެވެ.

ކިއުކަމްބާ އާއި ކަރާ އިން މަސައްކަތް ފެށިނަމަވެސް ރިފާ އެންމެ ބޮޑަށް ބޭނުންވަނީ 'މައިކްރޯ-ގްރީންސް' އާއި ސަލަޑް ގްރީންސް ހައްދާށެވެ. އެއީ ސިއްހަތަށް ފައިދާ ހުރި އަދި ހަށިގަނޑަށް ބޭނުންވާ ކާނާގެ ބައިތައް ލިއްބައިދޭ ކުދި ގަސްތަކާއި ފަތްތަކަށް ވާތީއެވެ. ދުޅަހެޔޮ ސިއްހަތަކަށްޓަކައި ހަށިގަނޑަށް ބޭނުންވާ މަލްޓި ވިޓަމިންސް އެކުލެވޭ ބާވަތަކަށް ވާތީއެވެ. އަނެއް ސަބަބަކީ އަވަހަށް ކާން ވެސް ލިބުމެވެ. "ގިނަ މައިކްރޯ ގްރީންސްއަކީ ދެ ހަފްތާ ތެރޭގައި ކާން ލިބޭނެ އެއްޗެއް. އެހާ އަވަހަށް ކާން ލިބޭ އެއްޗަކަށް ވާތީ ރަނގަޅުވާނީ އޯގަނިކް، ނަން-ޖީ.އެމް.އޯ އޮށް." ރިފާ ބޭނުންކުރީ ރާއްޖެއިން ބޭރުން ގެނައި 'އޯގަނިކް' އޮށްތަކެވެ. ގޭގެ ކައްކަން ބޭނުންކުރާ ކޮތަނބިރި، ޕީސް، މަންގް ބީންސް ފަދަ އޮށްތައްވެސް ރިފާ އެކްސްޕެރިމަންޓް ކުރިއެވެ.

(ކްރެސް، މައިކްރޯގްރީންސް(

އަމިއްލައަށް ދަނޑުވެރިކަން ކުރަން ޝައުގު އުފެދުނީ 'އޯގަނިކް ފާމިންގ" ތަމްރީނުތަކެއް އައްޑޫގައި ހިންގުމުގެ ތެރެއިންނެވެ. އޯގެނިކް ކޮށް އަދި ފަސްގަނޑުގައި ގަސް އިންދަން ރިފާ ޝައުގު ވެރިވެއެވެ. 'ސޮއިލް'ގެ ދާއިރާއިން ޚާއްސަވެގެން ހުރުމުން އަމިއްލައަށް އެކަން ކުރުމަކީ މާ އުދނަގޫ ކަމަކަށް ނުވިއެވެ. ރިފާ ބޭނުންވީ އާއްމުކޮށް ރަށްރަށުގައި ދަނޑުވެރިކަން ކުރަން ބޭނުންކުރާ އެކި ކަހަލަ ކެމިކަލް ބޭނުން ނުކޮށް ފަސްގަނޑު ތައްޔާރުކުރާށެވެ. އެ ތަޖުރިބާ ހޯދާފައިވަނީ މެލްބަރންގައި ކިޔަވަމުން ދިޔައިރު މެލްބަރންގެ ދަނޑުބިންތަކުގައި ރިސަރޗް ހަދަން އުޅުމުގެ ތެރެއިންނެއެވެ. އަމިއްލަ ތަޖުރިބާއާއެކު މަސައްކަތް ފެށީ ރަށުގައި ދަނޑުވެރިކަން ކުރާ ބައެއްގެ މަޝްވަރާއާއި ލަފާވެސް ހޯދައިގެންނެވެ.

"ނޮލެޖު ހުއްޓަސް ކުރިއަށް ގެންދެވެނީ އެކްސްޕެރިމެންޓަލް ފޭސްތަކެއް އަސްލު، އެހެން ނޫނަސް އެކްސްޕެރިމެންޓަލް މޯޑުގަ އަދި މިކުރެވެނީ. ބޭނުންގޮތަށް ތައްޔާރުކޮށް ފަސްގަނޑު މުއްސަނދިކޮށް، އޯގަނިކް ކޮށް މަސައްކަތް ކުރުމަށް ވަގުތު ނަގާނެ. ކޮއްކޮ ބޭނުންވީ ދިޔަދޮވި ފަދަ ރީސައިކްލްޑް އެއްޗެހި ބޭނުންކުރަން. ގޭގަ އޮތް ދެ ދިޔަދޮވި ބޭނުންކޮށްގެން އޭގަ އޭޝިއަން ގްރީންސް ކިޔާ ބާވަތްތަކުގެ ސަލަޑް ފަތްތައް ފުރަތަމަ ހެއްދީ. ޕަކް ޗޮއި، ޓަޓްސޮއި، މަސްޓަރޑް ގްރީންސް އަދި މިޒުނާ ފަދަ ފަތްތައް ހިމެނޭ. ރޯދަ މަހު ކެއީވެސް އަމިއްލައަށް ހެއްދި ސެލެޑް ގްރީންސް." ރިފާ ބުންޏެވެ.

ނެދަރލޭންޑްގައި ބޭއްވި ކްލައިމެޓް ލޯންޗްޕެޑްގައި ބައިވެރިވުމަށް ރިފާ ވަނީ ވިޔަފާރި ކޮންސެޕްޓެއް ފަރުމާކޮށްފައެވެ. އެއީ މާލެ ކަހަލަ ކުދިކުދި ބިންބިމުގައި ހުންނަ ބެލްކަނީތަކާއި، ޓެރަސްފަދަ ތަންތަނަށް ނުވަތަ ގޯތި ތެރޭގައި އަމިއްލައަށް ތަރުކާރީ އާއި މޭވާ ހައްދަން ބޭނުންވާ މީހުންނަށް ބޭނުންކުރެވިދާނެ ކަސްޓަމައިޒްޑް ސިސްޓަމްތަކެވެ. sq.ft ގެ ނަމުން ނަންދީގެން ފަރުމާކުރި މި ކޮންސެޕްޓަކީ ރިފާ އޭނާގެ ދެ އެކުވެރިންނާއި އެކު އުފެއްދި ވިޔަފާރި ކޮންސެޕްޓަކެވެ. މިފަދަ ސިސްޓަމްސްތަކެއް ހަދައި ކްލަޔަންޓުންނާ ހަމައަށް ފޯރުކޮށްދިނުމަކީ ރިފާ ދެކޭ ހުވަފެނެކެވެ. ނަމަވެސް އެކަމަށް އޮތް ހަމައެކަނި ހުރަހަކީ މަސައްކަތް ފަށަން ހިނގާނެ ޚަރަދު ލިބޭނެ ގޮތެއް ނެތުމެވެ.

ރިފާގެ ދަރިވަރަކުވެސް ވަނީ އޭނާގެ އިރުޝާދުގެ ދަށުން ޕްރޮޖެކްޓެއްގެ ގޮތުގައި ކިއުކަމްބާ އާއި އެއަށް ބޭނުންކުރާ ތަފާތު ވައްތަރުގެ ކާނާ އާއި ގުޅޭގޮތުން ރިސަރޗެއް ހަދާފައެވެ. "ވިސްނުމަކީ އަބަދުވެސް އަރބަން ފާރމިންގގެ ކޮންސެޕްޓެއްގައި ބޭނުންކުރެވޭނެ ސިސްޓަމްތަކާއި ކޮންސެޕްޓް ރިސަރޗް ކުރުން. އެ ޕްރޮޖެކްޓަށް ބޭނުންކުރީ "ކޮންޓެއިނަރ ގްރޯވިން ސިސްޓަމެއް، އަދި ވަރޓިކަލް ކޮށް ހެއްދީ" ރިފާ ބުންޏެވެ.

ރިފާގެ އުއްމީދަކީ ބޭރު ތަންތަނުގައި ހުންނަ ހޯމް ގާރޑަންސް ކޮންސެޕްޓާއި އާރބަން ފާރމިންގް ކޮންސެޕްޓްތަކާއި ނާސަރީތައް ރާއްޖެ އަށް  އެކަށޭނެގޮތަށް ހަދައި އެފަދަ ގޮތަކަށް ތަރުކާރީއާއި މޭވާ ގަސްތައް ހެއްދުމެވެ. ވިޔަފާރިގެ ހުވަފެން ވެސް ހަގީގަތަކަށް ވުމެވެ. އަމިއްލަ ގޭގައިވެސް ރާވާއިގެން، ރީތިކޮށް ކާނާ އަޅާ ގަސް ހައްދަން ބޭނުންވާ މީހުންނަށް އެހީވުމެވެ. "ޒަމާނާއި އެއްގޮތަށް  ލޭންޑްސްކޭޕިންގ ސްޓައިލަށް ތަރުކާރީގެ ބާވަތްތައް ހެއްދުން." ރިފާ ބުންޏެވެ. އުއްމީދަކީ ރިފާގެ ހުވަފެން މުޅިން ހަގީގަތަކަށްވެ، މި މަސައްކަތް ރަނގަޅަށް ކުރެވޭނެ މަގު އަވަހަށް ފަހިވުމެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.