ކާބުލްގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި ހަތަރު މީހުން މަރާލައިފި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އިއްޔެ ހުކުރު ވަގުތު މިސްކިތެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން ހަތަރު މީހުން މަރުވެ، މަދުވެގެން އަށް މީހުން ޒަޚަމްވެއްޖެއެވެ. ސަރުކާރުން ހާމަކުރި ގޮތުގައި މަރުވި މީހުންގެ ތެރޭގައި މިސްކިތުގެ އިމާމުވެސް ހިމެނެއެވެ.

"ޝޭރް ޝާހް ސޫރީ މިސްކިތުގެ ތެރޭގައި ބަަހައްޓާފައި ހުރި ގޮވާތަކެތި ގޮވީ ހުކުރު ނަމާދަށް ތިއްބައި." އަފްޣާނިސްތާނުގެ ހޯމް މިިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެއެވެ. ބަޔާނުގައި ވާގޮތުން އިމާމުވެ ހުކުރު ނަމާދު ކުރައްވަން ހުންނެވި ޢަޒީޒުﷲ މުފްލިޙު ވެސް ވަނީ މިގޮވުމުގައި އަވަހާރަވެފައެވެ. އޭނާއަކީ ކާބުލްގެ އެންމެ މަގުބޫލު އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ޚަބަރުތައް ބުނާގޮތުގައި ބޮން ގޮވާފަައި ކާބުލްގައި މަތީ ފަންތީގެ މީހުން ދިރިއުޅޭ ސަރަހައްދެއް ކަމުގައިވާ ކަރްތާ-4 ގައެވެ.

މި ހަމަލާގެ ޒިންމާ އެެއްވެސް ޖަމާއަތަކުން އުފުލާފައި ނުވާއިރު، މި މަހުގެ ކުރީކޮޅު މިސްކިތަކަށް ދިން ހަމަލާގެ ޒިންމާ އައިސިސްގެ އަފްޣާން ގޮފިން ވަނީ އުފުލާފައެވެ.

އަފްޣާނިސްތާނުގެ ހަރަކާތްރިވާ އައިސްގެ ގޮފި، އިސްލާމިކް ސްޓޭޓް އޮފް ޚުރާސާން ޕްރޮވިންސް ވަނީ އަފްޣާނިސްތާނުގައި ބައިމަދު ޝީޢާއިންނަކީ ދީނާ ޚިލާފު ބައެއް ކަމަށް ކަނޑައަޅައި، ޝީޢާއިންެގެ މިސްކިތްތަކަށް ގިނަ ހަމަލާތަކެއް ދީފައެވެ. އެ ޖަމާއަތުން ބައެއް ފަހަރު ސުންނީ މިސްކިތްތަކަށް ވެސް ހަމަލާދީފައި ވެއެވެ. އިއްޔެ ހަމަލާދިން މިސްކިތަކީވެސް ސުންނީ މިސްކިތެކެވެ.

ޠާލިބާން ޖަމާއަތުން ވަނީ އިއްޔެގެ ހަމަލާއާ އެއްވެސް ގުޅުމެއް ނެތްކަން ހާމަކޮށްފައެވެ. އެ ޖަމާއަތުގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު މީސް މީޑިޔާގައި ހާމަކުރެއްވި ގޮތުގައި، އެ ހަމަލާއަކީ މި ނާޒުކު ދަނޑިވަޅުގައި ކުރިއަށްދާ ސުލްހައިގެ ވާހަކަތަކާ ދެކޮޅަށް "ދުޝްމަނުން" ރާވަމުންދާ ނުރައްކާތެރި ރޭވުމެއްގެ ބައެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.