ހިތަކުން: ދަރިފުޅު ދުނިޔެއަށް އުފަންވުމަށްފަހު 7 އަހަރާއި ހަމައަށް، އިސްމާލާމީ ނަޒަރަކުން ދަރިންގެ ޙައްޤުތައް

ދުނިޔެއަށް ދަރިފުޅު އުފަންވުމާއި ގުޅިގެން އެދަރިފުޅުގެ މައިންބަފައިންގެ މައްޗަށް ޙައްޤުތަކެއް ވެއެވެ.

ޤިޔާމަތްދުވަހު ދަރިންނާއި މައިންބަފައިންގެ ޙައްޤުތަކާއި ބެހޭގޮތުން ސުވާލު ކުރެއްވުމުގެ ކުރިން ދަރިންގެ ޙައްޤުތައް މައިންބަފައިން އަދާކޮށްފައި ވޭތޯ މައިންބަފައިންނާ  ސުވާލުކުރެވޭނެކަމަށް އަންނަނިވި އާޔަތުގެ އަލީގައި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.

قال تعالى: {يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ} (سورة التحريم ، الآية: 6) އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! .

ޙައްޤުތައް:

1-އުފަންވާ ދުވަހު އަދާކުރަންޖެހޭ ޙައްޤުތައް:

އުފަންވާ ވަގުތު ދަރިފުޅުގެ ކަނާތު ކަންފަތްދޮށުގައި ބަންގި އަދި ވާތު ކަންފަތް ދޮށުގައި ޤަމަތް ދިނުން. ފުރަތަމަ ދޭ ކާނާއެއްގެ ގޮތުގައި ކަދުރުކޮޅެއް ޗިސްކޮށްލާނީއެވެ. އަދި  ބިސްމި ކިޔުމަށްފަހު ހިރުގަނޑާއި މަތީ ތަލީގައި އުނގުޅާލުން.

2- ހަތްވަނައަށްވާ ދުވަހު:

ދަރިފުޅު ދުނިޔެއަށް އުފަންވުމަށްފަހު އެދަރިފުޅަށް ރީތިމާނައެއް ލިބިގެންވާ ނަމެއް ކިޔުމީ އެ ދަރިފުޅަށް ލިބިގެންވާ ޙައްޤެކެވެ. އެގޮތުން ކުއްޖާ ދުނިޔެއަށް އުފަންވާ ދުވަހު ނުވަތަ ތިންވަނައަށް ވާ ދުވަހު ނުވަތަ ހަތްވަނައަށް ވާދުވަހުވެސް ނަން ދެވިދާނެއެވެ. މި ތިންގޮތަކީވެސް ސުންނަތުގައި އައިސްފައިވާ ގޮތްތަކެވެ. ނަމަވެސް މޮޅު އިތުރުވެގެންވަނީ 7 ވަނަ އަށްވާދުވަހު ނަންކިއުމެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ: كُلُّ غُلَامٍ مُرْتَهِنٌ بِعَقِيْقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ وَيَحْلِقُ وُيُسَمِّى - (رواه الإمام أحمد وأهل السنن بإسناد صحيح) މާނައީ ކޮންމެ ކުއްޖަކުވެސް އޭނާގެ 7 ވަނަ ދުވަހު އޭނާގެ މަތިން ކަތިލަންޖެހޭ ޢަޤީޤާ ކަތިލެވެންދެން އަދި އޭނާގެ ބޯ ބާލައި ނަމެއް ކިޔެންދެން އޭނާ ވާނީ ހިފެހެއްޓިފައެވެ. އެބަހީ (އޭނާގެ މައިންބަފައިންނަށް އެކަމުން ލިބެންވާސަވާބާއި ދަރުމަ ވާނީ ނުލިބިއެވެ.)

ޢުމަރުގެފާނުގެ ޚަލީފާވެރި ކަމުގައި ބައްޕަޔަކު އޭނާގެ ދަރި،  އެބައްޕަޔަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރާ ކަމުގެ ޝަކުވާ ހުށަހެޅިއެވެ.

ޢުމަރުގެފާނަކީ ޢަދުލްވެރި ކަމުގެ ނަމޫނާއިން މިސާލުޖެހޭ މަޝްހޫރު ޚަލީފާއެވެ. ދަރުބާރަށް ދަރިފުޅު ޙާޟިރު ކުރެވިއްޖެއެވެ. ޝަރީޢަތުގެ މަޖިލީހުގައި އެކަލޭގެފާނު ފުރަތަމަ އެއްސެވީ ބައްޕަގެ ވާހަކައެވެ. އެއީ ދަޢުވާ ކުރާމީހާ ކަމުގައި ވާތީއެވެ. އޭނާ ދެންނެވިއެވެ. ތިމަންނާގެ މިހަރަ ދަރިފުޅު ތިމަންނާއަށް އޭނާއަދާކުރަންޖެހޭ ޙައްޤުތައް އަދާ ނުކޮށް ތިމަންނާއާމެދު ވަނީ ބޭ އަދަބީ ވެފައެވެ. އެހިނދު ދަރިފުޅު ޖަވާބުދާރީ ވުމުގެ ފުރުޞަތު ދެއްވުމުން ދެންނެވިއެވެ. އޭ އަމީރުލް މުއްމިނީނެވެ. ދަރިންނަށްޓަކައި ބައްޕަ އަދާކުރަންޖެހޭ ޙައްޤުތަކެއް ވޭތޯއެވެ؟ އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ: އާއިކެވެ. "ރަނގަޅު ހެޔޮލަފާ މަޔަކު އިޚްތިޔާރު ކުރުމާއި ރީތި ނަމެއް ކިޔުމާއި ޤުރްއާން އުގައްނައި ދިނުމެވެ." އޭނާދެންނެވިއެވެ. ތިމަންނާގެ ބައްޕަ ތިމަންނާއަށް ތިޔައިން އެއްވެސް ޙައްޤެއް އަދާކޮށެއް ނުދެއެވެ. ތިމަންނާގެ މަންމައަކީ (އަޚުލާގެއްނެތް) އަންހެނެކެވެ. އޭނާ ކުރިން އިނީ މަޖޫސީއެއްގެ އަންބެއްގެ ގޮތުގައެވެ. ފަހުން ބައްޕަ އިނީއެވެ. ތިމަންނާއަށް ކިޔާފައި ވާނަމަކީ ޚުންފުސާ (ރުކުމަޑިއެވެ.) ތިމަންނާއަށް ޤުރްއާނުން އެއްވެސް މިންވަރެއް ދަސްކޮށްދީފައެއް ނުވެއެވެ. ދެން ޢުމަރުގެފާނު އޭނާގެ ބައްޕައާދިމާއަށް އެނބުރި ވަޑައިގެންފާ ވިދާޅުވިއެވެ: "ކަލޭތަ ކަލޭގެދަރިފުޅު ޙައްޤުއަދާ ނުކުރާކަމުގެ ޝަކުވާ އާއިގެން ތިޔައައީ؟" ކަލޭ ވަނީ އޭނާ ކަލެއަށް ޙައްޤު އަދާނުކުރުމުގެ ކުރިން އޭނާގެ ޙައްޤުތަކަށް އިހުމާލުވެ އެޙައްޤުތައް އަދާނުކޮށެވެ.

3- ޚިތާނުކުރުން 

ދިރާސާތަކުން ދައްކާ ގޮތުގައި ޚިތާނުކުރުމަކީ ފިރިހެނުން އެކިއެކި ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދޭ ކަމެކެވެ. އަދި އެއީ ކޮންމެ ފިރިހެން ދަރިއަކަށް ލިބިގެންވާ ޙައްޤެކެވެ. އެގޮތުން ކުއްޖާ ވިހާ ދުވަހުންފެށިގެން ބާލިޣު ވުމާހަމައަށް އިޚްތިޔާރު އޮންނާނެއެވެ. ނަމަވެސް ބާލިޣު ވުމަށްފަހު ޚިތާނު ކުރުން ވާޖިބުވާނެއެވެ. މޮޅުއިތުރުވެގެން ވަނީ ވީހާވެސް އަވަސް ކުރުމެވެ. އެހެނީ ކީރިތި ރަސުލާ އެކަލޭގެފާނުގެ ކާފަ ދެދަރި ކަލުން ކަމުގައިވާ ޙަސަންގެ ފާނާއި ޙުސައިންގެފާނު ޚިތާނު ކުރެއްވި ކަމަށް ވާރިދުވެފައި ވަނީ 7 ވަނަދުވަހުގެއެވެ.   عَنْ جَابِرٍ قَالَ : (عَقَّ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ الْحَسَنِ وَالْحُسَيْنِ ، وَخَتَنَهُمَا لِسَبْعَةِ أَيَّامٍ ) والحديث سنده ضعيف . انظر : إرواء الغليل (4/383)

މާނަ: رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަސަނުގެ ފާނާއި ޙުސެއިނުގެ ފާނުގެ ޢަޤީޤާ ކަތިލައްވައި ޚިތާނު ކުރެއްވީ 7 ވަނަ ދުވަހުގައެވެ.

4- ގާތުން ކިރުދިނުން

ކުއްޖާގެ އުމުރުން 2 އަހަރުވުމުގެ ނިޔަލަށް މައިމީހާގެ ގާތުން ދަރިފުޅަށް ކިރުދިނުމަކީ އެދަރި ފުޅުގެ ޙައްޤެކެވެ. ފަހުގެ ހޯދުންތަކުންވެސް ހާމަވާގޮތުގައި ގާތުން ކިރުދިނުމަކީ ކުއްޖާގެ ސިއްޚަތަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް އެތަކެއް ފައިދާތަކެއް ކުރާކަމެކެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ: {وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ الرَّضَاعَةَ ۚ} (سورة البقرة ، الآية :233) މާނައީ މައިން، އެކަނބަލުންގެ ދަރިންނަށް ކިރުދޭހުށީ، ފުރިހަމަ ދެއަހަރުގެ مدة އަށެވެ. އެއީ، ކިރުދިނުން ފުރިހަމަކުރުމަށް قصد ކޮށްފި މީހަކަށެވެ.

ތަރުބިއްޔަތުގެ ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި  ދުނިޔެއަށް އުފަންވުމަށްފަހު 7 އަހަރާއި ދެމެދު  އިންސާނާ ދަސްކުރާނީ ހަމައެކަނި އޭނާގެ ކަންފަތަށް އިވޭ އަޑުއަޑާއި  ލޮލަށް ފެންނަ މަންޒަރުތަކެވެ. އެގޮތުން މި އުމުރުގައި ދަރިފުޅު ނަކަލު ކުރާނީ އޭނާގެ މައިންބަފައިންގެ ފަރާތުންނާއި އޭނާގެ ވަށައިގެންވާ މާހައުލުން ތަޖުރިބާކުރާ ކަންކަމެވެ. އެހެންކަމުން ކުއްޖާ އަށް އޭނާ އުޅެންވީ ކޮންކަހަލަ މާހައުލެއްގައިކަމާއި އެ މާހައުލުގައި އުޅުމަށްޓަކައި އޭނާ އައްޔަނު ކުރަންވީ ކޮންކަހަލަ އަޚްލާޤެއް ނުވަތަ ސިފަތަކެއް ލިބިގެންވާ ބައެއްތޯ އެންމެ ތުއްތު އިރުއްސުރެ ދަސްކޮށްދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. މިހެން ޢަމަލުކޮށްފިނަމަ އެދަރިފުޅު ބޮޑުވެގެން އަންނައިރު ކޮންމެ ކަހަލަ މާހައުލެއްގައި އުޅެން ޖެހުނުކަމުގައިވިޔަސް ރަނގަޅުމަގު އިޚްތިޔާރު ކުރާނެއެވެ. އަދި ރަނގަޅު ރަޙްމަތްތެރިންނާ ގޯސް ރަޙްމަތްތެރިންވެސް ވަކިކުރަން ދަސްވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.