ރިޓެއިލް ފިހާތަރަކާއި ރިޓެއިލް ޚިދުމަތްތައް ވެސް މިމަހު 15 އިންފެށިގެން އާއްމުކޮށް ހުޅުވާލާނެ

ރިޓެއިލް ފިހާރަތަރަކާއި ރިޓެއިލް ޚިދުމަތްތައް ވެސް މިމަހު 15 އިންފެށިގެން އާއްމުކޮށް ހުޅުވާލުމަށް ހަމަޖައްސަވައިފިއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ހެލްތްމިނިސްޓްރީގެ  އެސިސްޓަންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ ފިހާރަތައް އާއްމުކޮށް ހުޅުވާލާއިރު އެތަންތަނަށް އެއްފަހަރާ ވަދެވޭނެ މީހުންގެ ޢަދަދު އާއްމުންނަށް ފެންނާނެ ގޮތަށް ތަނުގެ ބޭރުގައި ތަތްކޮށްފައި ބަހަށްޓަންޖެހޭނެކަމަށެވެ. ގައިދުރުކަން ބެހޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. ބޭރުގައި މަޑުކުރަން ޖެހޭ އިރު ބިންމަތީގައި ތިންފޫޓުން ފާހަގަކޮށްފައި ބަހަށްޓަން ޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ.

ފިހާރަތަކާއި އާއްމު ޚިދުމަތް ދޭ ތަންތަން ހުޅުވައިފައި ބެހެއްޓޭނީ ރޭގަނޑު 9 އެއް ޖެހުމާ ހަމައަށެވެ. ނަމަވެސް ރެސްޓޯރެންޓްތަކުން ޑެލިވަރީގެ ޚިދުމަތް 11 ޖެހުމާ ހަމައަށް ދެވޭނެއެވެ. ނަމަވެސް އާއްމުކޮށް ބޭރުގައި އުޅުމުގެ ހުއްދަ އޮންނަނީ ރޭގަނޑު 10 އަކާ ހަމައަށް ކަމަށް ވާތީ އޭގެ ފަހުން ޑެލިވަރީ ކުރާ ފަރާތްތަކަށް ވެސް ބޭރުގައި އުޅެވޭނީ ފުލުހުންގެ ހުއްދަޔާއެކުގައި ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ. ރެސްޓޯރެންޓް ކެފޭތައް ވެސް ޑެލިވަރީގެ އިތުރުން ޓޭކްއަވޭއަށް ޖޫން ފަނަރައިން ފެށިގެން ހުޅުވާލެވޭނެއެވެ. ނަމަވެސް އެތަންތަނުގައި ގައުދުރުކަމުގެ އިންތިޒާމު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައި ހުންނަންޖެހެއެވެ.

ޚިދުމަތްދޭ ތަންތަން ހުޅުވާލެއްވި ނަމަވެސް ބަންދު ކޮށްފައި ހުންނަ ތަންތަނުގައި މާސްކް އަޅައިގެން އުޅުމަށް ހެލްތް މިނިސްޓްރީން އިލްތިމާސް ކުރައްވައެވެ.

އާންމު ކަނޑު ދަތުރު ފަތުރުވެސް މާލެ ސަރަޙައްދަށް ނޫނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެއްވެސް ހިފެހެއްޓުމެއް ނެތި ޖޫން 15 އިން ފެށިގެން ހުޅުވާލެވޭނެއެވެ. ނަމަވެސް މާލެއަށް އައިސް ފުރުމުގައި ވަކި އުޞޫލުތަކެއް އަދިވެސް އޮންނާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.

ސަރަޙައްދީ އެއަރޕޯޓްތައް ވެސް އެތެރޭގެ އުދުހުން ތަކަށް މިމަހު 15 އިން ފެށިގެން ހުޅުވާލުމަށް ވަނީ ހަމަޖައްސަވައިފައެވެ. އަދި މާލެ ސަރަޙައްދުގެ ޕަބްލިކް ޓްރާންސް ޕޯރޓާއި ޓެކްސީގެ ޚިދުމަތައްތައްވެސް އެޗްޕީއޭގެ ގައޑްލައިންތަކާއެއްގޮތަށް ދެމުން ގެންދެވޭނެއެވެ.

ޖޫން 15 އިން ފެށިގެން ބޮޑެތި ލުއި ތަކެއް ދިންކަމުގައި ވިއަސް އިޖްތިމާއީ ގައިދުރުކަން ހިފެހެއްޓުމާއި ކޮންމެހެން ބޭރުގައި އުޅެންޖެހޭ ކަމެއްގައި ނޫނީ ބޭރުގައި ނޫޅުމަށް ހެލްތް މިނިސްޓްރީން އިލްތިމާސް ކުރައްވައެވެ. ހާލަތު ގޯސްވާނަމަ ލޮކްޑައުންނަކަށް ނުދިޔަ ނަމަވެސް އިތުރު ހިފެހެއްޓުން ތަކެއް ހިފަހަށްޓަން ޖެހިދާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ. ޖޫން ފަނަރަ އިން ދެވޭ ލުއި ތަކަކީ ވެސް ދެހަފާތާއަށް ދެވޭ ލުއިތަކެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.