މެލޭޝިޔާ މީހުން މިއަހަރު ހައްޖަށް ދިއުން މަނާކޮށްފި

މެލޭޝިޔާ ރައްޔިތުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ދިއުން އެގައުމުން މަނާކޮށްފިއެވެ. ނޮވެލް ކޮރޯނާ ވައިރަސްއިން ފެތުރޭ ކޮވިޑް- 19 އިން ރައްކާތެރިވުމުގެ ގޮތުން މެލޭޝިޔާއިން މި ފިޔަވަޅު އެޅިއިރު އަވަށްޓެރި އިންޑޮނޭޝިޔާއިން ވެސް ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު އެ ގައުމުގެ ރައްޔިތުން ނުފޮނުވާނެކަން އިއުލާންކޮށްފައެވެ.

މެލޭޝިޔާއިން ކޮންމެ އަހަރަކު އެތައްހާސް މީހުން ހައްޖަށް ދެއެވެ. ކޮންމެ ގައުމަކުންވެސް ހައްޖަށް މީހުންނަށް ދެވެނީ އެ ގައުމުގެ މުސްލިމުންެގެ އާބާދީގެ ނިސްބަތުން ކަނޑައަޅާފައިވާ ކޯޓާއަކަށްް ކަމަށް ވާތީ، މެލޭޝިޔާގައި ހައްޖަށް ދާން ބޭނުންވާ މީހުންގެ ކިޔު ވަަރަށް ދިގެވެ. ފާއިތުވި އަހަރު ހައްޖަށް މީހުން ފޮނުވަން މެލޭޝިޔާއަށް 30 ހާސް 200 މީހުންގެ ކޯޓާއެެއް ލިބުނު އިރު މިއަހަރު އޮތީ 31 ހާސް ހަސަތޭކަ މީހުންގެ ކޯޓާއެއް ލިބިފައެވެ.

ވަކި ގޮތަކަށް އަންގަންދެން ހައްޖާއި އުމްރާގެ އަޅުކަމަށް މީހުން ސައޫދީ އަރަބިއްޔާއަށް އެތެރެވުން ވަގުތީގޮތުން މަނާކޮށްފައި ވާއިރު، އެކަމަށް ހުއްދަ ދޭނެ ދުވަހެއް އެގައުމުން އަދި ހާމަނުކުރެއެވެ. އެހެންނަމަވެސް، ފާއިތުވި މޭ މަހުގެ ފަހުކޮޅުން ފެށިގެން އެގައުމުގައި އޮތް ލޮކްޑައުންގެ ހާލަތަށް ވަނީ ދޫދޭން ފަށާފައެވެ.

ރެލިޖަސް އެފެއާޒް މިނިސްޓަރު ޒުލްކިފްލި މުޙައްމަދު އަލްބަކްރީ ވިދާޅުވި ގޮތުގައި މެލޭޝިޔާ ރައްޔިތުން ހައްޖަށް ދިއުން މަނާކުރަން ނިންމީ ކޮވިޑް- 19 ޖެހިދާނެ ކަމަށްޓަކައެވެ.

"އަހަރެން އުއްމީދުކުރަން ހައްޖަށް ދާން ބޭނުން މީހުން ކެތްތެރިވެ، މި ނިންމުމަށް އިހުތިރާމުކުރާނެ ކަމަށް.” ނޫސްވެރިންނާ ބައްެދަލުކުރައްވަމުން ޒުލްކިފްލި ވިދާޅުވިއެެވެ.

މެލޭޝިޔާގެ ހައްޖުގެ ކަންތައް އިންތިޒާމުކުރާ ކުންފުނި ތަބުންގް ހާޖީއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ މިނިންމުމުގެ އަސަރު މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ އުއްމީީދުގައި ތިބި 31 ހާހަށްވުރެ ގިނަ މީހުންނަށް ކުރާނެ ކަމުގައެވެ.

މެލޭޝިޔާގައި މިހާތަަނަށް 8 ހާހަށްވުރެ ގިނަ މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވްވެ، 118 މީހުން މަރުވެފައި ވެއެެވެ.

މިއަހަރު ހައްޖަށް މީހުން ނުފޮނުވާނެ ކަމަށް ފާއިތުވި ހަފުތާގައި އިއުލާންކުރި އިންޑޮނޭޝިޔާއަކީ ހައްޖަށް އެންމެ ގިނައިން މީހުން ފޮނުވާ ގައުމެވެ. އެގައުމުން އަހަރަކު 2 ލައްކައަށްވުރެ ގިނަ މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.