ފަރުވާއެއް ނުލިބުނު ބައްޔެއް، ކަނާތު ފައިގައި އެކަނިވެސް 100 ކިލޯ!

އަރުން ރާޖަސިންގ ގެ އުމުރުން 34 އަހަރެވެ. ނަމަވެސް އޭނާގެ ކަނާތު ފައިގެ ބަރުދަން އުޅެނީ ސަތޭކަ ކިލޯއަށްވުރެވެސް މަތީގައެވެ. މިއީ ހަމަ އެކަނި އޭނާގެ ފައިގެ ބަރުދަނެވެ.  ރާޖަސިންގގެ އުނަގަނޑާ އޭނާގެ ފައިގެ ވަށަމިނާ އެއްވަރެވެ.

ރާޖަސިންގ ގެ ފަޔަށް ޖެހިފައިވާ ބައްޔަށް އަދި އަލިމަގެއް ފެންނާކަށް ނެތް ކަމަށެވެ. ނަމަވެސް އިންޑިއާގެ ސިއްހަތާބެހޭ ފަރާތްތަކުން އެކަމަށް ހައްލު ނުވަތަ އެބައްޔަށް ފަރުވާއެއް ދެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

ރާޖަސިންގ ބުނެފައި ވަނީ އެމައްސަލައަކީ އޭނާ ވިހޭއިރުވެސް ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. އެކަމުގެ ސަބަބުން ދިރިއުޅުމުގައި ކުރިއަށްދާން ވަރަށްބޮޑެތި އުނދަގޫތަށް ދިމާވެފައި ވީނަމަވެސް އަޒުމަށް ބަދަލު ނާންނަ ކަމަށް އޭނާ ބުނެފައިވެއެވެ.

“އަދި މިހާތަނަށް ޑޮކްޓަރުންނަށް ކުރެވުނު މާބޮޑު ކަމެއްނެތް، ހަމައެކަނި ރިސާޗް ކުރުން ފިޔަވާ، ނަމަވެސް އަހަރެން އުއްމީދު ކަނޑައެއް ނުލަން، އަހަރެން އުއްމީދު ކުރަނީ ކޮންމެވެސް އިރަކުން އަހަންނަށް ފަރުވާއެއްލިބޭނެ ކަމަށް" އޭނާ ބުންޏެވެ.

އަރުން ރާޖަސިންގ ގެ ފަޔަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން އެއްތަނުން އަނެއްތަނަށް ދަތުރު ކުރަނީ ވީލް ޗެއާއެއްގައެވެ. އޭނާގެ އަމިއްލަ މަސައްކަތުން ކިޔަވާފައި ހުރުމުން ބައެއް އިންޖިނިއަރިން ކޮލެޖް ތަކުގެ އެކި ވަޒީފާތައް އަދާކުރި ނަމަވެސް ފައި އިންތިހާއަށް ބޮޑުވަމުން އަންނާތީ ވަޒީފާއަށް ދިއުމަށްވެސް ރާޖަސިންގއަށް މިހާރު ވަނީ ނުކުޅެދިފައެވެ. ނަމަވެސް އޭނާގެ އަޒުމަކަށް ބަދަލެއް ނާދެއެވެ.

ރާޖަސިންގ ބުނެފައި ވަނީ އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ އަމިއްލަ ސޮފްޓްވެއާ ކުންފުންޏެއް އުފެއްދުމަށް ކަމަށެވެ. އެކަމުގައި ކާމިޔާބު ހޯދާނެކަމަށް އޭނާ ބުނެފައިވެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.