މެޑަމް އޮފީހުން 3 ލައްކަ ދިން، އެއީ ހަލާލު ފައިސާ ނޫންނަމަ އިސްތިއުފާދޭން ތައްޔާރު- މަހްލޫފް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމުން ދީފައި ވަނީ ތިން ލައްކަ ރުފިޔާ ކަމަށާއި އެފައިސާއަކީ ހަލާލް ނޫން ފައިސާ ކަމަށްވާނަމަ މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހްލޫފް ވިދާޅުވެއްޖެއެވެ.

ބ. ކަމަދޫގައި އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ މަޖިލީހުގެ އިންތިޚާބަށް ޚަރަދު ކުރުމަށް ޕީޕީއެމުން ދިން ފައިސާ އޭނާއަށް ހަވާލު ކޮށްފައި ވަނީ ރައީސް ޔާމީންގެ އަނބިކަނބަލުންގެ އޮފީހުން ކަމަށާއި އެ ފައިސާއާ އޭނާއާ ހަވާލު ކޮށްފައި ވަނީ ސީދާ ރައީސް ޔާމީން އާއި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ހާޒިރު ގައި ކަމަށެވެ.

"މެޑަމް ފާތުމަތު އިބްރާހިމް ދީދީގެ އޮފީހަށް ރައީސް ޔާމީނާ އަދީބުގެ ހާޒިރުގަ ގެންގޮސް ތިން ލައްކަ ރުފިޔާދިން. އޭގެއިތުރަކަށް ޕީޕީއެމަކުން އެއްޗެއްނުދޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެފައިސާ އަކީ ރައީސް ޔާމީނު އެވިދާޅުވާ ކަހަލަ ފައިސާ ކަމަށް ވަންޏާ އަޅުގަނޑު މިހިރީ އިސްތިއުފާ ދޭށޭ" ރޭގެ ޖަލްސާގައި މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް މިހެން ވިދާޅުވިއިރު މަޖިލިސް އިންތިޚާބުގައި އަޙްމަދު އަދީބު މަޖިލީހުގެ ބަޔެއް މެމްބަރުންގެ ކެމްޕޭނަށް ހަލާލް ނޫން ފައިސާ ދެއްވިކަމުގެ ތުހުމަތު ރައީސް ޔާމީން ވަނީ ކުރައްވާފައެވެ. އަދި އެކަން ގަބޫލުކުރެއްވޭ މެމްބަރުންގެ އިސްތިއުފާއަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.