1967 ވަނަ އަހަރު އިސްރާއީލުން ގަދަބާރުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ބިނާކޮށްފައިވާ ޔަހޫދީ އާބާދީތަކަކީ ގާނޫނީ ގޮތުން ސައްހަ ތަންތަންކަަމަށް ކަނޑައަޅާ ގާނޫނު އިސްރާއީލުގެ ހައިކޯޓުން ބާޠިލުކޮށް އެ ތަންތަން ޣައިރުގާނޫނީ ކަމަށް ނިންމައިފައެވެ.
ކޯޓުން ބުނި ގޮތުގައި އެ ގާނޫނުގެ ސަބަބުން ފަލަސްޠީނު މީހުންގެ ހައްގަށް އުނިކަން ލިބެއެވެ.
ބާޠިލުކުރި ގާނޫނަކީ އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް، ކްނެސެޓުން 2017 ވަނަ އަހަރު ފާސްކުރި ގާނޫނެކެވެ. އެ ގާނޫނު ފާސްކުރުމާއެކު، އިދިކޮޅު ފަރާތްތަކުން ވަނީ ގާނޫނުގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފައެވެ.
ބާޠިލުކުރި ގާނޫނު ބުނާގޮތުން އެ ގާނޫނު ފާސްކުރުމުގެ ކުރިން ފަލަސްޠީނު މީހުންގެ ބިންތައް ނަގައިގެން ޔަހޫދީންނަށް ބިނާކޮށްދީފައިވާ 4 ހާހެއްހާގެ އެއީ ގާނޫނީ ގޮތުން ސައްހަ ގޮތުގައި ބިނާކޮށްފައިވާ ގެތައް ކަމަށް ކަނޑައަޅައި، އެ ބިންތަކުގެ ވެރިންނަށް ބަދަލުގެ ގޮތުގައި އެހެން ތަނަކުން ބިން ދެވޭނެއެވެ.
ކޯޓުގެ ނިންމުމާއެކު، އިސްރާއީލުގެ ކަނާތު ފިޔަައިގެ ޕާޓީތަކުން ވަނީ ހައިކޯޓުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
"އާބާދީތައް ބިނާކުރާ އިދާރާއަށާއި، އާބާދީތަަކުގެ މުސްތަގުބަލަށް މުހިއްމު ގާނޫނެއްގެ ތެރެއަށް ހައިކޯޓު ވަނުމަކީ ވަރަށް ދެރަ ކަމެއް." ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫޑް ޕާޓީގެ ޓުވީޓެއްގައި ވެއެވެ. "މި ގާނޫނު އަލުން ވުޖޫދަށް ގެނައުމަށް އަހަރުމެން މަސައްކަތްކުރާނަން." އެ ޓުވީޓުގައި ވެއެވެ.
އެއްބައިވަންތަކަމުގެ ސަރުކާރުގައި ލިކޫޑް ޕާޓީގެ ބައިވެރިޔާ ބުލޫ އެންޑް ވައިޓް ޕާޓީން ބުނެފައި ވަނީ ކޯޓުގެ ނިންމުން "އިސްރާއީލުގައި އޮތް ގާނޫނީ ހާލަތާއި" ފުށުއަރާކަމުގައެވެ. އެހެންނަމަވެސް އެ ޕާޓީން ހައިކޯޓުގެ ނިންމުމަށް އިހުތިރާމުކުރާނެ ކަމުގައެެވެ.
ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ 9 ފަނޑިޔާރުންގެ ތެރެއިން 8 ފަނޑިޔާރުން ތާއީދުކުރި ނިންމުމުގައި ވާގޮތުން އެ ބިންތަކުގައި ގެތައް ބިނާކުރުގެ ބަދަލުގައި އެހެން ތަނެއްގައި އެ ގެތައް ބިނާކުރެވެން އޮތްއިރު، އެ ބިންތަކުގައި ގެތައް ބިނާކުރުމުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑެވެ.
ހައިކޯޓުގެ ނިންމުމުގެ މަފުހޫމަށް ބަލާއިރު އެއީ އަޚްލާގީ ކަންކަމަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެއްކަން އެނގެއެވެ. އެ ނިންމުމުގައި ބަލާފައި ވަނީ އެ އާބާދީތަކުގެ ސަބަބުން އިސްރާއީލަށް ލިބެން އޮތް ފައިދާއާއި ގެއްލުމަށެެވެ.