އދ.ގެ އާއްމު މަޖިލީގެ ބައްދަލުުުވުމަށް ދުނިޔޭގެ ލީޑަރުން މިއަހަރު ވަޑައިނުގަންނަވާނެ

ކޮވިޑް- 19 ގެ ސަބަބުން ދުނިޔޭގެ ލީޑަރުން ނިއުޔޯކުގައި ހުންނަ އދ. ގެ މައިމަރުކަޒަށް މިއަަހަރު ވަޑައިނުގަންނަވާނެ ކަމުގައި އދ.ގެ އާއްމު މަޖިލިސް (ޖެނެރަލް އެސެންބްލީ) ގެ ރައީސު ވިދާޅުވެއްޖެއެެވެ.

"ފަރުދުންގެ ގޮތުގައި ވަޑައިގެންނެވެން ނެތުމުން ދުނިޔޭގެ ލީޑަރުންނަށް މިއަހަރު ނިއުޔޯކަށް ވަޑައިނުގެންނެވޭނެ." ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އާއްމު މަޖިލީހުގެ މިދައުރުގެ ރައީސު އަދި ނައިޖީރިޔާއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ތީޖާން މުޙައްމަދު ބަންޑޭ ވިދާޅުވިއެވެ.

މިއީ އދ.ގެ 75 އަހަރުގެ ތާރީޚުގައި މިގޮތަށް ދުނިޔޭގެ ލީޑަރުން ވަޑައިނުގަންނަވާނެ ފުރަތަމަ އަަހަރެވެ.

ރައީސަކު ގިނިކަންޏާ އެއްގޮތަކަށްވެސް ދަތުރުފުޅު ނުކުރައްވާނެކަން ހަނދާންކޮށްދެއްވަމުން، އޭނާ ވިދާޅުވީ ބޮޑު ވަފުދަކާއިގެން ނިއުޔޯކަށް ވަޑައިގަތުމަކީ "މުސްތަހީލު ކަމެއް" ކަމުގައެވެ.

އެމެރިކާއާއި ނިިއުޔޯކުގެ ކަމާބެހޭ ފަރާތްތަކުން ސިއްހީ އިރުޝާދު ލިބިގެން ކުރިއަަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އާއްމު މަޖިލީހުގެ ބައްދަލުވުން މިއަހަރު ކުރިއަށް ގެންދާނެ ގޮތެއް ސާފުވާނެ ކަމަށް އުއްމީދުުރައްވާ ކަމުގައިވެސް ބަންޑޭ ވިދާޅުވިއެވެ.

އެމެރިކާއަކީ ދުނިޔޭގައި ކޮވިޑް- 19 ގެ ހާލަތު އެންމެ ގޯސް ގައުމެވެ. އެ ގައުމުގައި 1.9 މިިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، މި ބަލީގައި 1 ލައްކަ 11 ހާސް މީހުން ވަނީ މަރުވެފައެވެ. އެމެރިކާގައި އެންމެ ހާލަތު ގޯސް ސްޓޭޓަކީ ނިއުޔޯކެވެ. އެ ސްޓޭޓުގައި 3 ލައްކަ 80 ހާސް މީހުން ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، 30 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.