"ޝުކުރިއްޔާ އީރާން": ރައީސު ޓްރަމްޕް

"މިކަމުން ދައްކައިދެނީ އެއްބަސްވުމަކަށް އައުމީ އެކަށީގެންވާ ކަމެއްކަން"

އީރާނުގައި ހައްޔަރުކޮށްފައި ހުރީ އެމެރިކާގެ ކަނޑުގެ ސިފައިންގެ މީހެއް ކަމުގައިވާ މައިކަލް ވަައިޓް ދޫކޮށްލުމާ ގުޅިގެން އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް އީރާނަށް ޝުކުރު އަދާކުރައްވައިފިއެެވެ. އަދި އެ ކަމުން ދައްކައިދެނީ ދެގައުމަށް އެއްބަސްވުމަކަށް އާދެވިދާނެކަން ކަމުގައި ވިދާޅުވެއްޖެެއެވެ.

"އަހަރެން ވެރިކަމާ ހަވާލުވިފަހުން އެމެރިކާގެ 40 ގައިދީންނާއި ރަހީނުން އަނބުރާ ގައުމަށް ގެނެސްފައި. އީރާނަށް ޝުކުރިއްޔާ. މިކަމުން ދައްކައިދެނީ އެއްބަސްވުމަކަށް އައުމީ އެކަށީގެންވާ ކަމެއްކަން." މައިކަލް ވައިޓް އީރާނުން ދޫކޮށްލުމަށް ފަހު، ޒިއުރިކްގައި ހުރިކަމާއި، އެމެރިކާއަށް އެނބުރި އައުމަށް ވަރަށް އަވަހަށް ދަތުރު ފަށާނެކަން ހާމަކުރައްވަމުން ރައީސު ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވެއެވެ.

2018 ވަނަ އަހަރު އީރާނުން ވައިޓް ހައްޔަރުކުރީ "ސަލާމަތީ ޖަރީމާތަކެއްގެ" ކުށުގައެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޢައްބާސް މޫސަވީ ވިދާޅުވި ގޮތުގައި، ވައިޓް ދޫކޮށްލީ އޭނާ ބަންދުގައި ހޭދަކުރި މުއްދަތަށް ބަލާފައި، 'އިސްލާމީ މާފެއް' ދިނުމަށް ފަހުގައި ކަމަށެވެ.

މޫސަވީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޚިލާފުވީ ކަމަށް ބުނެ އެމެރިކާގައި ހައްޔަރުކޮށްފައި ހުރި އީރާނުގެ ސައިންސުވެރިޔާ ޑރ. މާޖިދު ޠާހިރީ އެމެރިކާއިން ދޫކޮށްލީ، ގައިދީން ބަދަލުކުރުމަށް ދެގައުމުގެ ދެެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

"ހުރިހާ ގައިދީންނާމެދުވެސް މިގޮަތަށް ކަން ވެދާނެ." ދެ ގައުމުން ގައިދީން ބަދަލުކުރުމާ ގުޅިގެން ދެއްެކެވި ވާހަކަފުޅުގައި އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވިއެވެ.

އެމެރިކާއިން ވަނީ، އެމެރިކާގެ ވިޔަފާރީގެ ސިއްރުތަކެއް ވަގަށް ނެގިކަމަށް އެފްބީއައިން ތުހުމަތުކުރުމަށް ފަހު 2017 ވަނަ އަހަރު ހައްޔަރު ކުރީ އީރާނުގެ ސައިންސުވެރިޔާ ސިރޫސް އަސްގަރީ ވެސް މީގެ ދެ ދުވަސް ކުރިން ދޫކޮށްލާފައެވެ.

"ޑރ. މާޖިދު ޠާހިރީއާއި މރ. ވައިޓް ވަރަށް އަވަހަށް އާއިލާއާ ގުޅޭތީ އުފާކުރަން. ޕްރޮފެސަރ ސިރޫސް އަސްގަރީ ވަނީ ބުދަދުވަހު އުފަލާއެކު އާއިލާއާ ގުޅިފައި." ޚާރިޖީ ވަޒީރު ޒަރީފު ކުރެއްވި ޓުވީޓެއްގައި ވެއެވެ.

ގައިދީން ބަދަލުކުރުމުގެ މަސައްކަތް އެމެރިކާއާއި އީރާނުން ފަށާފައި ވަނީ ފާއިތުވި ޑިސެންބަރު މަހުގެ ތެރޭގައެވެ. އޭރު އީރާނުން ޗައިނާއަށް އުފަން އެމެރިކާގެ ސައިންސުވެރިޔާ ޒިޔޫ ވާންގް ދޫކޮށްލާފައި ވާއިރު، އެމެރިކާއިން ވަނީ އީރާނުގެ ސައިންސުވެރިޔާ މަސްޢޫދު ސުލައިމާނީ ދޫކޮށްްލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.