ބޯޑަރހުޅުވާލާއިރު ޕްރައިވެޓް ޖެޓްތަކަށް ބައެއް ރީޖަނަލް އެއަރޕޯޓުތައް ހުޅުވާލުމަށް މަސައްކަތްކުރައްވަމުންގެންދަވާ ކަމަށް ޓްރާންސްޕޯރޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ ކޮމެޓީއަށް ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހްލާއާއި އެމިނިސްޓްރީގެ ބައެއް އިސްވެރިން ޙާޒިރުކޮށް އޮންލައިންކޮށް ކުރިއަށް ގެންދެވި ބައްދަލުވުމުގައެވެ. ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރު ވިދާޅުވީ ބޯޑަރތައް ހުޅުވާލާއިރު އުއްމީދުކުރާ މިންވަރާ ގާތަށްވެސް ފްލައިޓްތައް އަންނާނެކަމަށް ނުބެލެވޭކަމަށެވެ. ފަލައިޓްތައް އައުން ބަރޯސާވާނީ އެހެން ޤައުމުތަކުގެ ބޯޑަރތައްވެސް ހުޅުވާލުމާ ކަމަށެވެ. އެހެންކަމުން ފުރަތަމަ އަންނާނެކަމަށް ބޮޑަށް ބެލެވެނީ ޗާޓަރ ފްލައިޓްތަކާއި ޕްރައިވެޓް ޖެޓްތައް ކަމަށެވެ. ޑިމާންޑް އޮތްވަރެއް ދެތިން ހަފާތާއެއްގެ ތެރޭގައި އެގިގެންދާނެކަމަށް ވެސް ޒުހައިރު ވިދާޅުވިއެވެ. އެހެންކަމުން ދެތިން ރީޖަނަލް އެއަރޕޯރޓްގައި ޕްރައިވެޓް ޖެޓް ޖެއްސޭފެންވަރަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރީޖަނަލް އެއަރޕޯރޓްގައި ޕްރައިވެޓް ޖެޓް ޖެއްސުމުގެ ހުއްދަ ދެވޭނީ ގައިޑްލައިނާ އެއްގޮތަށް ކަންކަން ކުރެވިފައިވޭތޯ ކަށަވަރު ކުރުމަށް ފަހުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކޮވިޑަށްފަހު ބޯޑަރތައް ހުޅުވާލާއިރު ޢަމަލުކުރާނެ ގައިޑްލައިނެއް އެކުލަވާލައި ޓްރާންސްޕޯރޓްމިނިސްޓްރީން ގެންދަވަނީ ކަމާބެހޭ ފަރާތްތަކާ ޙިއްސާކުރައްވަމުންނެވެ. ގައިޑްލައިން އެކުލައްވައިފައި ވަނީ އަޔާޓާ އާއި އައިކާއޯ އަދި އެޗްޕީއޭގެ ގައިޑްލައިންތަކަށް ބަލައިގެން ކަމަށް ވެސް ޒުހައިރު ވިދާޅުވިއެވެ. ޓްރާންސްޕޯރޓް މިނިސްޓްރީގެ ގައިޑްލައިން އާއްމުކިރައްވާނީ ޤައުމީ ފެންވަރުގައި އެކުލަވާލާ ގައިޑްލައިނަށް ފަހުކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މާޗް މަހުއެވެ. ޖުލައިމަހުގެތެރޭގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ޓޫރިޒަަމް އަލުން ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.