އެމެރިކާގައި ކުރިއަށްދާ މުޒާހަރާތައް މައިތިރިކުރުމަށް ސިފައިން ނެރުމާ ދިފާއީ ވަޒީރު ދެކޮޅު

އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް (ދިފާއީ ވަޒީރު) މާކް އެސްޕާ (ކ)

ކަޅު ނަސްލުގެ މީހަކު ފުލުހުންގެ އަނިޔާވެރިކަމުގެ ސަބަބުން މަރުވި މައްސަލައިގައި އެމެރިކާގެ ކަންކޮޅުތަކުގައި ކުރިއަށްދާ މުޒާހަރާތައް މައިތިރި ކުރަން ސިފައިން ނެރެން ޖެހިދާނެ ކަމުގެ އިންޒާރު ރައީސު ޑޮނާލްޑް ޓްރަމްޕް ދެއްވާފައި ވަނިކޮށް، އެކަމާ އޭނާގެ ސެކްރެޓަރީ އޮފް ޑިފެންސް (ދިފާއީ ވަޒީރު) މާކް އެސްޕަރ ދެކޮޅުހައްދަވައިފިއެވެ.

މިނެސޯޓާ ސްޓޭޓުގެ މިނިއާޕޮލިސްގައި ފުލުސް އޮފިސަރަކު ކަރަށް 'ފައިން އަަރައިގެން' އިނުމުގެ ސަބަބުން ޖޯޖް ފްލޮއިޑް މަރުވި މައްސަލައިގައި ފާއިތުވި ހަފުތާއެއްހާ ދުވަހު މެދުނުކެނޑި ކުރާ ބައެއް މުޒާހަރާތައް ބޮޑެތި ހަމަނުޖެހުންތަކަަކަށް ބަދަލުވެ ބައެއް ހިސާބުތަކުގައި އިމާރާތްތަކުގައި ރޯކޮށްް، ތަންތަން ލޫޓުވާފައި ވެއެވެ. މިފަދަ ހާދިސާތައް ހިނގާ ސްޓޭޓުތަކުގެ ގަވަރުނަރުން މުޒާހަރާތައް މައިތިރިކުރުމަށް ފިޔަވަޅު ނައަޅުއްވައިފިނަމަ އެ ސްޓޭޓުތަކަށް ސިފައިން ނެރެން ޖެހިދާނެކަމަށް ރައީސު ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، މިއަދު ދެއްކެވި ވާހަކަފުޅުގައި ދިފާއީ ވަޒީރު އެސްޕާ ވަނީ މި ޚިޔާލާ ދެކޮޅުހައްދަވާފައެެވެ.

"އަމަލީ ޑިއުޓީގައި ތިބޭ ސިފައިން ގާނޫނު ތަންފީޒުކުރުމަށް ނެރުން ވާން ޖެހޭނީ އެހެން އެއެްވެސް ގޮތެއް ނެތިގެން ކުރަންޖެހޭ ކަމަކަށް. އަދި އެންމެ ނުރައްކާތެރި ކުއްލި ހާލަތުގައި." ނޫސްވެރިންނާ ބައްދަލުކުރައްވަމުން އެސްޕާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މަގުމަތީގައި ހިނގާ ހަމަނުޖެހުންތައް މައިތިރިކުރުމަށް ރައީސުއަށް ހުއްދަ ދޭ ގާނޫނު 'އިންސަރެކްޝަން އެކްޓް' އަށް އަމަލުކުރަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމުގައެވެ. "އަހަރުމެން މިތިބީ އެފަދަ ހާލަތެއްގައެއް ނޫން." އޭނާ ވިދާޅުވިއެވެ.

ދިފާއީ ވަޒީރު މި މޭރުމުން ވާހަކަފުޅުދެއްކެވުމުގެ ކުޑަ އިރުކޮޅެއް ކުރިން ރައީސު ޓްރަމްޕް ވަނީ ވެރިރަށް ވޮޝިންޓަނުގައި ނޭޝަނަލް ގާޑްސް ނެރެގެން މުޒާހަރާތައް މައިތިރި ކުރުމަށް ކުރެވުނު މަސައްކަތަށް ތައުރީފުކުރައްވައި، އެއީ ހަމަނުޖެހުންތައް ހުއްޓުވަން ސަރުކާރުން މަސައްކަތްކުރަންވީ ގޮތުގެ ނަމޫނާއެެއް ކަަމަށް ވިދާޅުވެފައެެވެ.

ފާއިތުވި މޭ މަހުގެ ފަހުކޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ފްލޮއިޑް މަރާލި ފުލުސް އޮފިސަރުގެ މައްޗަށް މީހަކު މެރުމުގެ ދައުވާ އުފުލާފައި ވިޔަސް، ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް އެމެރިކާގެ ފުލުހުން ގެންގުޅޭ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އަޑު އުފުލައި އެމެރިކާއަށް ފެތުރިފައިވާ މުޒާހަރާތައް މިހާރު ދުނިޔޭގެ ކަންްކޮޅުތަކަށްވެސް ދަނީ ފެތުރެމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.