ޤާނޫނުއަސާސީގައިވާ އިސްލާމީ އުސޫލުތަކަށް ބަދަލުގެނެސްފާނެތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ޤާނޫނުއަސާސީގައިވާ  އިސްލާމީ އުސޫލުތަކަށް ބަދަލުގެނެސްފާނެތީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިމައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓްވީޓްގައި ޑރ ޝަހީމް ވިދާޅުވީ،  ޤާނޫނު އަސާސީއަށް އިޞްލާޙު ގެނެވުނު ގޮތަކީ ޤާނޫނުއަސާސިއާ ކުޅެލަން ކުރި ޓެސްޓެއްކަމަށް، އޭނާއަށް ޤަބޫލުފުޅު ކުރެއްވޭކަމަށެވެ. ކުރިއަށް އޮތްތަނުގައި ޤާނޫނުއަސާސިއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރާނެކަމަށް ބެލެވޭކަމަށް ވެސް ޑރ ޝަހީމް ވިދާޅުވިއެވެ.

"މިކަމަށް ވަރަށް ބޮޑަށް ހުސިޔާރުވާން ޖެހޭ! ޚާއްޞަކޮށް ޤާނޫނުއަސާސީގައި ހުރި އިސްލާމީ އުޞޫލުތަކާމެދު ސަމާލުވުން މުހިންމު!" ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރކަންވެސް ކުރައްވައިފައިވާ ދީނީޢިލްމުވެރިޔާ ޑރ ޝަހީމް ވިދާޅުވިއެވެ.

ޤާނޫނުއަސާސީ އިޞްލާޙުކުރި  ޖަލްސާގެ ކަންތައްތަކާ ގުޅިގެން ޑޮކްޓަރ ޝަހީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި އިއްޔެވެސް ޓްވީޓްތަކެއް ކުރައްވައިފައެވެ.

ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ޖަލްސާ ބާއްވައިފައިވަނީ ރޭގަނޑު ދަންވަރު ގަޑީގައެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވި ފުތަރަތަމަ ފަހަރެވެ. ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް އެމްޑިޕީއިން ބޭނުންވެއްޖެ ނަމަ ފަސޭހަކަމާއެކު އެކަން ކުރެވޭނެ އަޣްލަބިއްޔަތު އެމްޑީޕީއަށް ވަނީ ލިބިފައެވެ. ޤާނޫނުއަސާސީ އިޞްލާހުކުރުމަށް ބޭނުންވާނީ މަޖިލީހުހެ ހަތަރުބައިކުޅަ ތިންބައިގެ އަޣްލަބިއްޔަތެވެ. މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ޢަދަދަށް ބަލާއިރު ޤާނޫނުއަސާސި އިޞްލާޙުކުރުމަށް ބޭނުންވާނީ 66 މެމްބަރުންނެވެ. އެމްޑީޕީގެ 65 މެމްބަރުން މަޖިލީހުގައި ތިއްބަވައެވެ. އެހެން ކަމުން ޤާނޫނު އަސާސީ އިޞްލާޙުކުރުމަށް އިތުރަށް ބޭނުންވަނީ އެންމެ ވޯޓެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.