އިންޑިޔާގެ އާސާމްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 20 މީހުން މަރުވެއްޖެ

އިއްޔެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 20 މީހުން މަރުވި ސަރަހައްދު

އިރު އުތުރު އިންޑިޔާގައި ބޯކޮށް ވާރޭ ވެހި، ބިންގަނޑު ކަނޑައިގެން ދިިއުމުގެ ސަބަބުން 20 މީހުން މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި 10 ކުޑަކުދިންވެސް ހިމެނެއެވެ.

ފޮރެސްޓް މިނިސްޓަރު ޕަރިމަލް ސުކްލާބައިދިޔާ ވިދާޅުވި ގޮތުގައި ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފައިބައިގެން ގެތައް ވަޅުލެވިފައި ވަނީ އާސާމް ސްްޓޭޓުގައެވެ. އޭނާ ވިދާޅުވި ގޮތުގައި ގިނަ ގެތަކެއް ވަނީ މުޅިން ހަލާކުވެފައެވެ.

ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީގެ ވެރިޔާ އެމް އެސް މަނިވަންނަން ވިދާޅުވި ގޮތުގައި އާސާމްގެ ބަރާކް ވާދީގައި އިއްޔެ ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން 7 މީހުންނަކީ އެއް އާއިލާއެއްގެ މީހުންނެވެ. އިތުރު ހަތް މީހަކު ވަނީ ޒަޚަމްވެެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލްތަަކަށް ގެންދެވިފައެވެ. އެމީހުންގެ ހާލު އަދި ސާފުނުވާކަމަށް މަނިވަންނަން ވިދާޅުވިއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ބިންގަނޑު ކަނޑައިގެން ފައިބާފައިވާ ކިސަޑުގެ ތެރެއިން މަރުވެފައިވާ އިތުރު މީހުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމުގައި އިންޑިޔާގެ އިރު އުތުރު ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭއިރު، ފަރުބަދަތައް ގިނަ އެ ސަރަހައްދުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ފުރުސަތު ބޮޑުވެއެވެ.

އާސާމް ސްޓޭޓަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ކުރިން 9 މީހުން މަރުވެފައި ވާއިރު، 2 ލައްކަ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބި 2600 ހެކްޓަރު (6500 އޭކަރު) ގެ ދަނޑު ބިން ވަނީ ހަލާކުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.