އިންޑޮނޭޝިޔާއިން މި އަހަރު ހައްޖަށް މީހުން ނުފޮނުވާނެ

24 މޭ 2020 ގައި ނަގާފައިވާ މި ފޮޓޯއިން އެ ފެންނަނީ ކޮވިޑް- 19 އިން ރައްކާތެރިވުމަށް މައްކާގެ ހަރަމްފުޅުގައި ވެސް ސޯޝަލް ޑިސްޓެންސިންގަށް އަމަލުކުރާތަން.

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް އިންޑޮނޭޝިޔާ މީހުން ނުފޮނުވަން އެ ގައުމުން ނިންމައިިފިއެވެ. އެގައުމުގެ ރެލިޖަސް އެެފެއާޒްއިން މިއަދު ބުނި ގޮތުގަައި އެ ގޮތަށް ނިންމީ ކޮރޯނާ ވައިރަސް އަދިވެެސް ހަލުވިކަމާއެކު ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެެއްގެ ގޮތުންނެވެ.

އިންޑޮނޭޝިޔާއިން މި އަހަރު ހައްޖަށް މީހުން ނުފޮނުވަން ނިންމި އިރު، މި އަހަރުގެ ހައްޖުގެ އަޅުކަމާ ބެހޭގޮތުން ސައުދީ ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމަައެވެ.

ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ގައުމު އިންޑޮނޭޝިޔާއިން މި އަހަރު 2 ލައްކައަށްވުރެ ގިނަ މީހުން ހައްޖަށް ދާގޮތަށް އޮތީ ހަމަޖެހިފައެވެ. 267 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިޔާއަށް މިއަހަރު ލިބުނީ 2 ލައްކަ 21 މީހުންގެ ކޯޓާއެެކެެވެ. އޭގެ ތެރެއިން %90 މީހުން ވަނީ ހައްޖަށް ދިއުމަށް ރަޖިސްޓަރީކޮށްފައެވެ.

ކޮރޯނާ ވައިރަސް ފެތުރުން ކޮންޓުރޯލުކުރެވި، ހައްޖަށް މީހުން ދާން ރައްކާތެރި ދުވަސްތައް އަންނާނީ ކޮން އިރަކުކަން ނޭނގުމާއި،ހައްޖަށް މީހުން ދިއުމުގެ ހުއްދަ ސައޫދީ ސަރުކާރުން ދޭނީ ކޮން އިރަކުކަން ނޭނގުމަކީ އިންޑޮނޭޝިޔާގެ ނިންމުމުގެ ފަހަތުގައިވާ އެއް ސަބަބެވެ.

"2020 ވަނަ އަހަރު ހައްޖު ދަތުރު ކެންސަލްކުރަން ސަރުކާރުން ނިންމީ ސައޫދީ ސަރުކާރަަށް ޔަގީންކަމާއެކު ގޮތެއް ނިންމިފައި ނުވާތީ." ވެރިރަށް ޖަކާޓާގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރެލިޖަސް އެފެއާޒް މިނިސްޓަރު ފަޚްރުލް ރާޒީ ވިދާޅުވިއެވެ.

"މިއީ ވަރަށް ހިތި، އުނދަގޫ ނިންމުމެއް. އެހެންނަމަވެސް ހައްޖުވެރިންނާއި، ހައްޖުގެތެރޭގައި މަަސައްކަތްކުރާ މީހުން ރައްކާތެރިކުރުމަކީ އަހަރުމެންގެ މަސްއޫލިއްޔަތެއް." އޭނާ އިތުރަށް ވިދާޅުވިއެވެ.

އިންޑޮނޭޝިޔާގައި ވެސް ހަލުވިކާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު، އެގައުމުގައި ކޮވިޑް- 19 އަށް ޕޮޒިޓިވް މީހުންެގެ އަދަދު 27 ހާހަށްވުރެ ގިނައެވެ. އަދި 1600 އަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.