އެމެރިކާގެ ކަންކޮޅުތަކުގައި މުޒާހަރާތަކާއި، ހަމަނެޖެހުމާއި، ލޫޓުވުން އަދިވެސް ކުރިއަށް

ހަަަމަނުޖެހުން ހުއްޓުވަން ހަތިޔާރާއެކު ސިފައިން ނެރެން ޖެހިދާނެކަމުގެ އިންޒާރު ރައީސު ޓްރަމްޕް ދެއްވައިފި

އެމެރިކާގެ މިނެސޯޓާ ސްޓޭޓުގެ މިނިއާޕޮލިސްގައި ފާއިތުވި މޭ މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔަ ކަޅު ނަސްލުގެ މީހަކު ކަމުގައިވާ ޖޯޖް ފްލޮއިޑް ފުލުހުން އަނިޔާކުރުމުގެ ސަބަބުން މަރުވި މައްސަލައިގައި މިނިއާޕޮލިސްގައި ފެށުނު މުޒާހަރާތައް އެމެރިކާގެ ހުރިހާ ކަންކޮޅުތަކަށް ފެތުރި މިހާރު ވަނީ ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެ ކޮންޓުރޯލުން ނައްޓައިފައެވެ.

ފުލުހުންގެ އޮފިސަރަކު ފްލޮއިޑް މިންމައްޗަށް ވައްޓާލައިގެން އޭނާގެ ކަރުގައި 8 މިނެޓަށް ވުރެ ކަކޫއަޅައިގެން އިނުމުގެ ސަބަބުން ނޭވާ ހާސްވެގެން މަރުވި ހާދިސާ ވެގެން ގޮސްފައި މިވަނީ ފުލުހުންގެ އަނިޔާގެ ސަބަބުން މީހުން މަރުވުމާ ދެކޮޅަށް އެެމެރިކާގެ ރައްޔިތުންގެ ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ރުޅިވެރިކަން ބޭރުކޮށްލަން ލިބުުނު ފުރުސަތަކަށެވެ.

މިނިއާ ޕޮލިސްގެ ގިނަ އިމާރާތްތަކެއްގައި ރޯކޯށް ފިހާރަތައް ލޫޓުވާފައި ވާއިރު، އެެެމެރިކާގެ އެންމެ ބޮޑު ރަށް ނިއުޔޯކް ސިޓީއާއި، ވެރިރަށް ވޮޝިންޓަން ޑީސީ ގައި ވަނީ ބައެެއް ތަންތަނުގައި ރޯކޮށް ގެއްލުން ދީފައެވެ. މިނިއާޕޮލިސްގެ އިތުރުން ނިއުޔޯކް ސިޓީއާއި، ވޮޝިންޓަންގައިވެސް މިހާރު ވަނީ ކާފިއު ހިންގާފައެވެ.

މިހާތަނަށް 40 ރަށެއްގައި ކާފިއު ހިންގައި، 3 ސްޓޭޓެއްގައި ކުއްލި ހާލަތު އިއުލާންކޮށްފައި ވާއިރު، 4000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މުޒާހަަރާތަކާއި، ހަމަނުޖެހުމާއި، ލޫޓުވުން ހުއްޓުވަން ފުލުހުން ނެރެގެން ކުރި މަސައްކަތް ނާކާމިޔާބުވުމުން ގިނަ ރަށްތަކެއްގައި ނޭޝަނަލް ގާޑްސް ނެެރެގެން ވެސް މުޒާހަރާތައް ވަނީ މައިިތިރި ނުކުރެވިފައެވެ.

މިކަމާ ގުޅިގެން ރައީސު ޑޮނާލްޑް ޓްރަމްޕް ވަނީ ހަތިޔާރާއެކު ސިފައިން ނެރުއްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ވައިޓްހައުސްގެ ރޯޒްގާޑަންގައި ވާހަކަފުޅުދައްކަވަމުން ރައީސު ޓްރަމްޕް ވަނީ މުޒާހަރާތަކާއި ހަމަނުޖެހުންތައް ކުރިއަށްދާ ސްޓޭޓްތަކުގެ ގަވަރުނަރުން "ބަލިކަށި" ކަމަށް ސިފަކުރައްވައި އެބޭފުޅުން ފާޑުވިދާޅުވެފައެވެ. އޭނާ ވަނީ ހަމަނުޖެހުން ހުއްޓުވުމށް ގަވަރުނަރުން ފިޔަވަޅު ނައަޅުއްވައިފި ނަމަ އޭނާ ހަތިޔާރާއެކު ސިފައިން ނެރުއްވާނެ ކަމުގައެވެ.

އަނެއްކޮޅުން ހެނެޕިން ކައުންޓީގެ މެޑިކަލް އެގްޒާމިނަރ ވަނީ ޖޯޖް ފްލޮއިޑް ވަނީ މަރާލާފައި ކަމަށް ނިންމަވާފައެވެ. އޭނާގެ ރިޕޯޓުގައި ވާގޮތުން ފްލޮއިޑް މަރުވީ ފުލުސް މީހާ އޭނާގެ ކަރަށް ފިއްތައި ބާރުކޮށްގެން އޮތުުމުގެ ސަބަބުން އޮކްސިޖަން ނުލިބި އޭނާގެ ހިތް ހުއްޓިގެންނެވެ.

ފްލޮއިޑްގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދި އަމިއްލަ މެޑިކަލް އޮފިސަރ ބުނެފައި ވަނީ އޭނާ މަރުވެފައި ވަނީ ނޭވާ ހާސްކޮށްލުމުގެ ސަބަބުންކަމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.