އެކި ސަރަޙައްދުތަކުގައި ޤާއިމްކުރާ މެޑިކަލް ފެސިލިޓީތަކުގެ ސިވިލް މަސައްކަތްތައް ވަނީ ނިމިފައި

ކޮވިޑް-19 އަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ޤާއިމްކުރަމުންދާ މެޑިކަލް ފެސިލިޓީތަކުގެ ސިވިލް މަސައްކަތްތައް ނިމިފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ބ. އޭދަފުށި، ށ. ފޮނަދޫ، ހއ. އިހަވަންދޫ، ގއ. ވިލިނގިލި، ލ.ގަމުގެ އިތުރުން ފުވައްމުލައްގެ އިތުރުން އައްޑޫ ސިޓީގައި ޤާއިމްކުރާ މި މެޑިކަލް ފެސިލިޓީތަކުގެ ސިވިލް މަސައްކަތްތައް ނިމިފައިވާއިރު މިހާރު ކުރިޔަށް ގެންދަނީ ބެކް އަޕް ޖެނެރޭޓަރު ހަރުކުރުމުގެ މަސައްކަތް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. 

މަބްރޫކް ވިދާޅުވީ މި ތަންތަނަށް ފޮނުވަންޖެހޭ އިކުއިޕްމެންޓް ފޮނުވުމަށް ހަމަޖެހިފައިވަނީ ފެ ފިޔަވައްސަކަށް ބެހިގެން ކަމަށެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި ފޮނުވަންޖެހޭ ތަކެތީގެ ބޮޑުބައެށް ފޮނުވިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.  ފުރަތަމަ ފޮނުވަން ހަމަޖެހިފައިވަނީ އެތަންތަނަށް ބޭނުންވާނެ މެޑިކަލް އާލާތްތަކެވެ. މީގެތެރޭގައި ހިމެނެނީ ޑީފްރިބިލޭޓަރުތަކާއި، ސީޓީޖީ މެޝިންތަކާއި، އީސީޖީ މެޝިންތަކާއި، އެނދާއި، އޮކްސިޖަން ސިލިންޑްރުތަކުގެ އިތުރުން މިވަގުތަށް ބޭނުންވާނެ ޕާރސަނަލް ޕްރިޓެކްޝަން އިކުއިޕްމެންޓް (ޕީޕީއީ) އަދި ބައެއް އިތުރު ފަރުނީޗަރެވެ. މިތަކެތި ފޮނުވާފައިވަނީ އެސްޓީއޯއިން ޑެލިވަރީ ކުރުމަށް ބޭނުންކުރާ ވެހިކަލް ތަކުގައެވެ. 

އުތުރުގެ އަތޮޅުތަށް ކަމަށްވާ، ށ އަތޮޅު، ބ. އަތޮޅު އަދި ހއ. އަތޮޅަށް ފޮނުވަންޖެހޭ ތަކެތި މިހާރު ފޮނުވައި އެތަކެތި އެ އަތޮޅުތަކަށް ލިބިފައިވީ ނަމަވެސް އައްޑޫ، ފުވައްމުލައް، ވިލިނގިލި އަދި ގަމަށް ފޮނުވުމަށް ނިންމާފައިވާ ތަކެތި އަދި އެ ރަށްރަށައް ނުލިބެއެވެ. ދެކުނުގެ އަތޮޅުތަކަށް ފޮނުވުމަށް ހަމަޖެހިފައިވާ ތަކެތި މާލެއިން އުޅަނދުތަކަށް ބަރުކުރެވި ކުރިޔަށް އޮތް ދުވަސްތަކުގައި އެ ފެސިލިޓީތަކަށް އެ ތަކެތި ގެނެވޭނެކަން މަބްރޫކް ފާހަގަކުރެއްވިއެވެ.މަބްރޫކް ވިދަޅުވީ މިތަންތަނުން ފަރުވާ ދޭން ފަށާއިރު ބޭނުންވާނެ ބޭސްތައްވެސް އެބަ ހުރި ކަމަށާއި ނަމަވެސް އެތަކެތި ފޮނުވޭނީ އެ ތަންތަނުގައި ފުރިޖް ފަދަ އިކުއިޕްމެންޓްތައް ހަރުކުރެވުމުން ކަމަށެވެ.މި ތަންތަނުން ފަރުވާދޭން ފަށާނީ ޖޫން 15 އިން ފެށިގެން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. 

މާލެގެ އިތުރުން ރާއްޖޭގެ އެހެނިހެން ކަންކޮޅުތަކުގައި ކޮވިޑް-19 އަށް ޓެސްޓުކުރެވި ފަރުވާ ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއަދާ ހަމައަށް ރާއްޖެއިން 1773 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު މިއަދު އެކަނިވެސް 101 ކޭސް އެށް ވަނީ ފެނިފައެވެ

.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.