މަސްވެރިކަމުގެ ޤާނޫނު ތަންފީޒު ކުރެއްވުމުގައި ވަޒީރު ވަނީ އިހުމާލުވެފައި: ކޮމެޓީ ރިޕޯޓް

މަސްވެރިކަމުގެ ޤާނޫނު ތަންފީޒު ކުރެއްވުމުގައި މަސްވެރިކަމާބެހޭ ވަޒީރު އިޙްމާލު ވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ކޮމެޓީ ރިޕޯޓުން ފާހަގަ ކުރެއްވިއްޖެއެވެ.

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް އެ ޤާނޫނުގެ 86 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ހެދިފައިނުވާތީ، އެ މައްސަލަ ޤަވާއިދު ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓް ވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ބަހުސް ފަށްޓަވައިފައެވެ. މަސްވެރިކަމުގެ ޤާނޫނުގައި ބުނާގޮތުން އެޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤަވާޢިދުތައް ޤާނޫނަށް ޢަމަލުކުރަން ފަށާތާ ތިންމަސް ދުވަހުގެ ތެރޭގައި ހަދައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ސާއިޢުކުރަންޖެހެއެވެ. އަދި މަސްވެރިކަމުގެ ކޮންމެ ބާވަތަކާ ގުޅޭގޮތުން މެނޭޖްމަންޓް ޕްލޭނެއް އެއްއަހަރު ދުވަހުގެ ތެރޭގައި އެކުލަވައިލައި ތަންފީޒު ކުރަންޖެހޭނެކަމަށް ވެސް ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް ޤާނޫނަށް ޢަމަލުކިރަންފެށިތާ އަށް މަސް ދުވަސް ވީއިރުވެސް ޤަވާޢިދުތައް ހެދިފައި ނުވާކަން ކޮމެޓީގެ ރިޕޯރޓްގައި ވަނީ ފާހަގަ ކުރައްވައިފައެވެ. މަސްވެރިކަމުގެ ޤާނޫނަށް ޢަމަލު ކުރަންފަށައިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 16 ގައެވެ.

ކޮމެޓީން މައްސަލަ ދިރާސާ ކުރުމުގައި މަސްވެރިކަމާބެހޭ ވަޒީރާ ބައްދަލު ކުރައްވަން ބޭނުންފުޅުވި ކަމުގައިވިއަސް އެމަނާގެ މަސައްކަތްޕުޅު ހުރި ގޮތުން ކޮމެޓީއަށް ވަގުތު ދެއްވިފައި ނުވާކަން ކޮމެޓީގެ ރިޕޯރޓްގައި ފާހަގަ ކުރައްވައިފައިވެއެވެ. އެހެން ކަމުން އެމައްސަލައިގައި ކޮމެޓީއަށް އެވުޒުރާގެ ފަރާތުން މަޢުލޫމާތު ޙިއްސާކުރެއްވީ ސިޔާސީ އިސްވެރިޔަކާއި ކަމާބެހޭ، ސިވިލްސާރވިސްގެ މުވައްޒަފުންނެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ކޮމެޓީއަށް ހިއްސާ ކޮށްފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި ޤަވާޢިދުތައް ހެދުން ލަސްވެފައި ވަނީ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލަމުން ދާތީއެވެ. އެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތަށް މަދުވެގެން ދެ އަހަރު ދުވަހުގެ މުއްދަތު ބޭނުންވާނެކަމަށް ވެސް އެވުޒާރާއިން ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި އެޕްލޭންތަކުގެ މަސައްކަތް ވެސް އެކަށީގެންވާ މިންވަރަށް ކޮށްފައިނުވާން ފާހަގަ ކުރެވިފައިވާކަމަށް ކޮމެޓީ ރިޕޯރޓްގައި ވެއެވެ.

މަސްވެރިކަމާބެހޭ ގިނަ ޤަވާޢިދުތައް މިހާތަނަށް ހެދިފައިނުވާ އެއްސަބަބަކީ އެކަށީގެންވާ ވަޞީލަތްތައް ނެތުމާއި އެމަސައްކަތަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ނެތުން ކަމަށްވެސް އެވުޒާރާއިން ފާހަގަކުރައްވާކަމަށް ރިޕޯރޓްގައި ވެއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހާ ޙިއްޞާކޮށްފައިނުވާކަމަށް ވެސް ރިޕޯރޓްގައި ވެއެވެ. އަދި ބަންޑާނާއިބުގެ އޮފީހުގެ އެހީތެރިކަމަށްވެސް އެވުޒާރާއިން އެދިފައި ނުވާކަމަށް ރިޕޯރޓްގައި ފާހަގަކުރައްވައިފައި ވެއެވެ.

"ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުން ވަރަށް ސާފުކޮށް، މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާ މަތިކޮށްފައިވާ މަސްޢޫލިއްޔަތެއް، އެމަސްއޫލިއްޔަތު އަދާކުރުމަށް ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުގައި އަދާ ނުކުރުމުގެ ސަބަބުން، އަދި އެ، މުއްދަތު ފަހަނަޅައި ދިޔަފަހުން މިއަދާހަމައަށް ވެސް އެމަސްއޫލިއްޔަތު އަދާކޮށްފައި ނުވާކަމުން، އެމިނިސްޓްރީން އެ ޤާނުނާ ޚިލާފުވެފައިވާކަމަށް ކޮމެޓީން ޤަބޫލުކުރާކަމަށާއި، މިނިސްޓަރ ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވައިފައި ނުވާކަމަށް 8 މެއި 2020 ބޭއްވުނު ޤަވާއިދު ކޮމެޓީގެ 8ވަނަ ބައްދަލުވުމަށް ހާޒިރުވެ ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢިއްތިފޤުން ނިންމިއެވެ" ރިޕޯރޓްގައި ވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.