އެލޯން މަސްކްގެ ސްޕޭސް-އެކްސް ކުންފުނިން އުފައްދާފައިވާ ރޮކެޓު ނާސާގެ ދެ އެސްޓްރޮނޯޓުންނާއެކު ޖައްވަށް އުދުއްސާލައިފިއެވެ. އެސްޓްރޮނޯޓުން ދަތުރުކުރަނީ ފަޒާގައި ދައުރުކުރަމުންދާ ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަނަށެވެ. 19 ގަޑިއިރުގެ ދަތުރަކަށް ފަހުު އެސްޓްރޮނޯޓުން ޖައްވީ ސްޓޭޝަނާއި ގުޅޭނެއެވެ.
ފްލޮރިޑާގެ ކޭޕް ކެނެވްރަލްގައި ހުންނަ ކެނެޑީ ސްޕޭސް ސެންޓަރުން އިއްޔެ ހަވީރު 3:22 ގައި (ރާއްޖޭ ގަޑިން ރޭ މެންދަމު 12:22 ގައި) އުދުއްސާލި ރޮކެޓުވަނީ ދެގޮތަކުން ތާރީޚުގެ ތެރެއަށް ވަދެގެން ގޮސްފައެވެ. އެރޮކެޓާއެކު އަމިއްލަ ވިޔަފާރި ކުންފުންޏެއް ވިޔަފާރީގެ ގޮތުން ޖައްވީ ދަތުރުތައް ފެށުމަށް ތައްޔާރުވީއެވެ. އަދި މިއީ 10 ވަރަކަށް އަހަރަށް ފަހު އެމެރިކާގެ ބިމުން ޖައްވަށް އިންސާނުން ފޮނުވި ފުރަތަމަ ފަހަރެވެ.
"އަހަރުމެން މި އުއްބައްތި ރޯކުރަމާ ހިނގާ." ޖައްވަށް އުދުހުމުގެ އިރުކޮޅެއް ކުރިން ދެއްކި ވާހަކައިގައި ކޮމާންޑަރ ޑަގް ހާލީ ބުންޏެވެ.
"މިކަން ވެގެން މި ދިޔައީ ދިގު މުއްދަތަކަށް ފަހު. އެމެެރިކާގެ މިބުން އެމެރިކާގެ ރޮކެޓެއްގައި، އެމެރިކާގެ އެސްޓްރޮނޯޓުން އެންމެ ފަހުން ޖައްވަށް އުދުއްސާލި ފަހުން މިވަނީ ނުވަ އަހަރުވެފައި. މިހާރު އެކަން މިވަނީ ކުރެވިފައި. އަހަރުމެން އެކަން ކޮށްފިން. މި ކަޑައްތުކުރެވުނީ ދިގު ރާސްތާއެއް." ނޭޝަނަލް އެއަރޯނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) ގެ އެޑްމިނިސްޓްރޭޓަރ ޖިމް ބްރައިޑެސްޓައިން ވިދާޅުވިއެވެ.
އިއްޔެ ކެނެޑީ ސްޕޭސް ސެންޓަރުގެ ލޯންޗް ޕޭޑް 39އޭ އިން އުދުއްސާލި ރޮކެޓަކީ ދެ ބަޔަކަށް ހުންނަ ރޮކެޓެކެވެ. ޑެމޯ-2 ގެ ނަން ދެވިފައިވާ ފެލްކަން-9 ރޮކެޓާއެކު އުދުއްސާލީ ކުރޫ ޑްރޭގަން ކެޕްސޫލެކެވެ.
"މިއީ ކުރިމަގު. ވިޔަފާރި އުސޫލުން ކުރެވޭ ޖައްވީ ދަތުރު." ސްޕޭސް ސެންޓަރުގެ އަދި ނާސާގެ ކުރީގެ އެސްޓްރޮނޯޓް ބޮބް ކަބާނާ ވިދާޅުވިއެވެ.
އިއްޔެ ރޮކެޓް ކާމިޔާބުކަމާއެކު ޖައްވަށް އުދުއްސާލެވުނީ ދެވަނަ ފަހަރަށް ކުރެވުނު މަސައްކަތުގައެވެ. ފުަރަތަމަ ފަހަރު، ފާއިތުވި ބުދަދުވަހު ރޮކެޓް އުދުއްސާލަން 17 މިނެޓަށް ވެފައި ވަނިކޮށް އެކަން ހުއްޓާލަން ޖެހުނީ އެ ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
ދެކުނު އެފްރިކާއަށް އުފަން އެލޯން މަސްކްއަކީ ބެޓެރީ ކާރު އުފައްދާ ޓެސްލާގެ ވެސް ވެރިޔާއެވެ. ޖައްވަށް ވިޔަފާރި އުސޫލުން ދަތުރުތައް ކުރުމުގެ މަގުސަދުގައި މަސްކް ސްޕޭސް އެކްސްޕްލޮރޭޝަން ޓެކްނޮލޮޖީސް (ސްޕޭސް-އެކްސް) އުފެއްދީ 2002 ވަަނަ އަހަރުއެވެ. އެ ކުންފުނިން އުފައްދައި އިއްޔެ އުދުއްސާލި ފެލްކަން-9 ގެ ފުރަތަމަ ބައި އެނބުރި ދުނިޔަށް ތިރިކުރުމަށްފަހު ތަކުރާރުކޮށް ބޭނުންކުރެވޭނެއެވެ.