ކޮވިޑް- 19 އާއި ދެކޮޅަށްް އަޅާ ރައްކާތެރިކަމުގެ ފިޔަަވަޅެއްެގެ ގޮތުން ފާއިތުވި މާރިޗު މަހުގެ 21 ވަނަ ދުވަހުއްސުރެ ބަންދުކޮށްފައި މަދީނާގެ ޙަަރަމްފުޅު، އަލްމަސްޖިދުއް ނަބަވީ ހުޅުވާލަން ސައޫދީ ސަރުކާރުން ނިންމަވައިފިއެވެ. މަދީނާގެ ގަވަރުނަރުގެ އޮފީހުން ބުނެފައިވާ ގޮތުގައި ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު ވަނީ މިކަަމަށް ހުއްދަ ދެއްވާފައެެވެ. އަދި މިސްކިތްކޮޅު ހުޅުވާލަން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.
ދެ ޙަރަމްްފުޅު ބަލަހައްޓާ އިދާރާގެ މަސްޖިދުއްނަބަވީއާ ބެހޭ އޮފީހުން ބުނެފައިވާ ގޮތުގައި މާދަމާ، 31 މޭ 2020 ވަނަ ދުވަހު މަދީނާގެ ޙަރަމްފުޅު ހުޅުވާލާއިރު، ފުރަތަމަ ހުޅުވާނީ ފަހުން އިތުރުކޮށްފައިވާ ބަޔާއި، ބޭރުގައި ނަމާދުކުރަން ހަދާފައިވާ ސަރަހައްދުތަކެވެ. އިހުގެ މިސްކިތް ނުހުޅުވާނެއެވެ. އަދި ރައުޟާވެސް ހުންނާނީ ބަންދުކޮށްފައެވެ.
އެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިހާރު ހުޅުވާލާ ސަރަަަހައްދުތަކަށް މީހުން ވައްދާނީ އެ ސަރަހައްދުތަކުގެ ޖާގައިގެ %40 އަށެވެ. އަދި މިިސްކިތުގެ ދޫލަތައް ނަގާފައި ވާއިރު، ނަމާދުކުރާނީ މާބުލްގެ މަތީގައެވެ.
ސައޫދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މައްކާ ފިޔަވައި އެހެން ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަދީ، މިސްކިތްތައް ހުޅުވާލުމަށް މިހާރު ވަނީ ނިންމައިފައެވެ. އެ ގޮތުން ސާފުކޮށް ސެނިޓައިޒް ކުރުމަށްފަހު 90 ހާހަށް ވުރެ ގިނަ މިސްކިތް ހުޅުވާލެވޭނެއެވެ.
ގެއިން ވުޟޫކޮށްގެން، ރަނގަޅަށް އަތް ދޮވެގެން، މާސްކު އަޅައިގެން މިސްކިތްތަކަށް ދާން އިރުޝާދު ދީފައި ވާއިރު، ނަމާދަށް ދާން ޖެހެނީ އަމިއްލަ މުސައްލަ ހިފައިގެންނެވެ. އަދި މިސްކިތުގައި ބަަހައްޓާފައި ހުންނަ ޤުރްއާން ބޭނުންނުކޮށް، އަމިއްލައަށް ގެންދާ ޤުރްއާން ނުވަތަ މޯބައިލް ފޯނުން ޤުރްެއާން ކިޔެވުމަށްވެސް ވަނީ އަންގާފައެވެ. 15 އަހަރުން ދަށުގެ ކުދިން މިސްކިތަށް ދިއުން ވެސް ވަނީ މަނާކޮށްފައެވެ.
ޖަމާއަތުގައި ސަފުހަދަން އަންގާފައި ވަނީ ދެ މީހުންގެ ދޭތެރޭގައި މަދުވެގެން 2 މީޓަރު (6 ފޫޓު) ހުންނަން ޖެހެއެވެ. އަދި ދެ ސަފުން އެއް ސަފު ދޫކޮށްލާފައެވެ.
ސައޫދީ އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ގޮތުގައި މިސްކިތްތައް ހުޅުވަން ވާނީ ބަންގި ގޮވުމުގެ 15 މިނިޓް ކުރިންނެވެ. އަދި ނަމާދު ނިމޭތާ 10 މިނިޓް ފަހުން މިސްކިތްތައް ބަންދުުކުރަން ޖެހެއެވެ.