ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން އެމަނިކުފާނު ވެރިކަމުން އަޒުލް ކުރަންޖެހޭނެ ކަމަށާއި އަމިއްލަ އިއުތިރާފަކީ ކާފީ ހެކި ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ މުޙަންމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ކަމުން ވަކިކުރެއްވި ފަހުން ލަންޑަނުގައި ދިރިއުޅުއްވަމުން ގެންދަވާ ޑރ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުއެސްގެ ބޮޑު ޚިޔާނާތުގެ ފައިސާއާބެހޭ ގޮތުން ރޭ ރައީސް ޔާމީން ވަނީ އެމަނިކުފާނު އެފައިސާ ބޭނުން ކުރެއްވި ކަމަށް އިއުތިރާފްވެވަޑައިގެންފައި ކަމަށެވެ.
ޑރ ޖަމީލް ވިދާޅުވީ ޖަލުގައި މިވަގުތު އޮންނެވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ދެއްވައިގެން ރައީސް ޔާމީންގެ ގެކޮޅު ދޫއްވެސާއި ރައްޔިތުންގެ މަޖިލީހުގެ ބަޔެއް މެމްބަރުންނަށް ދެއްވި ފައިސާއަކީ ޙަލާލް ފައިސާ ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު ރައީސް ޑރ މުޙަންމަދު ވަޙީދު ހަސަން މަނިކުގެ ސަރުކާރުގައި އަދީބަށް ވަޒީރުކަން ދެއްވައިގެން އެކަންކަން ކުރެއްވި ބޭފުޅަކީ ސީދާ ރައީސް ޔާމީން ކަމަށެވެ.
ރޭ ޕީޕީއެމްގެ ޖަގައެއް ހުޅުވުމަށް އޮތް ބައްދަލުވުމެއްގައި ފޮށިފޮށީގައި ދޫވެއްސަށް ވެއްދީ ޙަލާލު ފައިސާ ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވުމާއެކު އިދިކޮޅު ފަރާތްތަކުގެ ހޫނު ހަމަލާތަކެއް ރައީސް ޔާމީންއަށް ދަނީ އަމާޒު ވަމުންނެވެ. ރައީސް ރޭ ވިދާޅުވީ އެމަނިކުފާނުގެ އަދީބު ބެއްސެވި ހަލާލް ނޫން ފައިސާ ވަދެފައި ވަނީ ހަމައެކަނި ދޫވެއްސަށް ނޫން ކަމަށާއި ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި މެމްބަރުންވެސް އެފައިސާއާމެދު ވިސްނާލެއްވުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ.