އަޅުގަނޑުމެންގެ ތަފާތު ހަނދާންތައް، ފަލްސަފީ ވިސްނުމަކުން!

ދުވަހަކުވެސް އަޅުގަނޑުމެން ނުދެކޭފަދަ ރޯދަމަހެއް ނިމި، މިހައިތަނަށް ތަޖުރިބާ ކުރެވިފައިނުވާފަދަ އީދު ދުވަހެއްވެސް އަތުވެއްޖެއެވެ. އެކަކު އަނެކަކަށް ފޯނުން އީދު ތަހުނިޔާ ކިޔަމުން އައެއެވެ. އަޅުގަނޑަކީ މާ ރަހުމަތްތެރިން ގިނަ މީހެއްވެސް ނޫނެވެ. ނަމަވެސް އަޅުގަނޑަށްވެސް ތިރީހަކަށް 'އީދު މުބާރަކު' ލިބުނެވެ. ގިނައީ ހުނަރުވެރިން، ދެތިން ބަހުން ލިޔެ ކުރެހުމުން ޖަރީކޮށްފައިވާ ސުމޭކު(ޑިޖިޓަލް) އެއް އިންޗި ގުނަ އެއް އިންޗީގެ " ކާޑެވެ."

ނަމަވެސް، އަޅުގަނޑުގެ ގާތް އެކުވެރިއެއްގެ ރަހުމަތްތެރިއަކު އަޅުގަނޑަށް ފޮނުވީ އިސްލާމީ މަރުކަޒުގެ ފޮޓޯއެކެވެ. ސަލްޓަން ޕާކާ ވީ ދިމާއިން އުތުރަށް ހުރެ ނަގައިފައިވާ ފޮޓޯއެކެވެ. އަޅުގަނޑަށް ލިބިފައިވާ ތަޖުރިބާއިން، އެއީ އެދުވަހުގެ  އިރު އޮއްސެން ވަރަށް ކައިރިވެފައި ހުއްޓައި ނަގާފައިވާ ފޮޓޯއެއްކަން އެނގުނެވެ.

އަޅުގަނޑަށް ވީ ގޮތަކީ ހަމަ އެ ފޮޓޯ ފެނުމުން އަޅުގަނޑުގެ ފިރިހެން ދެބެން ކުޑައިރު 'މަރުކަޒަށް' ހުކުރަށް ގޮސް އުޅުނު އުފާވެރި ހަނދާންތަކާއި، ތަރާވީހަށް، އާއިލާ އެކީގައި ގޮސް އުޅުނު ހަނދާންތައް ޖަމާވީ ލޮލުން ކަރުނަ ހިލޭ މިންނަވަރަށެވެ. އެހިސާބަށް ގޮސް އިސްލާމީ މަރުކަޒަށް ވަދެލައި ބޮޑުތަކުރުފާނު މިސްކިތަށް އަރާހިތްވީއެވެ. އަޅުގަނޑަކީ އާންމު ގޮތެއްގައި ގެއިން ބޭރަށް ނިކުންނަ ހިތްވާ މީހެއްވެސް ނޫނެވެ. ނަމަވެސް ފުރަބަންދުގައި  ހައެއްކަ ހަފުތާ ހޭދަވުމުން ނިކުމަލައި ވައިޖައްސައިލާ ހިތްވީތާއެވެ! ދެން އަޅުގަނޑު ހިތަށް އެރީ ބައެއް ޚާއްސަ ތަންތަނާ އަޅުގަނޑުމެނާ މިހުންނަ ގުޅުމެވެ. އަދި ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހައިން ފެންނަން ހުންނާތީ،  އެތަންތަނުގެ ހައިބަތާ އަޅުގަނޑުމެންގެ ދިރިއުޅުމުގައި އެ ތަންތަނާ ގުޅުން އުފެދިފައިވާ ފުން މިންވަރު ވަޒަންވެސް ނުކުރެވެނީއެވެ.  ޒުވާން ކުދިންގެ ކުރިމަތީގައި މައިންބަފައިން ފެންނަން ތިބޭތީ އެއީ ކޮންފަދަ ނިއުމަތެއްކަން ނޭނގޭ ފަދައިންނެވެ. ފުރިހަމަ ސިއްހަތަކީވެސް ކޮންފަދަ ނިއުމަތެއްކަން އަޅުގަނޑުމެނަށް މި އެނގެނީ ހޮސްޕިޓަލް ހެދުމެއް ލައްވާފައި އުޑުތިލަމަތިން 'އެނދުމަތި' ކުރީމައެވެ!

2009 ގައި ނިޔާވި ބަލްގޭރިޔާއަށް އުފަން ފަންނާނު ކްރިސްޓޯ (Cristo) އަކީ މިދެންނެވުނު އެއްގޯސްވުން އޭނާގެ ފަންނުވެރިކަމުގެ ފަލްސަފާގެ ތެރެއިން ދުނިޔެ ހައިރާން ކޮށްލި އެތައް ކަމެއް ކުރި ހުނަރުވެރިއެކެވެ. އެހެން ފަންނާނުން ފަދައިން ކުރަހައި އެ ކުރެހުންތައް ވިއްކައި އުޅުނެވެ. މާއްދީ ތަނަވަސްކަންވެސް ފަންނުވެރިކަމުން ހޯދިއެވެ. ނަމަވެސް އޭނާ އާންމުންނަށް އެނގެނީ، އޭނާ ހިލޭސާބަހަށް ކުރި ބައެއް މަޝްހޫރު ކަންކަމުންނެވެ. އޭގެތެރޭގައި ފަރަންސޭސިވިލާތުގެ ޕެރިހުގެ ކޯރެއް މަތީގައި އަޅާފައިވާ ފާލަން ފޮތިންނާއި ރޯނުން ވަރަށް ރީތިކޮށް ބަދެލުން ހިމެނެއެވެ. މީގެ އިތުރުން ފަރަންސޭސި ވިލާތުގެ އެންމެ މަޝްހޫރު އެއް ބިނާ ކަމުގައިވާ Arc de Triomphe   އާދެ ފަރަންސޭސި ސިފައިންގެ ކާމިޔާބީގެ ރަމްޒު ކަމުގައިވާ އެންމެ މަޝްހޫރު ބިނާވެސް މީނާ ވަރަށް ރީތިކޮށް ފޮތިން ބަނދެލާފައި ދުވަސްކޮޅަކު ބެހެއްޓިއެވެ.

މިފަދަ ބުރަ މަސައްކަތް ( އެންމެ އުނދަގުލީ ހުއްދަ ހޯދުމެވެ. ބައެއް މަޝްރޫއުގެ ހުއްދަ ހޯދަން 10 އަހަރު ވި ކަމަށް ކިރިސްޓޯގެ އިންޓަރވިޔުގައި ބުނެފައިވެއެވެ) ކުރުމުގެ ބޭނުމަކީ ދުވަސްކޮޅަކަށް މިފަދަ ތަންތަން ވަގުތީ ގޮތުން ފޮރުވައިލުމުން މީހުންގެ ހިތުގައި އެތަންތަނަށް ދެވޭ ގަދަރާއި ލޯބި އިތުރު ކުރުވުމެވެ. ފާލަން މަތިން ދުވާލު ދެ އިރު ދެކޮޅަށް ދުއްވާ މީހުންނަށް އެ ފާލަމަށް ދޭންވާ ސަމާލުކަމެއް ނުދެވޭތީއެވެ. ނަމަވެސް ދުވަސްކޮޅަކު ފޮރުވައިލުމުން، މީހުން ތިބެނީ އެތަން އަލުން ބަލައިލާހިތްވެ ޝައުގުން ފުރިފައެވެ!

މިހިސާބަށް ލިޔުނުފަހުން ކުއްލިއަކަށް އަޅުގަނޑު މި ހަނދާންވީ ޖަޕާނުގެ މަސްވެރީންގެ ހަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ (ލައިޓްހައުސް) ފަނާރުތަކާ ބެހޭގޮތުން ހަދާފައިވާ ފިލްމެއްގެ ކުޑަ ތަންކޮޅެކެވެ. ޖަޕާނަކީ ކަނޑުގެ ސަރަހައްދު ބޮޑު، އަޅުގަނޑުމެންގެ ރާއްޖެ މި އޮންނަ ގޮތަށް އުތުރުން ދެކުނަށް ހިމަކޮށް ފެތުރިފައިވާ ފަރުބަދަމަތީ  ބޮޑެތި ޖަޒީރާތަކެކެވެ. އަދި ޕެސިފިކް ކަނޑަކީ (މަޑުމައިތިރި ކަނޑުގެ ނަމުން ނަންދެވިފައިވި ނަމަވެސް) އެހައިމެ ގަދަ ކަނޑެކެވެ. މިހެންވެ ފިނިމޫސުމުގައްޔާއި ވިއްސާރަ ދުވަސްވަރު، ކަނޑުދަތުރު ކުރާމީހުންނަށް އަމާން ބަނދަރަކަށް މިސްރާބު ޖަހައިދީ، ނުވަތަ ނުރައްކަލުން ދުރަށް ޖެހިލަން އަންގައިދެނީ މިދެންނެވި ފަނާރުތަކެވެ. ކުދި މުންނާރު ކަހަލަ މިބިނާތަކުގައި ހަރުކޮށްފައިވާ 'އެއްލާ ބައްތީގެ'  އައްޔެވެ.

ޖީބަށް ލެވޭހައި ކުދި ޖީޕީއެސް އާންމުވެ ބޭނުން ކުރަން ފަސޭހަވުމުން މިދެންނެވި ފަނާރުތަކުގެ އަމަލީ ބޭނުން ދިޔައީއެވެ. އެ ފަނާރުތައް ނަގައި އެ ބިނާތައް ހުރި ތަންތަނުގައި އެހެން ކަމެއް ކުރަން ފަނާރެއް ވައްޓާލައި ފުނޑުފުނޑުކޮށްލާނެކަން ނޫސްވެރިޔެއްގެ ފަރާތުން ކަބަރު ލިބިގެން، މުސްކުޅި މަސްވެރިޔަކު އޭނާގެ އަންހެނުން ގޮވައިގެން ވަގުތު ފާއިތުވުމުގެ ކުރިން، އެ އާއިލާއަށް ' އެހީތެރިވި' ފަނާރު ދެކިލަން އައެވެ. ދެމަފިރިންމެ ތިބީ އެމީހުން އަތުގައި އޮތް އެންމެ ނަލަ ހެދުމުގައެވެ. ސޭލާގެ ވަރުގަދަ އެކަތަ ދަތްތަކުން އެ ފަނާރު ސުންނާފަތިކޮށްލާތަން ބަލަން ތިބިއިރު ދެމަފިރިންނަށް ރޮވޭވަރުން ވާހަކަވެސް ނުދެއްކެއެވެ. ފިރިހެން މީހާ ނޫސްވެރިޔެއްގެ ގާތުގައި ބުނީ، ނުރައްކާތެރި ބިރުވެރި ކިތަންމެ ރެއްގައި ސަލާމަތުން އޭނާގެ އާއިލާއަށް ގެނެސްދިނީ އެ ފަނާރުގެ އެއްލާބައްތީގެ ރަތްކުލައިގެ އަލި ކަމުގައެވެ. އަދި އެ ފަނާރު ހަލާކު ކުރާތަން ބަލަން ގިނައިރު ކެތް ނުކުރެވޭނެ ކަމަށާއި އެފަދަ ފަނާރު ތަކަކީ ގައުމުގެ ފިސާރި އަގުބޮޑު ތަރިކަ ކަމުގައި ދެކޭކަމުގައެވެ. އެންމެފަހުން އެނބުރި ދިއުމުގެ ކުރިން އެ ފާނަރަށް ބޯލަނބައި އިސްދަށަށް ޖަހާފައި ބުނީ ' ނެތި ތިޔަ ދަނީ އަހަރުމެނަށް ހާދަ މުހިންމު ކަމެއް ކޮށްދީފައެވެ' !!

ރީއްޗަކީ ބަލާމީހާގެ ލޮލުގެ ތަނަވަސްކަމުން ފެންނަ އެއްޗެއްކަމުގައި ހިތްތިރި ކުރެހުންތެރިންނާއި ފަންނާނުން ބުނެއެވެ. ޝުކުރުވެރިވުމަކީވެސް ހަމަ މިކަހަލަ ކަމެއްނޫންތޯއެވެ. ޝުކުރު އަދާކުރާށޭ ކިޔާފައި އަޅުގަނޑުމެންގެ މަދަރުސާއެއް، އަޅުގަނޑުމެންގެ ގުރްއާން ކުލާހެއް، ފަތަން ދަސްކޮށްދިން މޫދެއް ނުދުވާނެއެވެ. ޝުކުރުވެރިވުމަކީ އަޅުގަނޑުމެން އަމިއްލައަށް އާލާކޮށް އާންމު ކުރަންޖެހޭ ރީތި ސިފައެކެވެ!

އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.