ކޮވީޑާ ގުޅިގެން ޓެކްސީ އެމްބިއުލާންސް ބޭނުން ކުރާނެ އުޞޫލު ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރައްވައިފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ އުޞޫލުގައި ބުނެފައި ވަނީ އިމަރޖެންސީ ޙާލަތުގައި ބަލިމީހާ ޞިއްޙީ ޚިދުމަތްދޭ ތަނަކަށް ގެންދިއުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދުމަށްޓަކައި އެމްބިއުލާންސްގެ ގޮތުގައި ކާރާއި އެނޫންވެސް އުޅަނދު ބަލިމީހުން އުފުލުމަށް ބޭނުން ކުރުމަކީ މިޚިދުމަތް ގިނަ ބަޔަކަށް އަވަހަށް ދިނުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެއްކަމަށެވެ.
މި އުޞޫލުގައި ބުނާ ގޮތުން ޓްރާންސްޕޯރޓްގެ މިންގަނޑަށް އުޅަނދު ހުރުމުގެ އިތުރުން ޑްރައިވަރުގެ ޝީޓް ހުންނަން ވާނީ ވަކިން ޕާޓިޝަން ޖަހައިފައެވެ. ބަލި މީހާ ގޮވައިގެން ދަތުރު ކުރާއިރު އުޅަނދުގެ ދޮރުތައް ބަހަށްޓަން ޖެހެނީ ހުޅުވައިފައެވެ. ޕާޓީޝަން ޖެހުމަށް ބޭނުންކުރާ މެޓީރިއަލަކީ ފެން ނުފާއްދާ ފަސޭހައިން ސާފުކުރެވޭ އެއްޗަކަށް ވާންޖެހެއެވެ. އުޅަނދުގެ ގެ ޝީޓް ނުވަތަ ޝީޓް ކަވަރުވެސް ހުންނަން ޖެހެނީ ފެން ނުފާއްދާ ފަސޭހައިން ސާފުކުރެވޭ ކަހަލަ މެޓީރިއަލަކުންނެވެ.
އުޅަނދުގައި ރަނގަޅު ކޮމިޔުނިކޭޝަން ސިސްޓަމެއް ހަރު ކުރެވިފައި ހުންނަން ޖެހެއެވެ. އިމަރޖެންސީ ޙާލަތުގައި ފަސޭހައިން ބޭނުންކުރެވޭނެ ސައުންޓް ސިސްޓަމެއް ވެސް ކާރު ނުވަތަ އެ އުޅަނދެއްގައި ހުންނަން ޖެހެއެވެ. ޑްރައުވަރު ހުންނަން ޖެހޭނީ ޑިސްޕޯސިބަލް އަންގި ލައްވައި މާސްކްވެސް އަޅައިގެންނެވެ.
ޓެކްސީ އެމްބިއުލާންސް ދުއްވަންޖެހޭނީ ޢުމުރުން 60 އަހަރުން އަރުން ދަށުގެ ދާއިމީ ބައްޔަށްކަށް ފަރުވާ ނުހޯދާ މީހެކެވެ. އެޑްރައުވަރުގެ ރޯގާގެ އެއްވެސް އަލާމާތެއް ވެސް ހުރެގެން ނުވެއެވެ. އަދި ކޮވިޑަށް ޕޮސިޓިވް ވެފައިވާ މީހެއްގެ ކޮންޓެކްޓަކަށް ވެސް ވެގެން ނުވާނެއެވެ.
މިފަދަ އުޅަނދެއްގައި ބަލި މީހަކު އުފުލަން ޖެހޭނީ ބަލި މީހާގެ އިތުރުން އެހީތެރިޔަކާ އެކުގައެވެ. އަދި ބަލި މީހާޔާއި އެހީތެރިޔާވެސް އަރުވަންޖެހެނީ އުޅަނދުގެ ފަހަތު ޝީޓަށެވެ. އެހީތެރިންގެ ގޮތުގައި ދެ މީހުންނަށް ވުރެ ގިނައިން އަރުވައިގެން ވެސް ނުވާނެކަމަށް ވެއެވެ.
މިފަދަ އުޅަނދު ފަހަރުގައި އުފުލަން ޖެހޭނީ އަމިއްލަ އަށް އިށީދެ އިނދެވޭ ހާލުގައި ތިބޭ ބަލިމީހުންނެވެ. ޞިއްޙީ ޚިދުމަތް ދޭތަނަކަށް ގެންދިއުމުގެ ކުރިން އޮކްސިޖަން ދިނުންފަދަ ޚާއްޞަ ފަރުވާއެއް ބޭނުންވާ މީހަކު އެފަދަ އުޅަނދެއްގައި އުފުލައިގެން ނުވާނެ ކަމަށްވެސް އުޞޫލުގައި ބުނެފައިއެވެ.
އުޅަނދާއި ޑްރައިވަރުގެ ހުންނަންޖެހޭ ސިފަ ތަކުގެ އިތުރުން އުޅަނދު ސާފު ކުރުމާއި ޑިސްއިންފެކްޓް ކުރުމުގެ އުޞޫލުތައް ވެސް ހިމެނެއެވެ. ކޮންމެ ދަތުރެއް ފެށުމުގެ ކުރިންނާއި ކޮންމެ ދަތުރެއް ނިމުމުން ކަނއެޅިފައިވާ މިންގަނޑާ އެއް ގޮތަށް އުޅަނދު ސާފުވެސް ކުރަންޖެއެހެވެ. މިނޫން ވެސް ވަރަށް ގިނަކަންކަން މިއުޞޫލުގައި ވަނީ ބަޔާންކޮށްފައެވެ.