މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުޙައްމަދުގެ ޕާޓީ، ޕާރްޓީ ޕްރިބޫމީ ބެރްސަތު މެލޭޝިޔާ (ބެރްސަތު)، އިން އޭނާއާއި އޭނާއަށް ތާއީދުކުރައްވާ 4 ބޭފުޅަކު ވަކިކޮށްފިވެ. ޑރ. މަހާތީރާއެކު ޕާޓީން ވަކިކުރި ބޭފުޅުންގެ ތެރޭގައި އޭނާގެ ދަރިކަލުން އަދި ކެޑާހް ސްްޓޭޓުގެ ކުރީގެ ޗީފް މިނިސްޓަރު މުޚްރިޒް ބިން މަހާތީރު، ޑރ. މަަޒްލީ މާލިކް، ސައްޔިދު ޞިއްދީޤު ސައްޔިދު ޢަބްދުއްރަޙްމާން އަދި އަމީރުއްދީން ޙަމްޒާ ހިމެނިވަޑައިގަންނަވައެވެ. މި ހުރިހާ ބޭފުޅުންނަކީ 2016 ވަނަ އަަހަރު ބެރްސަތު ޕާޓީ އުފެއްދުމުގައި މަހާތީރާށް އެހީތެރިވެ ވަޑައިގެންނެވި ބޭފުޅުންެނެވެ.
މި ބޭފުޅުން ބެރްސަތު ޕާޓީން ވަކިކޮށްްފައިވާކަން އަންގާފައި ވަނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ސުހައިމީ ޔަޙްޔާ ސޮއިކުރައްވައި އެބޭފުޅުންނަށް ފޮނުއްވި ސިޓީތަކެއްގައެވެ.
އެ ސިޓީތަކުގަ ބަޔާންކޮށްފައިވާ ގޮތުގައި އެބޭފުޅުން ޕާޓީން ވަކިކުރައްވާފައި ވަނީ މޭ 18 ވަނަ ދުވަހު ބޭއްވި ގާނޫނުހަދާ މަޖިލީހުގެ ޖަަލްސާގައި އިދި މެންބަރުން ތިއްބަވާ ފަޅީގައި އިށީނދެވަޑައިގެންފައި ވާތީއެވެ. ޑރ. މަހާތީރު ގެންދަވަނީ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންއާ ދެކޮޅަށް އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމާއެކު މަސައްކަތްޕުޅު ކުރައްވަމުންެނެެވެ.
ޑރ. މަހާތީރާއި އޭނާގެ އަރިސް ބޭފުޅުން ޕާޓީން ވަކިކުރަން ނިންމުމާ ގުޅިގެން ބެރްސަތު ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މަރްޒޫޤީ ޔަޙްޔާ ވިދާޅުވެފައެި ވަނީ އެ ނިންމުމަކީ ޣައިރުގާނޫނީ ނިންމުމެއް ކަމުގައެެވެ. ޕާޓީން މެންބަރުން ވަކިކުރެވޭނީ ޑިސިޕްލިނަރީ ކޮމިޓީއަށް މައްސަލަ ހުށަހަޅައިގެން، އެ ކޮމިޓީން ނިންމުމުން، ޕާޓީގެ ސުޕްރީމް ކައުންސިލުން ކަމުގައެވެ.
އުމުރުފުޅުން 95 އަހަރުގައި ފާއިތުވި ފެބްރުވަރީ މަހު ބޮޑުވަޒީރުކަމުން ކުއްލި ގޮތަކަށް އިސްތިއުފާދެެއްވި އިރު ޑރ. މަހާތީރުއަކީ ދުނިޔޭގައި ހުންނެވި އުފުޅުން އެންމެ ދުވަސްވީ ބޮޑުވަޒީރެވެ. ޑރ މަހާތީރުގެ އިސްތިއުފާއަށް ފަހު ބެރްސަތު ޕާޓީގައި ތިއްބެވި މުޙްޔިއްދީނަށް ތާއިދުކުރައްވާ މެންބަރުންނާއެކު އޭނާ ވަނީ އޭރުގެ އިދިކޮޅު ޕާޓީ، ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ ޔުނައިޓެޑް މެލޭ ނޭޝަލަން އޮގަނައިޒޭޝަން (އުމްނޯ) އާ ގުޅިވަަޑައިގެން ސަރުކާރެއް އެކުލަވާލައްވާފައެވެ.
މެލޭޝިޔާގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ޑރ. މަހާތީރު ބިން މުޙައްމަދު ވަނީ 1981 އިން 2003 އަށް މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އަދި ދެވަނަ ފަހަރަށް މޭ 2018 އިން މާރިޗު 2020 އަށް އެ މަގާމު އަދާކުރައްވާފައެވެ.