"ވާދަކުރާނެ މީހަކު އިދިކޮޅަކުނެތް، އިންތިޚާބަކާ ނުލައި ރައީސް ޔާމީން ހޮވާނަން"

ކުރިޔަށް އޮތް 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރައްވާނެ އިދިކޮޅު ކެންޑިޑޭޓަކު އަދިވެސް ނުފެންނަ ކަމަށާއި އެހެންކަމުން އިންތިޚާބަކާ ނުލައިވެސް ރައީސް ޔާމީން ވެރިކަމަށް ގެންނަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދުﷲ އަބްދުއްރަޙީމް މިރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް މިރޭ މާލޭގައި އޮތް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކުން މަޑުމަޑުން ތިބުން ބުއްދިވެރި ކަމަށާއި ރާއްޖެއިން ދެން ފެނިގެންދާނީ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ނޫން ކަމަށެވެ. ޕީޕީއެމްގެ ހަރަކާތްތަކާއެކު މި މަސައްކަތް ނިންމާލާނީ 2018 ގައި އިތުރު ފަސް އަހަރުގެ ދައުރަކަށް ރައީސް ޔާމީން ހޮވާފައި ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ 2018 ގައި ރައީސް ކަމަށް ޔާމީން އަނެއްކާވެސް ގެންނަން ޖެހެނީ ދިވެހި ގައުމުގެ ހައްގުކަމަށެވެ. އަދި ދިވެހި ގައުމު ބިނާކޮށްދޭނެ އިތުރު މާލިމީއެއްވެސް ނުފެންނަ ކަމަށް އަދުރޭ ވިދާޅުވިއެވެ. ޕީޕީއެމްގެ ހަރަކާތްތައް މާލޭގެ ޖަގަހަތަކުގައި ކުރިޔަށްދާއިރު ހަފްތާ ބަންދު ތެރޭގައި އަތޮޅު ތަކުގައިވެސް އެޕާޓީގެ ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށް އަދުރޭ މިރޭ ވިދާޅުވިއެވެ.

ޕީޕީއެމްއިން މިރޭ "ރުމާލު2" ގެ ނަމުގައި މާލޭގައި ޖަގަހައެއް ހުޅުވިއިރު ރޭވެސް ވަނީ "ރާސްޓަސް" ގެ ނަމުގައި އެޕާޓީގެ ޖަގަހައެއް ހުޅުވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.