ފާއިތުވި 27 އަަަހަރުދުވަހުގެ ތެރޭގައި އިންޑިޔާއަށް ކުރިމަތިވި ގޮއްފުޅަނގި (ލޮކަސްޓް) 'ހަމަލާ'ގައި ހުޅަނގާއި، މެދުތެރޭ އިންޑިޔާ ސްޓޭޓުތަކުގެ ދަނޑުތަކުގެ ބޮޑު ބައެެއް އެތައް މިލިއަން ގޮއްފުޅަނގި ދަނީ ކަމުންނެވެ.
ގޮއްފުޅަނގިި މެރުމަށް ޓްރެކްޓަރާއި، ކާރާއި، ޑްރޯން ބޭނުންކޮށްގެން ސޫފިމަރާ ބޭސް (ޕެސްޓިސައިޑް) ޖަަހަމުން ދާއިރު، ގޮއްފުޅަނގި އަރައި މިހާތަށް 50 ހާސް ހެކްޓަރު (1 ލައްކަ 25 ހާސް އޭކަރު) ގެ ދަނޑު ކައިފިކަމަށް ވެއެވެ. މަހާރާޝްޓްރަ ސްޓޭޓުގައި އެންމެ ގިނައިން ހައްދާ އެއް މޭވާ ކަމުގައިވާ އޮރެންޖު ދަނޑުތަކުގެ %25 ގޮއްފުޅަނގީގެ ޝިކާރައަކަށް ވެއްޖެކަމަށް ވެއެވެ.
އުއްތަރު ޕްރަދޭޝް، މަދްޔަ ޕްރަދޭޝް އަދި ރާޖަސްތާނުގައި ތަައްޔާރީ ހާލަތު އިއުލާންކޮށްފައި ވާއިރު، ވެރިރަށް ދިއްލީއާ ދިމާއަށް އެތައް މިލިއަން ގޮއްފުޅަނގި އުދުހުމަކީ އެކަށީގެން ވެއެވެ. އިންޑިއަން މީޓިއޮރޮލޮޖިކަން ޑިޕާޓްމަންޓް (އައިއެމްޑީ) ގެ ސައިންޓިސްޓުން ވިދާޅުވާ ގޮތުގައި ފާއިތުވި ދުވަސްތަކުގެ ވައިގެ މިސުރާބު ބަދަލުވަމުން ގޮސްފައިވާތީ، ކުރިއަށް ދުވަސްތަކުގައި ވެސް ވައިިގެ މިސުރާބު ބަދަލުވާނެ ކަމަށް ލަފާކުރެވެއެވެ. ރާޖަސްތާނާވީ ފަރާތުން މިހާރު ވައިޖެހެމުން ދާތީ އެތައް މިލިއަން ގޮއްފުޅަނގި ދިއްލީއަށް އެރުމަކީ ވަރަށް ގާތް ކަމެކެވެ.
ގޮއްފުޅަނގިއަކީ ބާރަށް ދަތުރުކުރާ، ދަނޑުތައް އަވަހަށް ކައި ހުސްކުރާ އެެއްޗެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ގޮއްފުޅަނގި ދުވަހަކު 150 ކިލޯމީޓަރުގެ ރާސްތާ ކަޑައްތުކުރާއިރު، އެއް އަކަކިލޯމީޓަރުގެ ސަރަހައްދެއްގައި އޮންނަ ގޮއްފުޅަނގި ބައިގަނޑަކުން 35 ހާސް މީހުން ކާވަރަށް ކައެވެ. މިވަރުގެ ސަރަހެއްދައިގައި އެެއްފަހަރާ 40 މިލިއަނާ 80 މިިލިއަނާ ދެމެދުގެ އަދަދަކަށް ގޮއްފުޅަނގި އުދުހޭކަމަށް ވެއެވެ.
"ކޮންމެ ބައިގަނޑެއްގައި 1 އަކަކިލޯމީޓަރު ހުރި 8 ބައިގަނޑާ 10 ބައިގަނޑާ ދެމެދުގެ އަދަދެއް ރާޖަސްތާނާއި މަދްޔަޕްރަދޭޝްގައި ދަނީ ހަރަކާތްތެރިވަމުން." ސަރުކާރުގެ ލޮކަސްޓް ވޯނިންގ އޮގަނައިޒޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ކޭއެލް ގުރްޖާރު ވިދާޅުވިއެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި 1993 ގެ ފަހުން ގޮއްފުޅަނގީގެ މިވަރުގެ ހަމަލާއެެއް އިންޑިޔާއަށް ކުރިމަތިވެފައި ނުވެއެވެ.
އިންޑިޔާއަށް އެރުމުގެ ކުރިން ގޮއްފުޅަނގީގެ ބައިގަނޑުތައް ވަނީ ޕާކިސްތާނަށް އަރައި އެގައުމުގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ޕާކިސްތާނުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި 1990 ގެ ފަހުން އެ ގައުމަށް ކުރިމަތިވި ގޮއްފުޅަނގީގެ އެންެމެ ވަރުގަދަ ހަމަލާގައި މޭވާާއާއި، ތަރުކާރީއާއި، ކަފަ ދަނޑުތަކުގެ %40 ވަނީ ހަލާކުކޮށްލާފައެވެ.