ބޮޑު ޚިޔާނާތާއި މަރާލާއިފައިވާ މީހުންގެ މައްސަލަތައް ހިނގަމުންދާގޮތް ބެލުމަށް ވެއްދި މައްސަލަ ކޮމެޓީއަށް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި މަރާލާއިފައިވާ މީހުންގެ މައްސަލަތައް ހިނގަމުންދާ ގޮތް ބެލުމަށް މަޖިލީހަށް ވެއްދި މައްސަލަ ކަމާބެހޭ ދެ ކޮމެޓީއަށް މަޖިލީހުގެ ރައީސް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިރޭ ބުނީ މި މައްސަލަ ފޮނުވައިފައި ވަނީ 241 ކޮމެޓީ އާއި ޖުޑިޝަރީ ކޮމެޓީއަށް ކަމަށެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޢިއްޒެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި އެނޫންވެސް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ. އަދި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީގު ކުރުމަށް ވެސް ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ.

މެމްބަރ މުޢިއްޒު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މި ދެ މައްސަލައަކީ ވެސް އާއްމު މަސްލަޙަތު ހިމެނޭ މައްސަލަތަކެއްކަމަށެވެ. ނަމަވެސް އެމައްސަލަތަކުގެ ތަޙްޤީޤާއި، ދައުވާ އުފުއްލެވުމާއި އަދި ޝަރީޢަތްތައް ހިނގާ ގޮތުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރެވޭ މިންވަރު މަދު ކަމަށް ޤަބޫލު ކުރައްވާކަމަށެވެ. އަދި އެމައްސަލަތައް ބެލުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ވެސް ސާފު ނުވާކަމަށެވެ.

"އެމައްސަލަތައް ބެލުމާއި ދައުވާ އުފުއްލެވުން ނުވަތަ ޝަރީޢަތް ހިންގެވުން ލަސްވުމަށް ހުރި ސަބަބުތަކާއި، ނުފޫޒެއް ނެތި ޢިތުބާރުހިފޭ ނިޒާމެއްގެ ތެރެއިން ނަތީޖާ ނެރެވޭނެ ފަދައިން އެމައްސަލަތަކާމެދު ޢަމަލުކުރެވެމުންދޭތޯ، ޔަޤީންކުރުމަށް ބޭނުންވާތީ، ރައްޔިތުންގެ މަޖިލީހުން އެކަން ބަލައިދެއްވުމަށް އެދި ދެންނެވީ ކަމަށް" މެމްބަރ މުޢިއްޒު ހުށަހެޅުއްވި މައްސަލައިގައި ވެއެވެ. 





ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.