މަޖީދުބެގެ "ހައް ގޮއްވުން" މުޅިރާއްޖޭގެ ސަމާލުކަމަށް!

ސަންގު ފުމުމުގެ ވާހަކަކީ މިހާރުގެ ޒުވާން ޖީލަށް ވަރަށް ވެސް އާ ވާހަކައަކަށް ވެދާނެއެވެ. ނަމަވެސް އެއީ އަޅުގަނޑުގެން ރާއްޖޭގައި އެންމެ ޒަމާންވީ މުވާސަލީ އެއް ވަސީލަތެވެ. ރާއްޖޭގައި ކަރަންޓްގެ ޚިދުމަތާއި މުޢާސަލާތީ ވަސީލަތްތައް ނެތި ދިޔަހާ ޒަމާން ތަކުގައި ދިވެހިން ގެ މުވާސާލާތުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެކައްޗަކީ ސަންގެވެ.

ރައްޔިތުންނަށް ވެރިކަމުގެ ފަރާތުން އަންގާ އެންގުންތައް އެންގުމުގައި 1980 ގެ އަހަރުތަކުގެ ފަހުކޮޅާ ޖެހެންދެންވެސް ރާއްޖޭގައި ގިނަ ރަށްރަށުގައި ބޭނުން ކުރަމުން ދިޔައީ ސަންގެވެ. ސަންގު  ފުމެގެން އަންގަމުން އައި އެންމެ މުހިންމު އެއް އެންގުމަކީ ރޯދަމަހު އިރުއޮއްސުނުކަން އިޢުލާންކުރުމެވެ. ނަމަވެސް ރާއްޖޭގެ ރަށްރަށަށް ކަރަންޓްގެ ޚިދުމަތް ތަޢާރަފްވެ ލައުޑް ސްޕީކަރ ނުވަތަ އަޑުގަދަކުރާއިން މުޅި ރަށަށް ބަންގީގެ އަޑު ފޯރުކޮށްދޭން ފެށުމާއެކު ސަންގުގެ ބޭނުން ރަމަޟާންމަހަށްވެސް ކެނޑިގެން ދިޔައީއެވެ.

ސަންގަކީ ބޮއްޔެކެވެ. ސަންގު ފުމެވެނީ އެ ބޮލީގެ ހިމަކޮޅުން ކުޑަކޮށް ކަނޑައިލައިގެން ވަކި ގޮތަކަށް ފުމުމުންނެވެ. ސަންގެއް ލިބުނަސް އަދި ސަންގެއް ނުފުމެވޭނެއެވެ. ސަންގު ފުމެވޭނީވެސް އެކަމުގެ ހުނަރު ހުރެގެންނެވެ. އެފަދަ އެއް ހުނަރުވެރިއަކީ ތ. އޮމަދޫގައި ސަންގު ފުމޭ ތ. އަތޮޅުގެ ބަހުރުވައިންނަމަ "ހައް ގޮއްވާ" އެރަށުގެ ކުޑަމިސްކިތުގެ "ޝަރަފްވެރި" މަސަކަތު މީހާ ޢުމުރުން 58 އަހަރުގެ ޢަބްދުލް މަޖީދު އިބްރާހީމް (މަޖީދުބެ) އެވެ.

ރަމަޟާންމަހުގެ ކޮންމެ ދުވަހަކު އިރު އޮއްސުނުކަން މުޅި ރަށަށް އިޢުލާން ކުރުމަށް އޮމަދޫގައި މަޖީބެ ސަންގު ފުމެމުން އަންނަތާ 13 އަހަރު ވެއްޖެއެވެ. ރޯއްދާވީއްލުމުގެ ގަނޑި އެންގުމަށް ނަމަވެސް އެހެން ބޭނުމެއްގައި ވެސް ރާއްޖޭގައި މިހާރު، އޮމަދޫ ނޫން ރަށެއްގައި ސަންގު ފުމޭކަމެއް އެނގިފައެއް ނެތެވެ. ރަމަޟާންމަހުގެ ކޮންމެ ދުވަހަކު އިރުއޮއްސިއްޖެކަން އިޢުލާން ކުރުމަށް ސަންގު ފުމުމުގެ ސަގާފަތް ގިނަ ދުވަސް ތަކެއް މެދު ކެނޑިފައި އޮތުމަށްފަހު އޮމަދޫގައި ފެށުނީ ރަށުގައި ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވެ ބަންގީގެ އަޑު މިސްކިތުގެ ލައުޑް ސްޕީކަރުތަކުން ގޭގެއަށް ނުފޯރަން ފެށުމުންނެވެ. އޭރު ރަށު ކަތީބު ފަހުން ޒިންމާދާރު ވެރިޔާ މަރްހޫމް އަޙްމަދު އަބްދުﷲގެ އެދި ވަޑައިގަތުމުގެ މަތިންނެވެ.

އޮމަދޫގައި އަލުން ސަންގު ފުމެން ފެށީ، ސަގާފަތް ދިރިވުމުގެ ބޭނުމުގައެއް ނޫނެވެ. އެވަގުތުގެ އެ ޙާލަތަށް އެންމެ ފަސޭހަ ހައްލަކީ އެއީ ކަމަށް ވުމުންނެވެ. އެކަމަށް ކަރަންޓެއް ބޭނުމެއް ނުވާނެއެވެ. ހަމައެކަނީ ބޭނުންވާނީ ސަންގަކާއި އެ ފުމުގެ ހުނަރު ހުރި މީހެކެވެ. މަޖީދުބެ ނޫނަސް ސަންގު ފުމުމުގެ ހުނަރުހުރި، މަޖީދުބެގެ ޢުމުރުގެ އިތުރު ދެތިން މީހަކު އޮމަދޫގައި އުޅޭކަން އޭނާގެ ވާހަކަ އިން އެނގުނެވެ. ކުރިން އެކަމަށް ޒުވާނުންގެ މާބޮޑު ސަމާލުކަމެއް ނެތް ނަމަވެސް މިހާރު ސަޤާފަތެއްގެ ގޮތުންގައި އެކަން ރަށުގައި ދިރުވާ އާލާ ކުރަން ބޭނުންވާ ޒުވާނުން ތިބިކަން މަޖީދުބެ ފާހަގަ ކުރިއެވެ. މަޖީދުބެ ހުރީ އޭނާ ގާތަށް އަންނަ ޒުވާނުންނަށް އެ ހުނަރު ދަސްކޮށް ދިނުމަށް ތައްޔާރަށެވެ. ރަނގަޅަށް ދަސް ނުވާއިރު ސަންގު ފުމެން އުޅެވޭނީ ވަރަށް ބާރު ލައިގެން ކަމަށް މަޖީބެ ބުންޏެވެ. ނަމަވެސް ރަނގަޅަށް އެހެނަރު ލިބުމުން މާ ބޮޑު އުދަނގުލަކާ ނުލައި ފުމެވޭނެކަމަށް އޭނާ ބުންޏެވެ.

ތަފާތު ކަންކަމަށް ފުމޭ ސަންގު ތަފާތެވެ. އޮމަދޫގައި ޒަމާނުއްސުރެ ރޯދަވީއްލަން ސްންގު ފުމެނީ ދެފަރަށެވެ. ދެފަހަރު ފުމެނީ ދެފަރާތަށެވެ. އެއީ މުޅި ރަށަށް ސަންގުގެ އަޑު އިއްވުމަށް ޓަކައެވެ. އޭނާ މަސައްކަތް ކުރާ މިސްކިތަކީ ރަށުގެ މެދު ތެރޭގައި ހުންނަ މިސްކިތަކަށް ވުމުން ސަންގު ފުމެނީ އެމިސްކިތާ ދިމާއިން މަގުމައްޗަށް ނުކުމެއެވެ.

ކުރީ ޒަމާނުގައި ކުޑަކުދިން ސަންގު ފުމޭ ސަރަހައްދަށް ކުރުނބާ ފަދަ ތަކެތިހިފައިގެން ގޮސް ތިބޭނެއެވެ. އެއީ ސަންގުގެ އަޑު އިވުމުން ބޯލާށެވެ. އާބާދީގައި 800 އެއްހާ މީހުން އުޅޭ އޮމަދޫ ކުދިން މިހާރު ނުކުންނަކީ ރޯދަމަހު ނޫނީ އެރަށުން ނުއިވޭ ސަގާފީ ކަމަކަށްވާތީ އެއަޑު އަހާލާ ހިތުންނެވެ. އޮމަދޫގެ ގޭގޭ ދޮރު މައްޗާ ހަމައަށް ރޯއްދަ ވީއްލަން ފުމޭ ސަންގުގެ އަޑު އިވޭކަމަށް ވެއެވެ. ރޯދަމަހެކޭ އެއް ގޮތަށް ހަ ރޯދައިގެ ތެރޭގައި ސަނގު ފުމުން ކުރިއަށް ދާނެއެވެ.

އޮމަދޫ މަޖީދުބެގެ ސަގާފީ ސަންގު ފުމުގައި ގެންގުޅޭ ސަންގަކީވެސް އެރަށުގެ ޒަމާންވީ ސަގާފީ ތަރިކައެކެވެ. މަޖީދުބެމެން ކުޑައިރުވެސް ރަށު އޮފީހުގައި ބޭނުންކުރަމުން ދިޔައީ މަޖީދުބެ މިހާރުވެސް ފުމެން ގެންގުޅޭ ސަންގެވެ. އެހެންކަމުން އެސަންގަށް މިހާރު 60 ވަރަކަށް އަހަރު ވެދާނެ ކަމަށްވެއެވެ.

"ވަރަށް ރައްކާތެރިކޮށް ސަންގު ރަށު އޮފީހުގައި ބާއްވައިފައި އޮތީ، އެހެން ވީމާކަންނޭނގެ އަދިވެސް އެހާ ރީތި ކޮށް އެއޮތީ" ސަންގާ ބޭހޭގޮތުން ވާހަކަ ދައްކަމުން މަޖީދުބެ ބުންޏެވެ.

މަޖީދު ނުވަތަ މަޖީދުބެ އަކީ މުޅި އަތޮޅަށް ވެސް މަޝްހޫރު އޮމަދޫގެ ކެޔޮޅެއްގެ މަސްވެރި ދަރިއެކެވެ. އޭނާގެ ޙަޔާތުގައި ބޮޑުބައި ހޭދަކުރީ ބައްޕައެކޭ އެއްފަދައިން މަސްދޮށި އިފައިގެން މާކަނޑުތަކުގައެވެ. މަސްދޮށިން އަތް ދޫކޮށްލީ 20 އަހަރުދުވަހު އެމަސައްކަތުގައި ހޭދަކުރުމަށް ފަހުއެވެ. މަސްވެރިކަމަށްފަހު މަޖީދުބެ މަސައްކަތް ކުރަމުން ދަނީ ރަށުގެ ކުޑަ މިސްކިތުގެ މަސައްކަތު މީހެއްގެ ގޮތުގައެވެ. އޭނާ ދެކޭގޮތުގައި އެޢުމުރުގައި ކުރަން އެންމެ ރަނގަޅު އެއްމަސައްކަތް އޭނާ މިހާރު އެކުރަނީއެވެ. މަޖީދުބެ ދެކެނީ އެއީ "ޝަރަފްވެރި" ހިތްހަމަ ޖެހުން ލިއްބައިދޭ މަސައްކަތެއްގެ ގޮތުގައެވެ. މިސްކިތުގެ މަސައްކަތުގެ އިތުރުން މަޖީދުބެ ދިރިއުޅުމަށް ކުރާ މަސައްކަތަކީ ވިޔަފާރިއެވެ. އެއީ މަޖީދުބެގެ ދަރިން މަޖީދުބެގެ ނަމުގައި ފަށައިދިން ވިޔަފާރިއެކެވެ. މަޖީދުބެއަކީ މަސްވެރިއެއް ނަމަވެސް އޭނާގެ އެއްވެސް ދަރިއަކު އެދާއިރާއަށް ޝައުޤުހުރިކަމަކަމަށް ނުވެއެވެ.

މަޖީދުބެގެ ސަޤާފީ "ސަންގުގެ އަޑު" މިހާރު ވަނީ އޮމަދޫން ބޭރުވެ މުޅި ރާއްޖޭގެ ސަމާލުކަން ހޯދައިފައެވެ. އޮމަދު އެކޭ އެއް ފަދައިން މިސަޤާފަތް ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ދިރުވާ އާލާކުރެވިދާނެއެވެ. މިއީ ނެތެމުންދާ ރާއްޖޭގެ ޒަމާންވީ ރީތި ސަޤާފަތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.