އަހަރުތަކަކަށް ފަހު އިސްލާމީ ގިނަ ގައުމުތަކުން އެެއް ދުވަހެއްގައި އީދު ފާހަގަކުރަނީ މި އަހަރު

ޕާކިސްތާނުގެ އާއްމު މައިދާނެއްގައި 'ސޯޝަލް ޑިސްޓެންސިންގ'އާ އެއްގޮތަށް އީދު ނަމާދުގެ ޖަމާއަތް ހަދައިގެން

ކޮންމެ އަހަރަކުވެސް ރޯދަ ހަނދާއި އީދު ހަނދު ބެލުމުގައި އިސްލާމީ ގައުމުތައް ތަފާތުވާތީ މުލަ ރޯދަ ދުވަހާއި، އީދު ދުވަސް ފާހަގަކުރުމުގައި ބޮޑެތި ތަފާތުތަކެއް ހުރެއެވެ.

އެއާ ޚިލާފަށް މިއަހަރު ފާހަގަވެގެން ދިޔައީ މަދު ގައުމެއް ފިޔަވައި އިސްލާމީ ހުރިހާ ގައުމެއްގައި ހެން ފިޠުރު އީދު އެއް ދުވަހެއްގައި ފާހަގަކުރި އަހަރެއްގެ ގޮތުގައެވެ.

މިއަހަރު ވެސް މުސްލިމް ގައުމުތަކުން ތަފާތު 3 ދުވަހެއްގައި ފިޠުރު އީދު ފާހަގަކުރަމުން ދާއިރު، 5 ގައުމަކުން ވަނީ އިއްޔެ (ހޮނިހިރު ދުވަހު) އީދު ފާހަގަކޮށްފައެވެ. އެއީ، މޮރިޓޭނިޔާ، މާލީ، ނައިޖަރ، ކޯޓް ޑި ވޯ (އައިވަރީ ކޯސްޓް) އަދި ސޯމާލިިޔާއެެވެ.

މާދަމާ(ހޯމަ ދުވަހު) ފިޠުރު އީދު ފާހަގަކުރަނީ އިސްލާމީ ދެ ގައުމެއްގައެވެ. އެއީ އޮމާން، ބަންގްލާދޭޝް އެވެ. މީގެ އިތުރަށް އިރާގުގެ ޝީއާއިންގެ ތެރެއިން ސިސްތާނީއަށް ތާއީދުކުރާ މީހުން އީދު ފާހަގަކުރަނީ ހޯމަ ދުވަހުއެވެ. އިންޑިޔާގައި ވެސް މިއަަހަރު ފިޠުރު އީދު ފާހަގަކުރަނީ ހޯމަ ދުވަހުއެވެ.

ކޮންމެ އަަހަރަކުވެސް އިރާގު ޝީއާއިން އީދު ދުވަސް ފާހަަގަކުރަމުން އަންނަނީ ސުންނީންނަށް ވުރެ އެއް ދުވަސް ފަހުންނެވެ. އެެެހެންނަމަވެސް، މިއަހަރު ފިޠުރު އީދު ފާހަގަކުރުމުގައި އިރާގުގެ ޝީއާއިން ވަނީ ދެބައިވެފައެވެ. ސިސްތާނީއަށް ތަބާވާ މީހުން މާދަމާ އީދުކުރާއިރު، މުޤްތަދާ އައްޞަދްރުއަށް ތަބާވާ މީހުން އީދުނަމާދު ކުރީ މިއަދު އެެވެ.

އެެހެން އިސްލާމީ ގައުމުތަކުގައި ފިޠުރު އީދު ފާހަގަކޮށްފައި ވަނީ މިއަދުއެވެ. މޮރިޓޭނިޔާއާއި އޮމާން ފިޔަވައި އަރަބި ހުރިހާ ގައުމެއްގައި އީދު ފާހަގަކުރަމުންދާއިރު، ތުރުކީ، އީރާން، ޕާކިސްތާން، އިންޑޮނޭޝިޔާ، މެލޭޝިޔާ އަދި ނައިޖީރިޔާ ފަދަ ބޮޑެތި އިސްލާމީ ގައުމުތަކުގައިވެސް މިއަދު ދަނީ އީދު ފާހަގަކުރަމުންނެވެ. އާއްމުކޮށް ބޮޑެތި އިސްލާމީ ގައުމުތަކަށްވުރެ އެއްދުވަސް ފަހުން އީދު ފާހަގަކުރާ ޕާކިސްތާނުގައި ވެސް މިއަހަރު އެެ ގައުމުތަކާއި އެއް ދުވަހެއްގައި އީދު ފާހަގަކުރަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

މިއަހަރު ގިނަ ގައުމުތަކަަކުން އެެއް ދުވަހެއްގައި އީދު ފާހަގަކުރަމުން ދާއިރު، އިސްލާމީ ގިނަ ގައުމުތަކުގައި އީދު ނަމާދުގެ ޖަމާއަތް ބާއްވާފައި ނުވާކަން ފާހަަގަކޮށްލަން ޖެހެއެވެ. މިހާރު މިޅު ދުނިޔެއަށް އާއްމުވެފައިވާ ކޮރޯނާ ވައިރަސް ބަލިމަޑުކަމުގެ ސަބަބުން ގިނަ ގައުމުތަކުގައި މީހުން ބޭރަށް ނުކުމެ އުޅުމާއި އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.