ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރައްވާ މުއައްޒަފުން ނުރަސްމީ ގަޑީގައި އެތަނަށް ވަނުމަށްޓަކައި އަމަލު ކުރަންޖެހޭ ޚާއްސަ ގަވައިދުތަކެއް މަޖިލީހުގެ އިދާރާއިން ހަމަޖައްސައިފިއެވެ.
މަޖިލީހުގެ އަމީން އާންމު އަޙްމަދު މުޙަންމަދު ސޮއި ކުރައްވައި މިއަދު ނެރުއްވި މެމޯއެއްގައި ބުނެފައި ވަނީ ނުރަސްމީ ގަޑީގައި މުއައްޒަފުން މަޖިލީހުގެ ގޯތި ތެރެއަށް ވަނުމަށްޓަކައި ޚާއްސަ ފޯމެއް ފުރަން ޖެހޭނެ ކަމަށާއި އަދި އެ ފޯމުގެ ކޮޕީއެއް ސިފައިންނަށް ހުށަހަޅައިގެން އެކަމުގެ ހުއްދަ ހޯދަންވެސް ޖެހޭނެ ކަމަށެވެ. މި ފޯމު ހަވާލު ކުރަން ޖެހެނީ މަޖިލީހުގެ އިދާރާގައި ބަހައްޓާފައިވާ ސިފައިންގެ ޑިޔުޓީ ޑެސްކުގައި އިންނަވާ ބޭފުޅަކަށެވެ.
މެމޯގައި ބުނެފައިވާ ގޮތުން މަޖިލީހުގެ އިދާރާއިން ހުއްދަ ދެއްވާނީ ހަތަރު އިސްވެރިޔެކެވެ. އެއީ އަމީން އާއްމު އަހުމަދު މުހައްމަދާއި އަމީން އާއްމުގެ ނައިބު ފާތިމަތު ނިއުޝާ އާއި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލުން ކަމަށްވާ އަބްދުލްހަމީދު ޒަކަރިއްޔާ އަދި މުހައްމަދު ރަޝީދެވެ.
މަޖިލީހުގެ އިދާރާގެ މުއައްޒަފުން ނުރަސްމީ ގަޑީގައި ވަނުމަށް ވަރުގަދަ ގަވައިދެއް މަޖިލީހުގެ އިދާރާއިން ހެދިއިރު ދާދި ފަހުން މަޖިލީހުގެ މެމްބަރުން އެތަނަށް ވަންނަން މަސައްކަތް ކުރެއްވިއިރު ސިފައިންނާ ދެމެދު ހިނގައިދިޔަ ކަންކަމުގެ ސަބަބުން ބަޔެއް މެމްބަރުންގެ މައްޗަށް ދަނީ ތަހުގީގު ހިންގަމުންނެވެ.