ވެރިކަން ވައްޓާލަން ގޮވާލުމުން މާދަމާ ފުލުހަށް ހާޒިރުވާން މުސްތޮފާއަށް އަންގައިފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ގޮވާލި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙަންމަދު މުސްތޮފާ މާދަމާ ހަވީރު 4 ޖަހާއިރު ފުލުސް އޮފީހަށް ހާޒިރުވުމަށް މިއަދު ޗިޓު ފޮނުވައިފިއެވެ.

މުސްތޮފާއަށް ޗިޓު ލިބިފައިވާކަން މުސްތޮފާވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. މުސްތޮފާގެ މައްޗަށް ފުލުހުން ތުހުމަތު ކޮށްފައި ވަނީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން މުސްތޮފާ ގޮވާލި ކަމަށާއި އަދި  ޤާނޫނާ ޚިލާފު އަމަލުތަކެއް ހިންގަން ރައްޔިތުންނަށް ހިތްވަރު ލިބޭގޮތަށް ޓީވީ ޕްރޮގްރާމެއްގައި މުސްތޮފާ ވާހަކަ ދެއްކެވުމެވެ.

މިމައްސަލައިގައި ފުލުހަށް މުސްތޮފާ ހާޒިރު ކުރާއިރު އޭނާގެ ޕާސްޕޯޓުވެސް މިހާރު ވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ހިފަހައްޓާފައެވެ. ފުލުހުން މީގެކުރިންވެސް އެ މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރުވާން މުސްތޮފާއަށް އެންގިއެވެ. ނަމަވެސް ފުލުހުން ވަނީ އޭރު ފޮނުވި ޗިޓު ކެންސަލް ކޮށްލާފައެވެ.

ފަހަކަށް އައިސް މުސްތޮފާ ގެންދަވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އޭނާ ވިދާޅުވީ ކިތަންމެ ވަރެއް ކުރިޔަސް ރައީސް ޔާމީންގެ ސަރުކާރާ އެއްކޮޅަށް ދެން ނާރުއްވާނެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.