ނައުފާގެ "އާރޓް ވޯލް" އިން ތަފާތު މެސެޖްތައް!

ކުރެހުންތެރިންގެ ތެރޭގައި ތަފާތު ވައްތަރުގެ ކުރެހުންތައް ކުރަހާ މީހުން އުޅެއެވެ. ނަމަވެސް ބައެއް ކުރެހުންތަކީ އެކުރެހުން ބަލާލުމުން އޭގައި އެބުނާ އެއްޗެއް އާދައިގެ މީހަކަށް ފަހުމްވާން ނުވަތަ ދެނެގަންނަން އުދަނގޫ ކުރެހުންތަކެވެ. އެއީ ކުރެހުންތެރިންގެ މޮޅުކަމުންކަމެއް އަޅުގަނޑަށް ދަންނަވާކަށް ނޭނގެއެވެ. ނަމަވެސް ޒުވާން ކުރެހުންތެރިޔާ އަދި ގްރެފިކް އާރޓިސްޓް، ނައުފާ ޒަކީގެ  "އާރޓް ވޯލް" ގެ ކުރެހުންތައް ފެނުމާއެކު އަޅުގަނޑަށް ހީވީ ދިރިއުޅުމާ ސީދާ ގުޅުފައިވާ ޙަޤީޤީ ވާހަކަތަކެއް ހިމެނޭ "ލައިބްރަރީ" އަކަށް ވަދެވުނު ހެންނެވެ. "އެފްބީ" އާއި "އިންސްޓަރގްރާމް"ގެ އަހުލުވެރިންނަށް "އާރޓް ވޯލް"ގެ ތަފާތު ގްރެފިކް އާޓްގެ އިލަސްޓްރޭޝަން ނުވަތަ ކުރެހުންތަކުން މިދެންނެވި މެސެޖްތަކާއި ވާހަކަ ތައް ފެނިގެންދާނެއެވެ.

ނައުފާގެ "އާރޓްވޯލް" އިން ފެންނަ ކޮންމެ ކުރެހުމަކީ ނުވަތަ އިލަސްޓްރޭޝަނަކީ ދިރިއުޅުމުގެ ރީތި ވާހަކައެއް ތަމްސީލް ކޮށްދޭ ކުރެހުމެކެވެ. ކައިވެނީގެ އުފާވެރި ޙަފްލާތަކެވެ. ދެމަފިރިންގެ މެދުގައި އޮންނަ ލޯތްބާއި ގާތްގުޅުމެވެ. ޢާއިލާތަކުގެ ބަދަހި ގުޅުމެވެ. އަބިމީހާ ނުވަތަ ފިރިމީހާއަށް އޮންނަ ލޯތްބެވެ. މައިވަންތަކަމުގެ ފުން ލޯތްބެވެ. ރަޙްމަތްތެރިކަމުގެ ބަދަހި ގުޅުމެވެ. މުޖުތަމައުގައި ހުންނަ ތަފާތު  މައްސަލަ ތަކެވެ. މިނޫންވެސް ކިތަންމެ ވާހަކަ ތަކާއި މެސެޖްތަކެއް ނައުފާގެ "އާރޓްވޯލް" އިން ލިބިގެންދެއެވެ.

ނައުފާ ކުރެހުމަށް ޝައުޤުވެރިވީ ސްކޫލު ދައުރުގައެވެ. އެހެންނަމަވެސް ސްކޫލު ނިންމުމަށްފަހު މީގެ 11 ވަރަކަށް އަހަރު ކުރިން ނައުފާ ހެދި ގްރެފިކްސް ކޯހަކީ މިހާރު ނައުފާ ކުރާ މަސައްކަތުގެ ފެށުމޭ ބުނެވިދާނެއެވެ. ގްރެފިކް ކޯސް ނިންމާ ލުމަށްފަހު ނައުފާ މަސައްކަތް ކުރީ ރާއްޖޭގައި އެންމެ ފުޅާދައިރާއެއްގައި ފޮޓޯނެގުމާއި ގްރެފިކްސްގެ ޚިދުމަތްދޭ އެއް ކުންފުނި ކަމަށްވާ  އެފްޑީއައި ސްޓޭޝަންގައެވެ. އެފަދަ ބޮޑު ކުންފުންޏެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުން، ވެގެން ދިޔައީ ގްރެފިކްސްގެ ހުނަރު ކުރިއެރުވުމަށް ނައުފާއަށް ލިބުނު އަގުހުރި ފުރުޞަތަކަށެވެ. އެފުރުޞަތުގެ ބޭނުން ނަގާނުލައި ހިފުމުގެ ނަތީޖާއަކީ މިހާރު ނައުފާ ހުރި ހިސާބަށް ގްރެފިކްއާރޓްގައި އާދެވުމެވެ. ބިލްބޯރޑް ފަދަ އިސްތިޙާރުތަކުގެ މަސައްކަތް ނައުފާ ފެށީ އެފްޑީއައީގައެވެ. ވަޒީފާގެ ގޮތުގައި ކުރަމުންއައި މަސައްކަތްތަކުގެ އިތުރުން އެކީގައި މަސައްކަތް ކުރި ހުނަރުވެރި "ގްރެފިކް އާރޓިސްޓުން" ފަރާތުން ނައުފާ އައީ ކުރެހުމާއި ގްރެފިކްސްއާރޓްގެ ތަފާތު ހުނަރުތައް އިތުރަށް ދަސް ކުރަމުންނެވެ. ނަތީޖާއަކަށްވީ ނައުފާއަށް ބްރޭންޑެއްގެ ގޮތުގައި އޭނާގެ ކުރެހުމާއި ގްރެފިކްސް ތަރައްޤީ ކުރެވުމެވެ. ގޭގައި ހުރި އޭނާގެ ކޮމްޕިއުޓަރަކި މަސައްކަތުގެ "އާރުކާޓީ" އެވެ. "އާރޓް ވޯލް" އިން ތަފާތު ކުރެހުންތަކާއި ގްރެފިކްގެ ޚިދުމަތް ކުޑަވަރެއްގެ ކުންފުންޏަކުން ވެސް ދެވޭނެ ފެންވަރަށް ނުވަތަ އެއަށް ވުރެވެސް ރަނގަޅަށް ދެމުން ދެއޭ ބުނެވިދާނެއެވެ.

ނައުފާގެ "އާރޓްވޯލް" ގެ މަސައްކަތް ގޭގައި ކުރަން ފެށީ ދަރިޔަކު ލިބި ގޭގައި ހުންނަން ޖެހުމުން، އާމްދަނީ ހޯދަން އޭނާއަށް ކުރެވޭނެ އެންމެ ފައިދާހުރި މަސައްކަތަކީ ގްރެފިކް އާރޓްގެ މަސައްކަތް ކަމަށް ދެކޭތީއެވެ. އޭނާ ދެކޭ ގޮތުގައި އަންހެންކަށްވިއަސް އެކަމަކީ ވިޔަފާރިއެއް ގޮތުގައި އާމްދަނީ ހޯދުމަށް ކުރެވޭނެ ފައިދާހުރި މަސައްކަތެކެވެ. ދަރިން ބަލަން ގޭގައި ތިބެވެސް ވިޔަފާރީގައި ކުރިއެރުން ހޯދި ދާނެކަން ނައުފާ މިދަނީ ސާބިތުކޮށް ދެމުންނެވެ. ކުޑަކުއްޖަކު ގޮވައިގެން ވަރުބަލިކަމެއް ނެތި ނައުފާއަށް މަސައްކަތުގައި ދެމިހުރެވުމުގެ އެންމެ ބޮޑު ސިއްރަކީ އޭނާގެ ހިތްވަރާއި ކަމަށް ހުންނަ ޝައުޤެވެ. އަދި ފިރިމީހާއާއި އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަމެވެ. އާމްދަނީ ހޯދޭނެ ގޮތެއްނެތި ގޭގައި ދަރިން ބަލަންތިބި އަންހެނުންނަށް ނައުފާ ދައްކަމުން ދަނީ ރީތި ނަމޫނާ އެކެވެ.  ނަމަވެސް އަންހެނުންނަށް މިފަދަ ފަންނުތަކުގައި ކުރިއެރުން ހޯދިދާނެކަމަށް ނުދެކޭ މީހުން އަދިވެސް މުޖުތަމަޢުގައި އުޅޭކަން ނައުފާގެ ވާހަކަ އިން ފާހަގަ ކުރެވުނެވެ.

"ޕޭޖަށް ހުންނާނެ މީހުން މެސެޖްކޮށްފައި ހައި ބްރޯއޭ، ކިޔާފަ. ހީވަނީކަންނޭނގެ އަންހެނަކަށް މިކަހަލަ ކަންކަން ނުކުރެވޭނެޔޭ." ނައުފާގެ ޝުޢޫރު ފާޅުކުރަމުން ބުނެލިއެވެ.

ނައުފާގެ "އާރޓް ވޯލް" ބަލާލުމަކުން އެއީ އަންހެނެއް ނުވަތަ ފިރިހެނެއްގެ މަސައްކަތެއްކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް އެނގިގެންދަނީ ނައުފާއަކީ އަންހެން ކުރެހުން ތެރިއަކަށްވުމުން މުޖްމަތަޢުގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަމަށް އޭނާގެ ކުރެހުން ތަކުން އަލި އަޅުވަލައިފައިވާކަމެވެ. މުޖުތައުގައި ބައެއް ފަހަރަށް އަންހެނުންނަށް ކުރިމަތިވާ މައްސަލަތަކަށް ވެސް ނައުފާގެ "އާރޓްވޯލް"ގެ ކުރެހުން ތަކުން އަލިއަޅުވާލާ މުހިންމު މަސެޖްތަކެއް ވަނީ ފޯރުކޮށްދީފައެވެ. ނައުފާފެ ބޭނުމަކީ އެފަދަ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމެވެ.

ނައުފާގެ ކުރެހުންތަކުގެ ތެރެއިން އެންމެ ތަރްހީބު ލިބެނީ "ކަޕްލްސް" ނުވަތަ ދެމަފިރިންގެ ފޮޓޯތަކަށެވެ. އެއީ ބައެއް ފަހަރަށް ފިރިމީހާ އަނބިމީހާއަށް ދޭ ނުވަތަ އަބިމީހާ ފިރިމީހާއަށް ދޭ އަގުބޮޑު ހަދިޔާ އަކަށެވެ. ނުވަތަ އާއިލާގެ ފަރާތުން ދެމަފިރިންނަށް ދޭ ހަދިޔާ އަކަށެވެ. ކައިވެނި ހަފްލާތަކުގެ ކުރެހުންތަކަކީ އެންމެ "ކަވި" ނުވަތަ "ޑީޓެއިލްސް" ހިމަނަން ޖެހޭ ކުރެހުންތަކެވެ. ކާވެނި ހަފްލާއެއް ވިޔަސް އެނޫން އެހެން ކަމެއްގެ ފޮޓޯއެއް ވިޔަސް ނައުފާގެ ގްރެފިކް އާރޓްގެ ހުނަރުން އެ ފޮޓޯތައް ކުރަހާލުމުން އަސްލަށް ވުރެވެސް ރީތިވެފައި ފުރިހަމައޭ ބުނެވިދާނެއެވެ. ހަވާލު ކުރެވޭ އަސްލު ފޮޓޯތަކުގައި ނުހުންނަ އިތުރު ތަފްޞީލްތައް ނުވަތަ ޑީޓެއިލްސް ލާން ބޭނުން ވިއަސް ކަސްޓަމަރ ބޭނުންވާ ފެންވަރަށް ނައުފާ ކުރަހާލަދެއެވެ. އެއީ އަސްލު ފޮޓޯގައި ލައިގެން ހުންނަ ހެދުން ތަންކޮޅެއް "މޮޑަން ކޮށްލަން" ބޭނުންވިއަސް މެއެވެ.

ނައުފާގެ ކުރެހުންތަކުގައިވާ ތަފާތު ކަމަކީ މީހުންގެ ސޫރައިގައި ލޯނުލައި ހުރުމެވެ. ލޯނެތް ކަމުގައި ވިއަސް އެކުރެހުންތަކުގެ ފުރިހަމަކަން ކުޑައެއްނޫނެވެ. ނައުފާގެ ގްރެފިކް އާޓްގެ ކާޓޫނު ތަކުގައި ލޯހުރުމުން އުފެދުނު ސުވާލަށް ޖަވާބު ދެމުން ނައުފާ ބުނީ ލޯ ނުލައި ކުރަހަނީ ގޭތެރޭގެ ބަހައްޓަން ހަދާ ތަކެތީގައި ކަމަށެވެ. ޑިޖިޓަލްކޮށް ބޭނުން ކުރެވޭ ބައެއް އެއްޗެހީގައި ލޯލާކަމަށެވެ. ނައުފާ ދެކޭ ގޮތުގައި ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ އެކަމެއްގައި އިސްލާމްދީން ހުއްދަކުރާ އުޞޫލުތަކުގައި ހިފަހައްޓައިގެންނެވެ. ލޯ ނުހުންނަ ކުރެހުންތައް ބަލައިގަންނަން މީހުންނަށް ތަންކޮޅެއް ކުރިން އުދަނގޫވި ނަމަވެސް މިހާރު މީހުން ބަލައިގަންނަކަން އޭނާ ފާހަގަ ކުރިއެވެ.

ނައުފާގެ "އާރޓްވޯލް" ގެ ލޯ ނެތް ކުރެހުންތަކުން ދައްކައިދެނީ ކޮންމެ ކަމެއްގައި ވެސް އިސްލާމްދީނުގައި އޮންނަ ގޮތްބަލައިގެން ކޮށްފިނަމަ އެކަމުގައި ކާމިޔާބު ލިބުން ގާތްކަމެވެ. ނައުފާގެ "އާރޓް ވޯލް" ގެ މަސައްކަތުގައި ބަރަކާތްލައްވައި މަސައްކަތް ފެށިތާ ހަތަރު ވަރަކަށް އަހަރު ތެރޭގައި މިވަނީ ކާމިޔާބު ވިޔަފާރިއަކަށް ވެފައެވެ.

އޭނާގެ ކުރެހުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެނީ ސަތަރި މެޓީރިއަލަށް ޕްރިންޓްކޮށް ފްރޭމްކުރުމަށްފަހުއެވެ. ސަތަރި މެޓީރިއަލަށް ޕްރިންޓްކޮށް ފްރޭމް ހަދަނީ ކުލަ ނުވެއްޓި ގިނަ ދުވަހު ރީތިކޮށް އޭގައި ބެހެއްޓޭނެތީކަމަށް ނައުފާ ބުންޏެވެ. ނަމަވެސް ކައިވެނީގެ ހަފްލާތަކަށާއި އުފަންދުވަހުގެ ހަފްލާތަކާއި އެނޫންވެސް ޙަފްލާތަކުގެ ދައުވަތު ކާޑު މީހުން ބޭނުން ވަނީ ޑިޖިޓަލް ކޮށް ކަމަށް ނައުފާ ބުންޏެވެ. މީގެއިތުން ތަފާތު ބިލްބޯޑްތައް ޑިޒައިންކުރުމަކީ ވެސް ނައުފާގެ "އާރޓް ވޯލް" މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނައުފާ ހަދާފައިވާ އެފަދަ ދައުވަތު ކާޑުތަކާއި ބިލްބޯޑްތައް އޭނާގެ "އާރޓް ވޯލްގައިވެސް އެބަހުއްޓެވެ. މީގެ އިތުރުން ޑިޖިޓަލްކޮށް ސްޓިކަރޕެކް ތައްޔާރު ކުރުމަކީ ނައުފާގެ "އާރޓްވޯލް"ގެ މަސައްކަތްތައް އިތުރުވި ބޮޅެކެވެ. އޭނާދާދި ފަހުން ވަނީ ވައިބަރ ސްޓިކަރ ޕެކެއްގެ އޯޑަރު ނިންމައިދީފައެވެ. ނަމަވެސް އަދި އެ ސްޓިކަރ ޕެކް ޕަބްލިޝް އެއް ނުކުރެއެވެ.

ނައުފާއަށް ލިބިފައިވާ ކުރެހުމުގެ ހުނަރު ވިޔަފާރީއެއްގެ ގޮތުގައި ކުރުމުގެ ވިސްނުމެއް އޭނާ އެންމެ ފުރަތަމަ ނުގެން ގުޅެއެވެ. އޭނާގެ ހިތުގައި ތަފާތު މައްސަލަތަކާމެދު އުފެދޭ ޚިޔާލުތަކުގެ ގްރެފިކް އާރޓްގެ އިލެސްޓްރޭޝަންތައް އެންމެ ފުރަތަ އޭނާ ޙިއްސާ ކުރަމުން ދިޔައީ އޭނާގެ ގާތް ރަޙްމަތެރިންނާއެވެ. ނަމަވެސް މިހާރު އެތަކެތީ އޭނާގެ "އާރޓްވޯލް" އިންވެސް ލިބެން އެބަހުއްޓެވެ.

ކޮވިޑްގެ ޙާލަތުގައި ފުރަބަންދުގައި ގޭގައިތިބި ޢާއިލާތަކަށް ވެސް ވަރުބަލި ކަމެއް ނެތި ނައުފާގެ "އާރޓް ވޯލް" ގެ ޚިދުމަތް ދަނީ ފޯރުކޮށް ދެމުންނެވެ. މިހާލަތުގައި ކުރެހުންތައް ޕްރިންޓްކޮށް ފްރޭމް ކުރުމަކީ ނައުފާއަށް ވެސް ދަތި ކަމަކަށް ވަނީ ވެފައެވެ. އެހެންކަމުން ކަސްޓަމަރުންވެސް ޚިދުމަތް ބޭނުންވާ ގޮތަށް ނައުފާގެ ކުރެހުންތައް ފޯރުކޮށް ދެމުންދަނީ ޑިޖިޓަލްކޮށެވެ. ހަމަ އެހެންމެ ލޮކްޑައުންގައި ގޭގައި ތިބި އެކި ޢުމުރުގެ މީހުންނަށް ހިތްވަރު ދިނުމުގެ ތަފާތު މެސެޖް ދިނުމަށް ވެސް ގްރެފިކް އާރޓްގެ ތަފާތު މެސެޖް ތައް ވަނީ ނައުފާގެ "އާރްޓް ވޯލް" އަށް ދޫކޮށްލާފައެވެ. އޭގެތެރެއިން ނައުފާ އެންމެ ހިތްހަމަ ޖެހެނީ ކުޑަކުދިންނަށް ޓަކައި އޭނާ ދޫކޮށްލި ކުޑަކުޑަ އެހެންނަމަވެސް އެކުދިންނަށް ހިތްވަރު ލިއްބައިދޭ ގްރެފިކް އާރޓްގެ ވީޑީއޯ މެސެޖެވެ. މިނޫންވެސް ތަފާތު ޙާލަތަތަކާއި ގުޅޭ ބޭނުންތެރި ފައިދާހުރި ކިތަންމެ މެސެޖް ތަކެއް ނައުފާގެ "އާރޓްވޯލް"  ކުރެހުންތަކުގެ ތެރެއަށް ވަނީ ދޫކޮށްލައިފައެވެ. މިމެސެޖް ތަކުން މުތަމަޢަށް ހެޔޮ އަސަރެއް ކުރުމަކީ ނައުފާއަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ.

ނައުފާގެ އާރޓްވޯލްގެ ލިންކް:

ArtWall

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.