ބޮލީވުޑް ގެ މަޝްހޫރު ޕްރޮޑިއުސަރު ފިރިމީހާ ބޮނީ ކަޕޫރުގެ ގޭގައި މަސައްކަތް ކުރާ އިތުރު 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ކުރިން އެގެގައި އުޅޭ 23 އަހަރުގެ ހައުސްކީޕަރެއް ކޮވިޑަ-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. ބޮނީ ކަޕޫރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ގެ މުމްބާއީގެ ލޮކްއަންޑްވަލާ ގައި މަސައްކަތްކުރާ ޗަރަން ސަހޫ 16 ވަނަ ދުވަހު ބަލިވެ 19 ވަނަ ދުވަހު ޓެސްޓްކުރުމުން ޕޮޒިޓިވްވުމާއި ގުޅިގެން އޭނާ ވަނީ އައިސޮލޭޓްކުރެވިފައިކަމަށެވެ. މިއަދު އެގޭގައި މަސައްކަތް ކުރާ އިތުރު 2 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުންނާއި ހަވާލަދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.
ބޮނީ ކަޕޫރު ނެރުނު ބަޔާނުގައި އޭނާ އިތުރަށް ވިދާޅުވެފައިވަނީ އޭނާއާއި އޭނާގެ ދަރިން ޖާންވީ އަދި ހުޝީ އަދި ގޭގައި މަސައްކަތް ކުރާ އެހެން ސްޓާފުން ތިބީ ސަލާމަތުންކަމަށާއި މިއެންމެންގެ ކިބައިން ކޮވިޑް-19 ގެ އަލާމާތެއް ނުފެންނަ ކަމަށެވެ.އަދި ލޮކްޑައުން ފެށުނު ހިސާބުން ގެއިން ބޭރަށް ނުދާކަމަށާއި ކުރިޔަށް އޮތް 14 ދުވަހު އެންމެންވެސް ތިބޭނީ އަމިއްލަ ކަރަންޓީނުގައި ކަމަށް އޭނާ ބުނިއެވެ. ބޮނީ ކަޕޫރް ވަނީ ބީއެމެސީއަށާއި މަހަރަޝްޓްރާގެ ސަރުކާރުން ފޯރުކޮށްދިން އެހީއަށް އެ ސްޓޭޓްމެންޓްގައި ޝުކުރުއަދާކޮށްފައެވެ.
ބޮނީ ދިރިއުޅެމުން އަންނަނީ ސްރީދޭވީގެ ދެ ދަރިން ކަމަށްވާ ޖާންވީ އަދި ހުޝީއާއި އެކުއެވެ. ބޮނީގެ ފުރަތަމަ ކައިވެންޏަށް ދެ ދަރިން ލިބިފައިވާއިރު އިންޑިއާ މިވަގުތު ލޮކްޑައުންގައި އޮތުމުން އެކުދިންނަށް ވަނީ ބައްޕަގެ ގެއަށް ނުދެވިފައެވެ.