ކެނެޑާއިން ރާއްޖެއަށް 1 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ކެނެޑާއިން ރާއްޖެއަށް ދޭ 1 މިލިއަން ރުފިޔާގެ އެގްރީމެންޓްގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ކެނެޑާގެ ހައި ކޮމިޝަނާރ ސޮއި ކުރައްވައިފިއެވެ. މި ރުފިޔާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ތިބި ހާލުގައި ޖެހިފައިވާ އަދި ވަންނާނެ ތަނެއް ނެތިފައި ތިބި މީހުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގެ ސަރުކާރަށް އެހީ ވުމަށެވެ. މިގޮތުން މި ރުފިޔާއިން ހާލުގައި ޖެހިފައިވާ 400 ފަރާތްތަކެއް ތިބުމަށް ވަގުތީ ހިޔާއެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. މި ކަން މަސައްކަތް ކުރާ ގޮތަށް ހަމަޖެހިފައިވަނީ ޖެންޑާ މިނިސްޓްރީގެ ފަރާތުންނެވެ. ކެނެޑާއިން ފޯރުކޮށްދިން މި އެހީތެރިކަމަށްޓަކައި ފޮރިން މިނިސްޓާރ އަބްދުﷲ ޝާހިދު ވަނީ ކެނެޑާގެ ފޮރިން މިނިސްޓަރަށާއި ކެނެޑާގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ. 

މިކަމާ ގުޅިގެން ކެނެޑާގެ ހައި ކޮމިޝަނަރު ޑޭވިޑް މެކްކިނޮން ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖެއަށް މިކަމުގައި އެހީތެރިވެ ދެއްވުނީތީ އުފާ ކުރައްވާ ކަމަށާއި، އޮންލައިންކޮށް މި ބައްދަލުވުން އެއްވެސް މައްސަލައެއްނެތި ކުރިޔަށް ގެންދެވުނު ކަމަށްޓަކައި ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. 

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިސްވެރިންނާއި، ޖެންޑާ މިނިސްޓަރު އައޝަތު މުހައްމަދު ދީދީއާއި، ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކަޓިވް ހިސާން ހުސައިންގެ އިތުރުން ކެނެޑާގެ ހައިކޮމިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.