ލީބިޔާގެ ޓްރިޕޮލީ (ޠަލާބުލުސް) ގައި ގާއިމުވެފައިވާ، އަދި ލީބިޔާގެ ގާނޫނީ ސަރުކާރު ކަމުގައި އދ. އާއި ގިނަ ގައުމުތަކުން ގަބޫލުކުރާ ސަރުކާރު، ގަވަމެންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ) ގެ ސިފައިން އަލްވަޠިޔާ އަސްކަރީ މަރުކަޒު ހިފައިފިއެވެ. މިއީ ހުޅަނގު ލީބިޔާގައި އޮންނަ މުހިއްމު އަސްކަރީ މަރުކަޒެކެވެ. އަދި އިދިކޮޅު ހަނގުރާމަވެރި ލީޑަރު ފީލްޑް މާޝަލް (ރިޓާޔަޑް) ޚަލީފާ ޙަފްތަރުގެ އެންމެ މުހިއްމު އެއް މަރުކަޒެެެވެ.
ޖީއެންއޭގެ ސިފައިން ކުރިއަށް ގެންދާ 'ވޮލްކެނޯ އޮފް ރޭޖް' އޮޕަރޭޝަންގެ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ މުސްޠަފާ އަލްމަޖްޢީ ހާމަކުރި ގޮތުގައި ހޯމަ ދުވަހު ހެނދުނު ޖީއެންއޭގެެ ސިފައިން އަލްވަޠިޔާ އަސްކަރީ މަރުކަޒު ހިފާފައިވަނީ ހަފްތަރުގެ ހަނގުރާމަވެރިން އެތަނުން ފޭބުމަށް ދީފައިވާ ސުންގަޑި ހަމަވުމަށް ފަހު، ލޭ އޮހޮރުުވުމަކާ ނުލައެވެ.
ލީބިޔާގެ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އަލްވަޠިޔާ ގެއްލިގެން ދިޔުމަކީ ޚަލީފާ ޙަފްތަރުއަށް އިސްތިރާޖީ ގޮތުންނާއި، މައުނަވީ ގޮތުން ކުރިމަތިވި ވަރަށް ބޮޑު ބައްޔެކެވެ.
ޓްރިޕޮލީގެ ހުޅަނގުން 100 ކިލޯމީޓަރު ދުރުގައި އޮންނަ (ކުރިން ޢުޤްބާ ބިން ނާފިޢު އަސްކަރީ މަރުކަޒުގެ ނަމުން މަޝްހޫރުވެފައިވާ) އަލްވަޠިޔާ އަސްކަރީ މަރުކަޒަކީ ލީބިޔާގެ އެންމެ ބޮޑު އެއް އަސްކަރީ މަރުޒެވެ. އެތަނުގައި ހަތިޔާރު ގުދަންތަކާއި، ތެޔޮ މަރުކަޒަކާއި، ސިފައިން ދިރިއުޅޭނޭ ވަކި އަވަށެއް ހިމެެެނެއެެވެ. އެމަރުކަޒުގައި އަސްކަރީ މަތިންދާބޯޓު ހުރި އިރު އޭގެ ތެރޭގައި ޔުނަައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ޙަފްތަރުގެ ހަނގުރާމަވެރިންގެ ބޭނުމަށް ގެނެސްފައިވާ ޑްރޯންވެސް ހިމެެނެއެވެ.
ސިފައިންގެ 7 ހާސް މީހުންނަށް ތިބެވޭ ގޮތަށް ހަދާފައިވާ ވަޠިޔާ އަސްކަރީ މަރުކަޒުން މުޅި ހުޅަނގު ލީބިޔާގެ ވައިގެ ސަރަހައްދު ކޮންޓުރޯލު ކުރެވޭނެއެވެ.
ޖީއެންއޭ ސިފައިންގެ ތަރުޖަމާނު މުޙައްމަދު ޤުނޫނޫ ހާމަކުރި ގޮތުގައި ސަރުކާރު ސިފައިން ވަނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ޙަފްތަރުގެ ވައިގެ ދިފާއީ ނިޒާމުތަކުގެ 3 ސިސްޓަމް ހަލާކުކޮށްލާފައެވެ. މިއީ ރަޝިޔާގައި އުފައްދާފައިވާ ސިސްޓަމްތަކެކެވެ.
ލީބިޔާގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި ޙަފްތަރު ހަނގުރާމަވެރިން ޓްރިިޕޮލީގެ އަވަަަށަކަށް އިއްޔެ ދިން ރޮކެޓު ހަމަލާއެެއްގައި އާއްމުންގެ 8 މީހުން ވަނީ މަރުވެފައެވެ.
އަނެއްކޮޅުން، ޖީއެންއޭ ސަރުކާރުގެ ބޮޑުވަޒީރު ފާޔިޒު އައްސައްރާޖާއި، ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ވަނީ ފޯނުން ގުޅުއްވައި ފާއިތުވި އޮކްޓޯބަރު މަހު ދެގައުމުން ސޮއިކުރި އެއްބަސްވުމަށް އަމަލީ ސިފަ ގެންނާނެ ގޮތާ މެދު ވާހަކަފުޅު ދައްކަވާފައެވެ. ތުރުކީއަކީ ޖީއެންއޭ އަށް އެންމެ ބޮޑަށް އެހީތެރިވާ އެއްގައުމެވެ.