ހުޅަނގު އައްސޭރި އިސްރާއީލުގެ ބަޔަކަށް ހަދަންވީ ވަގުތު ޖެހިއްޖެ: ނަތަންޔާހޫ

1967 އިން ފެށިގެން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރި ރަސްމީކޮށް އިސްރާއީލުގެ ބައެއް ކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ފަސްވަނަ ދައުރަކަށް މަގާމުގެ ހުވައި ކުރުމަށް ފަހު، އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް ކްނެސެޓާ މުޚާޠަބުކޮށް މިމޭރުމުން ވާހަކަ ދައްކާފައި މިވަނީ އެފަދަ ފިޔަވަޅެއް އަޅައިފިނަމަ، އެކަމުގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމުގެ އިންޒާރު ޖޯޑަން (އުރްދުން) ގެ ރަސްގެފާނު ޢަބްދުﷲ ދެއްވާފައި ވަނިކޮށެވެ.

ނަތަންޔާހޫ ފަޚުރުވެރިކަމާއެކު ވާހަކަދައްކަމުން ބުނެފައި ވަނީ އިސްރާއީލުގެ ސިޔާދަތާއި ގާނޫނު ހުޅަނގު އައްސޭރީގެ މައްޗަށް ހިންގަންވެއްޖެ ކަމަށާއި، ހުޅަނގު އައްސޭރީގައި ވަޒަންވެރިކޮށްފައިވާ އެއްވެސް ޔަހޫދީއަކު، ސުލްހައިގެ އެއްވެސް މުއާހަދާއެއްގެ ދަށުން، އެތަނުން ނުބާލާނެ ކަމަށެވެ. އަދި އޭނާ ބުނި ގޮތުގައި މި ފަޔަވަޅުގެ ސަބަބުން "ސުލްހާއި އިތުރަށް ގާތް" ވާނީ ކަމުގައެވެ.

ކްނެސެޓުގައި ދެއްކި ވާހަކައިގައި އޭނާ މިހެން ބުނި އިރު، ހުޅަނގު އައްސޭރި އިސްރާއީލުގެ ބައެއް ކަމުގައި ކަނޑައަޅައިފިނަމަ، ޖޯޑަންއާއެކު ކޮށްފައިވާ ސުލްހައިގެ މުއާހަދާ ނިމުމަކަށް އަންނާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ސަލާމަތީ އިދާރާތަކުން ދީފައި ވަނިކޮށެވެ.

އިސްރާއީލުގައި އެންމެ ފަހުން ބޭއްވި ތިން އިންތިޚާބުގައި ވެސް އެއްވެސް ބަޔަކަށް އަޣުލަބިއްޔަތު ނުލިބުމުގެ ސަބަބުން ނަތަންޔާހޫއާއި އޭނާގެ ވާދަވެރިޔާ ބެނީ ގަންޓްޒް ގުޅިގެން އުފެއްދި އެއްބައިވަންތަކަމުގެ ސަރުކާރަށް އިއްޔެ ކްނެސެޓުން ވަނީ ރުހުން ދީފައެވެ. 73 މެންބަރު އެއްކޮޅަށް ވޯޓުދިން އިރު ދެކޮޅަށް ވޯޓުދީފައި ވަނީ 46 މެންބަރުންނެވެ.

ހުޅަނގެ އައްސޭރީ އިސްރާއީލުގެ ބަޔަކަށް ހަދާ ވާހަކަ ނަތަންޔާހޫ ދައްކަން ފެށުމާއެކު، ކްނެސެޓްގައި ތިއްބަވާ އަރަބި މެންބަރުން ވަނީ އިހުތިޖާޖުކުރެއްވުމުގެ ގޮތުން މަޖިލީހުން ނުކުމެވަޑައިގެންފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.