އަފްޣާނިސްތާނުގެ ޣަނީއާއި ޢަބްދުﷲ ބާރުތައް ހިއްސާކުރައްވަން އެއްބަސްވެވަޑައިގެންފި

އަފްޣާނިސްތާނުގެ ރައީސު އަޝްރަފު ޣަނީ (ކ) އާއި ޑރ. ޢަބްދުﷲ ޢަބްދުﷲ

އަފްޣާނިސްތާނުގެ ރައީސު އަޝްރަފު ޣަނީއާއި އޭނާގެ ވާދަވެރިޔާ ޑރ. ޢަބްދުﷲ ޢަބްދުﷲ ވެރިކަމުގެ ބާރުތައް ހިއްސާކުރާ އެެއްބަސްވުމެެއްގައި ސޮޮއިކުރަައްވައިފިއެވެ. ދެ ބޭފުޅުންގެ ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން އެގައުމަށް ސުލްހަ ގެނައުމަށް ކުރެވޭ މަސައްކަތަށްވެސް އޮތީ ހުރަސް އެޅިފައެވެ.

ދެ ބޭފުޅުން އެއްބަސްވުމަކަށް ވަޑައިގެންނެވިކަން ހާމަކުރެއްވީ ރައީސު ޣަނީގެ ތަރުޖަމާނު ޞާދިޤު ޞިއްދީޤީއެވެ.

"ރައީސު ޣަނީއާއި ޑރ.ޢަބްދުﷲ އާއި ދެމެދު ސިޔާސީ އެއްބަސްވުމުގައި ދާދި ދެންމެއަކު ވަނީ ސޮއިކުރެވިފައެވެ. ގައުމީ ސުލްހައާއި ބެހޭ މަތީ ކައުންސިލްގެ ވެރިއަކަށް ހުންނަވާނީ ޑރ. ޢަބްދުﷲ. އަދި އޭނާގެ ޓީމުގެ ބޭފުޅުނަށް ކެބިނެޓުން ޖާގަ ލިބިވަޑައިގަންނަވާނެ." ޞިއްދީޤީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ. އެއްބަސްވުމާ ބެހޭ އިތުރު ތަފްޞީލެއް ހާމަކޮށްފައި ނުވެއެވެ.

ރައީސު އަޝްރަފު ޣަނީގެ ރިޔާސީ ފުރަތަމަ ދައުރުގައި ޑރ. ޢަބްދުﷲ ޢަބްދުﷲ ހުންނެވީ 'ޗީފް އެގްޒެކަޓިވް' ގެ މަގާމުގައެވެ. 2014 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ރައީސު އަޝްރަފު ޣަނީއާ ވަރަށް ގާތުން ވާދަކުރައްވައި ބަލިވެވަޑައިގަތުމުން، ބަލި ގަބޫލުކުރައްވަން ޢަބްދުﷲ ދެކޮޅު ހެއްދެވިއެވެ. އެހެންކަމުން، އެފަހަރު ދެބޭފުޅުން ބާރުތައް ހިއްސާކުރައްވާ ގޮތަށް އެއްބަސްވެ ވަޑައިގެން ޑރ. ޢަބްދުﷲއަށް ޚާއްސަ މަގާމެއް އުފެއްދީއެވެ.

މިފަހަރުގެ އެއްބަސްވުމުގައި ޑރ. ޢަބްދުﷲ ޙަވާލުވެވަޑައިގަތް މަގާމު ގޮތުން ޠާލިބާން ޖަމާއަތާއެކު ސުލްހައިގެ ވާހަކަތައް ކުރިއަށް ދާނީ އޭނާގެ ބެއްލެވުމުގެ ދަށުންނެވެ. އެމެރިކާއާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު ޠާލިބާން ޖަމާއަތުން ވަނީ އަފްޣާން ސަރުކާރާއެކު ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދަން އެއްބަސްވެފައެވެ.

ފާއިތުވި ސެޕްޓެންބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާވެސް ގަބޫލުފުޅުނުކުރައްވައި، ރައީސު ޣަނީ ފާއިތު މާރިޗު މަހުގެ ތެރޭގައި މަގާމުގެ ހުވައިކުރެއްވި ދުވަހު ޑރ. ޢަބްދުﷲ ވެސް ވަނީ ރިޔާސީ ހުވައިކުރުމުގެ ވަކި ރަސްމިއްޔާތެއް ބާއްވަވާފައެވެ. އެއަށްފަހު ދެބޭފުޅުންގެ ވާދަވެރިކަން ބޮޑުވެގެން ދިއުމަށް ފަހު ދެބޭފުޅުން އަނެއްކާވެސް މިވަނީ އެއްބަސްވުމަކަށް ވަޑައިގެންފައެވެ.

ދެބޭފުޅުންގެ ދެމެދުގައި އޮތް އަރައިރުން ނިމުމަކަށް ނުގެނެސްފިނަމަ އެެމެރިކާއިން އަފްޣާނިސްތާނަށް ދޭ އެއް ބިލިއަން ޑޮލަރު ހިފަަހައްޓަން ޖެހިދާނެ ކަމުގެ އިންޒާރު އެމެެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) ވަނީ ދާދި ފަހުން ދެއްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.