އިސްރާއީލުގައި ހުންނަވާ ޗައިނާގެ ސަފީރު އަވަހާރަވެފައި އޮއްވާ ފެނިއްޖެ

ސަފީރު ޑޫ ވޭ

އިސްރާއީލުގައި ހުންނަވާ ޗައިނާގެ ސަފީރު ޑޫ ވޭ އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުގައި އަވަހާރަވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ ދިރިއުޅުއްވަމުން ގެންދެވީ ޓެލްއަވީވްގެ އުތުރުގައި އޮންނަ ހަރްޓްޒިޔާ އަވަށުގެ އެޕާޓްމަންޓެއްގައެވެ. ޚަބަރު ލިބޭގޮތުގައި އޭނާ އަވަހާރަވެފައި ވަނީ އަވަހާރަފުޅުލައްޕަވާފައި އޮންނަވަނިކޮށެވެ. އަދި އެއްވެސް ފަރާތަކުން ސަފީރު އަވާހަރަވީ ސަބަބު ހާމަކުރައްވާފައި ނުވެއެވެ.

އިސްލާއީލުގެ އެމަޖެންސީ ސާވިސަސްގެ ބައެއް ފަރާތްތަކާ ހަވާލާދީ އެގައުގެ ޗެނަލް 12 އިން ޚަބަރުދީފައިވާ ގޮތުގައި ހަށިކޮޅުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ އަސަރު ފެންނާކަށް ނެތެވެ. އެހެންކަމުން ބޮޑަށް ލަފާކުރެވެނީ ހިތްޕުޅު ހުއްޓިގެން އަވަހާރަވީ ކަމަށެވެ.

ކުރިން ޔުކްރޭނުގައި ސަފީރެއްގެ ގޮތުގައި ހުންނެވި އުމުރުފުޅުން 58 އަހަރުގެ ޑޫ ވޭ އިސްރާއީލުގައި ހުންނަވާ ސަފީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ ފާއިތުވި ފެބުރުވަރީ މަހުގެ ތެރޭގައެވެ.

ޗައިނާ ސަފީރު ދިރިއުޅުއްވަމުން ގެންދެވީ ގިނިކަންޏާއެވެ. އޭނާގެ އަނބިކަނބަލުންނާއި ދަރިކަލުން މިވަގުތު ތިއްބެވީ ޗައިނާގައެވެ.

އިސްރާއީލުގެ ފުލުހުން ވަނީ މި މަރުގެ ތަހުގީގެއް މިހާރު ފަށާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.