މިރެއިން ފެށިގެން 14 ދުވަހަށް ސިނަމާލޭ ބުރިޖު ބަންދުކުރާނެ ކަމަށް ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފިއެވެ. އެ މުއައްސާއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިރެއިން ފެށިގެން ކޮންމެ ރެއެއްގެ ދަންވަރު 1 ކުން ހެނދުނު 9 އަކަށް ސިނަމާލެ ބުރިޖް ބަންދުކުރާނެ ކަމަށެވެ. މިއީ ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި ރާއްޖެއިން ކޯވިޑް-19 ޖެހޭ މީހުން މަދުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އެ ޓުވީޓުގައި ބުނެފައިވެއެވެ.
އެހެންކަމުން މިރެއިން ފެށިގެން ކުރިޔަށް އޮތް ދެ ހަފްތާގައި އާއްމުންނަށް ބުރިޖް ބޭނުންކުރެވޭނީ ހަމައެކަނި ހެނދުނު 9 އަކާއި ދަންވަރު 1 ކާއި ދޭތެރޭގައެވެ. ބުރިޖް ބަންދުކުރެވިފައިވާ ވަގުތުތަކުގައި ބުރިޖް ބޭނުންކުރެވޭނީ ހަމައެކަނި އާއްމު ޙިދުމަތުގައި އުޅުއްވާ ބޭފުޅުންނާއި ސެކިއުރިޓީ ޙިދުމަތްތަކުގައި އުޅުއްވާ ބޭފުޅުންނަށެވެ.
މާލޭ ސިޓީގައި ކޯވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކުރިޔަށް އޮތް ދެ ހަފްތާގައި ވެސް މާލެ ސިޓީ ފުރަބަންދުކޮށްފައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ފުލުހުން ވަނީ ފުރަބަންދުގެ އުސޫލުތަކާއި ޚިލާފުވާ މީހުން ޖޫރިމަނާ ކޮށް ބައެއް މީހުން ހައްޔަރު ވެސް ކޮށްފައެވެ.
އޭޕްރިލް މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރަތަމަ ފަހަރަށް ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާއެކު މާލޭގައި މި ބަލި ފެތުރި މިހާރު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 968 ކަށް އަރާފައެވެ. މާލޭގައި އުޅޭ މީހުންގެ އިތުރަށް ބައެއް ރަށްތަކުން ވެސްވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 4މީހަކު ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނެއެވެ.