ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު މީހަކު ރަނގަޅުވެފައިވާ ކަމަށް ޑރ އަފްޒަލް ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓާއިން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ އަފްޒަލް ވިދާޅުވީ މިއާއެކު ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 32 ކަށް އަރާފައިކަމަށެވެ. މިއަދު މިބަލިން ރަނގަޅުވެފައި ވަނީ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު މިބައްޔަށް ޕޮޒިޓިވްވި ކޭސް ނަންބަރު 52 ކެވެ. މި މީހަކީ އުމުރުން 27 އަހަރުގެ ހއ. ހުލިގަމަށް ނިސްބަތްވާ ދިވެއްސެކެވެ.
ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އެކްޓިވް ސާވައިލެންސްގެ މަސައްކަތް މިއަދު ފަށައިފައިވާ ކަން ޑރ އަފްޒަލް ފާހަގަކުރެއްވިއެވެ. މިކަމުގެ ބޭނުމަކީ ހައިރިސްކް ގްރޫޕްގެ ތެރެއިން މާލޭގައި މިބަލި ޖެހިފައިވާ މީހުންގެ އަދަދު ހޯދުމެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 904 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 304 ދިވެހިންނާއި 495 ބިދޭސީންނެވެ. މިއަދު އެކަނިވެސް މި ބައްޔަށް 35 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.