ނަރުހެއްގެ ގޮތުގައި ވަރުބަލިކަމެއް ނެތި 20 އަހަރު

މިއަދުގެ ޝަރަފް ވެރިންކަމުގައިވާ ލޮބުވެތި ނަރުހުންނަށް، ދުވަހުގެ ތަހްނިޔާ އަރިސްކުރަމެވެ. ނަރުހުންގެ ޚިދުމަތުގެ ވާހަކައަކީ އެންމެ ދުވަހަކު ދައްކާލައިފައިވާ ދޫކޮށްލެވޭ ވަރަށްވުރެ އަގުހުރި ޚިދުމަތެކެވެ. މިއަދު މުޅި ދުނިޔޭގައި ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމައުގައި ވެސް އެންމެ ކުރީ ސަފުގައި ބިރެއްނެތި މަސައްކަތް ކުރަމުންދާ އެއްބަޔަކީ ހީވާގި ނަރުހުންނެވެ. ނަރުހުންގެ ނަފްސު ނުރައްކަލުގެ ތެރެއަށް އެހުށަހަޅަނީ އަޅުގަނޑުމެން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައެވެ.

ކޮވީޑްގައި އެންމެ މުހިންމު ކަމަކީ ރައްކާތެރިވެ ތިބެ އެބަލީގެ މީހުންނަށް ފަރުވާ ދިނުމެވެ. އެކަން ކުރެވޭނީ އެކަމަށް ބޭނުންވާ ވަކިކަހަލަ ހުނަރެއް ނުވަތަ ތަމްރީނެއް ލިބިގެންނެވެ. ކޮވިޑާ ދެކޮޅަށް ކުރާ "ހަނގުރާމައަށް" ރައްކާތެރިވެ ތިބެ ކުރިމަތިލާން ދަސްކޮށްދިނުމުގެ އެންމެ ކުރީ ސަފުގައި ހުންނެވީ އެއް ފަހުލަވާނަކީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ކޮލިޓީ އިމްޕްރޫވްމަންޓް ޑިޕާޓްމަންގައި މަސައްކަތްކުރައްވާ ޝީނީޒް ރަޝީދު (ޝީނި) އެވެ.

ކޮވިޑާ ކުރިމަތިލުމަށް ބޭނުންވާ ޕީޕީއީ ނުވަތަ ޕާރސަނަލް ޕްރޮޓެކްޝަން އިކުއިޕްމެންޓަކީ ވެސް ވަކި ގޮތަކަށް ބޭނުންކޮށްގެން ނޫނީ އެއިން ރައްކާތެރިކަން ހޯދޭނެ ތަކެއްޗެއް ނޫނެވެ. ރައްކާތެރިކަން ލިބެނީ ކިޔާނަމަކުން ނޫނެވެ. ބޭނުންކުރަން ވެސް އެނގެން ޖެހެއެވެ. ނޫންނަމަ ޕީޕީއީ އަކީ ތިމާއަށް ބަލި އަރާ ވަޞީލަތަކަށް ވެސް ވެދާނެއެވެ. ޕީޕީއީ ބޭނުންކުރަންޖެހޭ ގޮތާއި ނައްތާލަން ޖެހޭ ގޮތް ދެނެގަންނަން ޖެހެނީ އެހެންވެއެވެ. ޝީނިގެ މަސައްކަތަކީ މިބައްޔާ ހަނގާރަމަކުރަމުންދާ ބަލި މީހުންނަށް ފަރުވާ ދެއްވުމުގައި ވަރުބަލިކަމެއް ބިރެއްނެތި މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރުންނާއި ނަރުހުންނާއި ލެބްޓެކްނީޝަނުންންނާއި އެނޫންވެސް އެކި ގޮތްގޮތުތުން ސީދާ ބައްޔަށް ހުށަހެޅިގެން އިސް ސަފުގައި މަސައްކަތްކުރައްވާ އެންމެންނަށް އެކަމަށް ބޭނުންވާ ތަމްރީނު ދެއްވުމެވެ. އެހެންކަމުން އައިޖީ އެޗްގައި ޝީނި އާއި ޝީނިގެ ޓިމުގެ މަސައްކަތަކީ ކޮވިޑްގެ "ހަނގުރާމަ" އަށް ބޭނުންވާ ތަމްރީން ދިނުމޭ ވެސް ދެންނެވި ދާނެއެވެ. ޝީނިއާއި ޝީނިގެ ޓީމުން ތަމްރީނުކޮށްފައިވާ މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުން ކޮވިޑްގެ "ހަނގުރާމަ" އަށް ނުކުމެތިބި ފަހުލަވާނުންނާއި ރެޕިޑް ރެސްޕޮންސް ޓީމްތަކުގައި ހަރަކާތް ތެރިވާ ފަހުލަވާނުންނާއި ޖަމާޢަތްތެރިންހިމެނެއެވެ.

ރައްކާތެރިވެ ތިބެ ކޮވިޑާ ކުރިމަތިލާނެ ގޮތް ދަސްކޮށްދިނުމުގެ އިތުރުން ކޮވިޑް ފަރުވާއަށާއި  ކޮވިޑާ ގުޅުންހުރި ޕީޕީއީ އެނޫންވެސް ވަޞީލަތްތަކުގެ ރައްކާތެރިކަމާއި ޔަޤީންކަން ކަށަވަރު ކުރުމަކީ ވެސް ޝީނިގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ރާއްޖޭގައި ކޮވިޑަށް ދެވޭ ފަރުވާ އާއި ބޭނުންވާ ތަމްރީނުތައް ދެމުން ދަނީ ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗް ގެ ބެލުމުގެ ދަށުންނެވެ. ޝީނި އަކީ އައިޖީއެމްއެޗްގެ ކޮވިޑް-19 ގެ ޓާސްކްފޯސް ކޮމެޓީގެ މެމްބަރެކެވެ. މިކޮމެޓީއަކީ ބަލިން ރައްކާތެރިވުމާއި ކޮންޓްރޯލް ކުރުމުގެ ގޮތުން އައިޖީއެމްއެޗްގައި އުފައްދަވައިފައިވާ ކޮމެޓީއެކެވެ. މާލޭ ސަރަހައްދުގައިވާ ކޮވިޑާ ގުޅުން ހުރި ފެސިލިޓީތަކުގެ ޕްލޭނިންއާއި ފެންވަރު ބެލެހެއްޓުމަށް އެކުލަވާލައްވައިފައިވާ ފޯކަލްޓީމްގައިވެސް ޝީނި ހިމެނިވަޑައިގަންނަވައެވެ. ކޮވިޑްގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާދޭ ޑީއެޗް 11 އާއި ޑީއެޗް 16 އާއި ކޮވިޑްގެ ބަލި މީހުންނަށް ފަރުވާދޭ ފަރުކޮޅުފުށްޓާއި އެޗްއައިއެޗް ތައްޔާރުކުރުމުގައިވެސް ޝީނިގެ ބައިވެރިވުން ފާހަގަކޮށްލެވެއެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގައި ކުރެވޭ މަސައްކަތްތައް ރާވާ ހިންގުމުގައި އެންމެ ކުރީ ސަފުގައި ސީނީގެ ޙިއްސާ މިދަނީ ވަރުބަލިކަމެއްނެތި އެންމެ ފުރިހަމައަށް ދެއްވަމުންވެ. ހަމަ އެހެންމެ ކޮވީޑަށް ހޭލުންތެރި ކުރުމަށްވެސް ޝީނި ކުރައްވައިފައިވާ މަސައްކަތަކީ ފާހަގަ ނުކޮށް ދޫކޮށްލެވޭވަރު މަސައްކަތެއް ނޫނެވެ. މި ހީސާބަށް ޝީނިއަށް ވަޑައިގެންނެވުނީ ނަރުހެއްގެ ގޮތުގައި ވަރުބަލި ކަމެއްނެތި ކުރައްވައިފައިވާ ބުރަ މަސައްކަތުންކަން ޔަޤީނެވެ. އައިޖީއެމްއެޗްގެ ހިތްވަރުގަދަ ނަރުހެއްގެ ގޮތުގައި ޝީނި މަސައްކަތްކުރައްވާތާ 20 އަހަރު ވެއްޖެއެވެ. މިހާ ގިނަ ދުވަހު ވަރުބަލި ކަމެއް ނެތި ޚިދުމަތުގައި ދެމި ހުރެވިފައި ވަނީ ފިރިމީހާއި އާއިލާގެ ފަރާތުން ލިބިވަޑައިގަތް އެއްބާރު ލުމާއި އެހީތެރިކަމުގެ ސަބަބުންކަން ޝިނީ ފާހަގަ ކުރައްވައެވެ.  

ނަރުސް ކަމަށް ޝީނިގެ ހިތުގައި ލޯބި އުފެދުނީ ސީދާ ކިހިނެއް ކަމެއް ހަނދުމަފުޅު ނެތް ކަމުގައި ވިއަސް އޭނާ ހަނދުމަފުޅު ހުންނަ އެއް ކަމެއް ވެއެވެ. އެއީ ބޮޑުފުޅުވެގެން ނަރުހަކަށް ވެވަޑައިގަންނަވާން ބޭނުންފުޅުވާކަމަށް ލިޔެވުނު މަޒުމޫނެއްގެ ހަނދުމަފުޅެވެ. ގްރޭޑް 5 ގައި އުޅުއްވިއިރު ޝީނި ވަނީ އޭނާގެ މުސްތަޤްބަލު މަޒުމޫނުގެ ސިފައިގައި ކުރައްސަވައިފައެވެ. އެ ތަސްވީރުގައި ކުލަ ޖެހިގެން ދިޔައީ އޭލެވެލް ނިންމުމަށް ފަހު ނާރސިން ދާއިރާގައި މަތީ ތަޢުލީމު ޙާޞިލްކުރެއްވުމަށް ނޭޕާލުން ލިބިވަޑައިގަތް ފުރުޞަތުންނެވެ. ޝީނިއާއެކު ނޭޕާލަށް ނާރސިން ހަދަން ދިޔަ އަނެއް ނަރުހަކީ މިހާރު ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެކެވެ.

"ވަރަށް ގިނަ މީހުން އަހާ، ކީއްވެހޭ ޑޮކްޓަރަކަށް ނުވީ، އަސްލު ފުރުޞަތު އޮތް ޑޮކްޓަރުކަން ކިޔަވަން ވެސް އެކަމަކު ބޭނުންވީ ބަލި މީހުންނާ ވީހާ ވެސް ގާތުން ޚިދުމަތްދޭން އެހެންވެ އަބަދުވެސް ބޭނުންވި ގޮތަށް ނަރުހެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ބޭނުންވީ" ޝީނި ނަރުސް ކަމަށް އޮތް ޝަޢުޤުވެރިކަން ފާޅުކުރައްވަމުން ވިދާޅުވިއެވެ.

ނަރުސްކަމުގައި 17 އަހަރު ވަންދެން ޝީނި މަސައްކަތް ކުރައްވައިފައި ވަނީ ޝިފްޓް ޑިއުޓީތަކުގައި ބަލީ މީހުންނާ އެންމެ ގާތުގައެވެ. މިއަދުވެސް ސީދާ ކޮވިޑްގެ ބަލިމީހުންނާވެސް އެންމެ ގާތުގައި މަސައްކަތް ކުރެވޭނަމައޭ ޝީނިގެ ހިތްޕުޅަށް އަރައެވެ. ސީދާ ބަލިމީހާއާ ކޮންޓެކްޓް ވެގެން ޝީނި މަސައްކަތް ނުކުރެއްވި ނަމަވެސް ކޮންޓެކްޓްވެ ފަރުވާ ދިނުމުގައި ބިރެއް ނެތި ޙަރަކާތްތެރި ވަމުންދަނީ ޝީނިތަމްރީނުކުރެއްވި ޑޮކްޓަރުންނާއި ނަރުހުންނެވެ. އެހެންކަމުން ކޮވިޑްގެ ބަލިމީހުންނަށް ފަރުވާދިނުމުގައިވެސް ޝީނިގެ ފުރިހަމަ ޙިއްޞާވާކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

ޝީނިފަދަ ހިތްވަރުގަދަ ނަރުހުން ދަރިންނާއި ޢާއިލާއާ ދުރުގައި ތިބެ ވަމުންދާ ޤުރުބާނީ އަކީ އަޅުގަނޑުމެން މިހެން ލިޔެލާ ލިޔުމަކުން ނުވަތަ ފޮނުވާލާ ތަހްނިޔާއަކުން ވަޒަން ކުރެވޭނެ ޚިދުމަތެއް ނޫނެވެ. އެއީ މިއަދު މުޅި ދުނިޔެ އަބަޔަކަށް ބޭނުންޖެހިފައިވާ ނަރުހުންނެވެ. މިއަދުގެ ފަޚުރު ވެރިންނެވެ. ޝަރަފްވެރިންނެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.