ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅީ ރަނގަޅަށް މަޢުލޫމާތު ނެތި: އައްޑޫ މެންބަރުން

 އައްޑޫގައި ކޮވިޑަށް ޓެސްޓް ކުރެވެން ނެތިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފައިވަނީ އެމައްސަލަ މަޖިލީހަށް ހުށަހެޅުއްވި މެމްބަރަށް ރަނގަޅަށް މަޢުލޫމާތު ލިބިވަޑައިގެން ނެތިކަމަށް އައްޑޫ ސިޓީގެ ދާއިރާތަކުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް އެވެ. ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ފާސްކުރެއްވީ  42 މެންބަރުންގެ ވޯޓުންނެވެ.

ކުއްލި މައްސަލައާ ގުޅޭ ގޮތުން ނާއިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް ވިދާޅުވީ އެމައްސަލަ އޭނާ ހުށަހެޅުއްވީ އައްޑޫ ފަދަ ބޮޑު އާބާދީއެއް ގައި ޓެސްޓް ކުރެވޭނެ ގޮތް ނެތުމުންކަމަށެވެ. ޕީޕީއީ ވެސް އައްޑުގައި އެކަށީގެންވާ ވަރަށް ނެތް ކަން ވަނީ ފާހަގަ ކުރައްވައިފައެވެ. އައްޑޫ ފަދައިން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ފަސް ސަރަޙައްދެއްގައި ކޮވިޑަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސަވަމުންދާއިރު އެތަތަނުގައި އެކަށިގެންވާ ވަރަށް ޕީޕީއީ ނެތުމުގެ ކަންބޮޑުވުން އެތަންތަނުން ޙިއްސާކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ. ރާއްޖޭގައި 897 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ފާހަގަ ކުރައްވާ އެއީ އާބާދީގެ ނިސްބަތުން އެހެން ޤައުމުތަކާ އަޅާ ބަލާއިރު ވަރަށް ބޮޑު ނިސްބަތެއްކަން ފާހަގަ ކުރެއްވިއެވެ. އާބާދީގެ ނިސްބަތުން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ޤައުމަށް ރާއްޖެ ވެފައިވަނީ ކޮވިޑާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސަރުކާރު ފެއިލްވެފައި އޮތުމުންކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލައިގައި ވާހަކަ ދެއްކަވަމުން އައްޑޫގެ  އެކި ދާއިރާތަކުގެ މެމްބަރުން ވިދާޅުވީ މެމްބަރ ޝިޔާމް މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފައިވަނީ ފުރިހަމަ އަށް މަޢުލޫމާތު ލިބިވަޑައި ނުގެންކަމަށެވެ.

މަރަދޫ ދާއިރާގެ މެމްބަރ ޝަރީފް ވިދާޅުވީ އައްޑޫ މެމްބަރުން ތިބީ ނިދާފައެއް ނޫންކަމަށެވެ. އައްޑޫގެ ޙާލަތު އައްޑޫގެ މެމްބަރުން ދިޔައީ ވަރަށް ގާތުން ބަލަމުންކަމަށެވެ. އައްޑު އަތޮޅުގައި ޓެސްޓް ކުރުމަށް ބޭނުންވާ މެޝިން އެބަހުރި ކަމަށެވެ. ނަމަވެސް ޑަބަލިޔޫ އެޗްއީއިން އެޕްރޫވް ކުރާ ފެންވަރުގެ ޓެސްޓް ކިޓް އަދި ނުލިބޭތީ ޓެސްޓް ކުރެވެން ނެތީކަމަށެވެ. އެކަން ވަރަށް އަވަހަށް ހަމަޖެހިގެން ދާނެކަމުގެ ޔަޤީންކަން ސަރުކާރުން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޕޕީއީ ނެތްކަމަށް ދެކެވޭ ވާހަކަ ތަކަކީ ވެސް ދޮގެއް ކަމަށް ޝަރީފާއި އައްޑޫގެ އެހެން މެމްބަރުންވެސް ވިދާޅުވިއެވެ.  

އައްޑޫގައި ޓެސްޓް ނުކުރެވިގެން މަޖިލީހަށް ކުއްލި މައްސަލައެއް ވައްދާފައިވާއިރު މަޖިލީހުގައި އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލު ކުރައްވާ މެންބަރުން ރޭގެ ވަގުތެއްގައި ނާއިބް ރައީސާއި ހެލްތް މިނިސްޓަރާއި އައްޑޫ ހޮސްޕިޓަލުގެ އިސްވެރިޔާއާއެކު އެމައްސަލައިގައި ވަނީ ވެބްކޮންފަރެންސްކޮށް ބައްދަލުކުރައްވައިމަޝްވަރާ ކުރައްވައފައެވެ. އައްޑޫގެ މެމްބަރުންވަނީ އެ މައްސަލައިގެ ބަހުސްގައި ރޭގެ  ބައްދަލުވުގައި ދެކެވެނު ބައެއް ވާހަކަތައް ޙިއްސާކުރައްވައިފައެވެ. އައްޑޫގެ ދާއިރާތައް ތަމްސީލު ކުރައްވާ ހަތް މެންބަރުންނަކީ ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ މެންބަރުންނެވެ.

ދާދި ފަހަކުން އައްޑޫން ބަލި ހާލު ބޮޑުވެގެން މާލެ ގެނައި މީހަކު ޓެސްޓް ކުރުމުން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވުމަށް ފަހު ދެވަނަ ޓެސްޓުން ވަނީ ނެގެޓިވް ވެފައެވެ. ރާއްޖޭން 897 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.