ނުޒޫގެ ފިޔާތޮށި ބަދިގެއިން ހޯދައި ދިން ޙައްލު!

މިއީ މަދުންނީ ނުފެންނާނެ ހީވާގި މުރާލި މައެކެވެ. އަހަރުވެސް ނުވާ ތުއްތު ކުއްޖަކާއެކު ހަތަރު ކުޑަކުދިން ތަރުބިއްޔަތު ކުރުމުގެ ބުރަ މަސްއޫލިއްޔަތާއެކު އަތް ގާތް ކޮށްދޭނެ އެއްވެސް މީހަކު ނެތި ނުޒޫ މި ކުރާ މަސައްކަތަކީ ކޮންމެ ކޮންމެ މަޔަކަށް ކުރެވޭނެ ވަރުގެ މަސައްކަތެއް ނޫނެވެ.

އދ. ހަންޏާމީދުއަށް އުފަން ނުޒުހާ ނަޢީމަކީ ފޭސްބުކްގައި އުޅޭ މައިންނަށް އާ ނަމަކަށް ނުވާނެއެވެ. މައިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އެކަމާ ގުޅިފައިވާ ތުއްތު ދަރިފުޅަށް ކާން ދިނުމުގެ މައްސަލައަށް މީގެ އަހަރެއްހާ ދުވަސް ކުރިން ނުޒޫ ވަނީ ހައްލެއް ހޯދައި ދީފައެވެ. ކުޑައިރުން ފެށިގެން ބަދިގޭގެ މަސައްކަތަށް ލޯބިކުރާ ނުޒޫގެ މަސައްކަތް ފެށުނީ ތިންވަނަ ދަރިފުޅުގެ ބަރުދަން ލުއިވުމުން އެކަމަށް ޙައްލު ހޯދަން ކުރި މަސައްކަތުގެ ތެރެއިންނެވެ. އޭނާ ޙައްލު ހޯދީ ދަރިފުޅަށް ކާންދޭން ގޭގައި ތައްޔާރު ކުރި "ހޯމް މޭޑް ބޭބީ ސީރިއަލް" އިންނެވެ. ފުރަތަ ފަހަރަށް ނުޒޫ މި ތަކެތި ތައްޔާރު ކުރީ ޔޫޓިއުބުން ކަމާބެހޭ މަޢުލޫމާތު ހޯދައިގެންނެވެ. ނަމަވެސް އެ ރަހަ ދަރިފުޅަކަށް މީރެއް ނުވިއެވެ. އެހެން ކަމުން ނަޒޫ އަމިއްލައަށް ތަޖުރިބާކޮށް ދަރިފުޅަށް ކަމުދާ ރަހަތައް ހޯދިއެވެ. އިސާހިތަކު ކާންދޭން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދަރިފުޅުގެ ބަރުދަން ލިބި ހަށިގަނޑުގެ ރޫފަ ހެޔޮވިއެވެ. އެހެންކަމުން ނުޒޫ ތައްޔާރު ކުރި ބަކުން "ހޯމް މޭޑް ބޭބީ ސީރިއަލް" ފޭސް ބުކްގައި އެހެން މައިންނަށްވެސް ހިއްސާ ކޮށްލިއެވެ. ނަތީޖާ ނުކުތީ ނުޒޫ ހީކުރި ގޮތާ ވަރަށް ތަފާތު ކޮށެވެ. ތުއްތު ދަރިފުޅުގެ ބަރުދަން ނުލިބި، ނުކައި ގޮތް ހުސްވެފައި ތިބި އެތައް މައިންނަކަށް ނޫޒޫ ހޯދައި ދިނީ އަލި މަގެކެވެ. ނުޒޫގެ "ހޯމް މޭޑް ބޭބީ ސީރިއަލް" ހޯދަން ގުޅަން ފެށިއެވެ. ނަތީޖާ އަކަށްވީ ނޫޒު މަސައްކަތް ފުޅާވެ ބްރޭންޑެއްގެ ގޮތުގައި ބޭބީ ސީރިއަލް ވިކެން ފެށުމެވެ. އެހެންކަމުން ނުޒޫ އެކަމަށް ޚާއްޞަ "ޕޭޖެއް" ފޭސްބުކްގައި ހަދައި ވިޔަފާރި އުސޫލުން އެ ޚިދުމަތް ފޯރުކޮށްދޭން ފެށިއެވެ.  ނުޒޫގެ ބަކުން ނޫނީ ނުކާ އެތައް ކުދިންނެއް އެބަތިއްބެވެ. އެހެންކަމުން ލޮކްޑައުން ޙާލަތުގައި ނުޒޫއަށް ލިބޭ އޯޑަރުތަކަށް މާބޮޑު ބަދަލެއް ނާދެއެވެ. އަމިއްލައަށް ނުކައިވެސް ދަރިފުޅު ކާން ބޭނުންވާ ތަކެތި ހޯދުމަކީ މައިންބަފައިން އެންމެ އިސްކަންދޭ ކަމަކަށް ވާތީއެވެ.

"ހޯމް މޭޑް ބޭބީ ސީރިއަލް ބައި ނުޒުހާ ނަޢީމް" ބަލާލުމުން މިކަމަށް ނުޒޫގެ ހިތުގައި އޮތް ލޯތްބާއި ޝަޢުޤާއި ފަރުވާތެރިކަން ސާފުކޮށް އަންގައި ދެއެވެ. ނަގައިފައިވާ ރީތި ފޮޓޯތަކުންނެވެ. ފޮޓޯ ނެގުމަށް ތަށިތަކާއި ސީރިއަލްތައް އަތުރާލައިފައިވާ ރީތި ޑިޒައިން ތަކުން "ޕޭޖް" ބާލާލުމުން ލޮލަށް ހިތްހަމަ ޖެހުން ގެނެސްދެއެވެ. ނުޒޫގެ "ބަކުން" ތަކުގެ މީރު ރަހާޔާއި އެއްވަރަށް ފޮޓޯތައްވެސް ފުރިހަމައޭ ދެންނެވިދާނެއެވެ. ނުޒޫގެ އަމިއްލަ ފޯނުން ނަގާ ފޮޓޯތަކާއި ވީޑިއޯތައް ޕްރޮފެޝަނަލް ފޮޓޯ ގްރާފަރެއްގެ މަސައްކަތަކަށް ދުލެއް ނުކުރެއެވެ. އެހާމެ ފުރިހަމަ ވެފައި ނަލައެވެ.

"ޕިންކް" ނުވަތަ ފިޔާތޮށި ކުލައަކީ ނުޒޫއަށް އެކުލައިން ހިތްހަމަޖެހުން ލިއްބައިދޭ ކުލައެވެ. ލޮލަށް ފިނިކަން ގެނެސްދޭ ކުލައެވެ. އެހެންކަމުން އޭނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ގުޅިފައި ވަނީ ފިޔާތޮށި ކުލަޔާއެވެ. އޭނާ ފޭސްބުކް ޕޭޖް ބަލާލުމުން މިކަން ކަށަވަރު ވާނެއެވެ. އެނދުގައި އަޅާ ބެޑްޝީޓާއި ފަރުނީޗަރާއި ޚާއްޞަކޮށް ބަދިގޭގައި ހިފާގެންގުޅޭ ސާމާނަކީ ފިޔާތޮށި ކުލައިގެ ތަކެއްޗެވެ. ނޫޒޫ ބުނީ ސިޔާސީ ޕާޓީއެއްގެ ކުލައަކަށް ފިޔާތޮށިކުލަ ވެފައި ވަނީ އޭނާ އެ ކުލައިގެ ލޯބީގައި ޖެހި އެތައް ދުވަހެއް ވިފަހުން ކަމަށެވެ. އެހެންކަމުން އެކަމުގައި ސިޔާސީ ކުލައެއް ނުވާކަމަށެވެ.

 އެއްޗެއް ގަންނަން ބޭނުން ވާއިރަށް ފިރިމީހާއަށް ގުޅައިގެން އުދަނގޫ ކުރުމަކީ އޭނާގެ އުޞޫލެއް ނޫނެވެ. އަދި ހިތްހަމަ ޖެހޭ ގޮތެއްވެސް ނޫނެވެ. ނަމަވެސް ނުޒޫގެ މަސައްކަތަށް ފިރިމީހާގެ ފުރިހަމަ އެއްބާރުލުން ލިބެއެވެ. ވިޔަފާރި އުޞޫލުން އެ މަސައްކަތް ކުރުމުގައި އިންވެސްޓް ކޮށްދިނީވެސް ފިރިމީހާއެވެ. ލޭބަލްތައް ތައްޔާރުކޮށް ދީ ހަދަނީވެސް ފިރިމީހާއެވެ. ނަމަވެސް ބޭނުންވާ ތަކެތި ގަތުމުގެ ކަންކަން ނުޒޫ ކުރަނީ އަމިއްލައަށެވެ. އެއީ އޭނާ ބޭނުންވާ ފެންވަރުގެ ތަކެތި ގަނެވޭނީ އަމިއްލައަށް ގޮސްގެން ކަމަށް ވާތީއެވެ.

"މި މަސައްކަތް ކުރަނީ ނުފުދިގެންނެއް ނޫން. އަމިއްލަ އުފަލަށް. ފިރިމީހާއަށް ލިބޭ އެއްޗެއް ބޭނުން ކުރުމާއި އަމިއްލަ އަށް ބުރަކޮށް މަސައްކަތް ކޮށްގެން ލިބޭ އާމްދަނީ އަކުން ލިބޭ ހިތްހަމަ ޖެހުން ވަރަށް ތަފާތު." ނުޒޫގެ މަސައްކަތުން ލިބޭ ހިތްހަމަ ޖެހުން ހާމަކުރަމުން ބުނެލިއެވެ.

ނުޒޫގެ ހަގު ދަރިފުޅު ވިހަން ބަނޑުގައި ރިހިރިހި ހުރިއިރުވެސް އެންމެ އިސްކަން ދިނީ ނެގިފައިވާ އޯޑަރުތައް ނިންމުމަށެވެ. އެންމެ ހަގު ދަރިފުޅު ވިހަންދެން އޯޑަރުތައް ޑެލިވަރީކޮށްދީ ހެދީވެސް އެބޮޑު ބަނޑާއެކު ނުޒޫއެވެ. އެކަމުގައި އެހެން މީހެއްގެ އެހީތެރިކަން ނުހޯދަނީ ވެސް އޭނާ ބޭނުންވާ ގޮތަށް ފަރުވާތެރިކަމާއެކު ކަސްޓަމަރާ ހަމައަށް ފޯރިކޮށްދެވޭނީ އަމިއްލައަށް ކަމަށް ވާތިއެވެ. ނުޒޫގެ ހަގު ދަރިފުޅު ލިބުނީ ޖެހިގެން ހުރި ދަރިފުޅަށް ދޮޅު އަހަރުގައެވެ. ނަމަވެސް ނުޒޫގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. ފުރަތަމަ އަންހެން ދަރިފުޅާއެކުވެސް ހޮސްޕިޓަލުން ގެއަށް ދޫކޮށްލުމަށްފަހު ނުޒޫ ވަނީ އޭނާގެ ރީތި "ޕިންކް" ބަދިގެއަށެވެ. ގޭތެރޭގައި ކާން ބޭނުންވާ ތަކެތި ތައްޔާރު ކުރުމަށް އެކަންޏެއް ނޫނެވެ. އޭނާގެ އުފެއްދުންތަކަށް އިންތިޒާރުކޮށް ކޮށް ތިބި މައިންގެ ކަންބޮޑުވުން ތަކަށް ހައްލު ހޯދައި ދިނުމަށެވެ.

"ވިހޭ ވާހަކަ ޕޭޖްގައި ޖަހާލީމަ ބައެއް މީހުން ތިބި އޯޑަރު ނުކޮށް. ތައްޔާރު ކުރި އެއްޗެހި ޕޭޖަށް ލީމާ އެހީ މިހާރުވެސް މަސައްކަތް ކުރަންހޭ. ގިނަ މީހުން ހީކޮށްގެން ތިބީ ވިހައިގެން ބްރޭކެއް ނަގާނެކަމަށް." ނުޒޫ މަސައްކަތަށް ހުންނަ ޝައުޤު ހާމަކުރަމުން ކިޔައި ދިނެވެ.

ނުޒޫގެ މަސައްކަތުގައި އަތް ގާތްކޮށްދޭނެ ބަޔަކު ނުވަތަ މީހަކު ނެތަސް ކަންކަން ރާވާލައިގެން ކުރުމުގައި އޭނާ ގެންގުޅޭ ތަރްތީބު އުޞޫލަކީ މަސައްކަތަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ. ކަން ކުރުމަށް ހޭދަވާ ވަގުތު ކުޑަވެ ވަގުތު ޞަލާމަތް ކޮށްދޭ ކަމެކެވެ. މިކަމުގައި ނުޒޫއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެނީ ގޭގައި ބަހައްޓައިފައިވާ ނުޒޫގެ ދިގު އިސްކޮޅަށް ވުރެ އުސް ބޮޑު އައިސް އަލަމާރިއެވެ. އޭނާ ބަހައްޓަނީ އެޑްވާންސްކޮށް ކައްކަން ބޭނުންވާ ތަކެތި ތައްޔާރުކޮށް އަލަމާރީގައި ރައްކާކޮށްފައެވެ. ކެއްކުމުގައި އެންމެ ގިނަ ވަގުތު ހޭދަވާ ކަންކަމުގެ ތެރޭގައި ކައްކަން ބޭނުންވާ ތަކެތި ކޮށާ ތައްޔާރުކުރުން ހިމެނެއެވެ. ރިހަ ކައްކަން ބޭނުންވާ ހަވާދަކަސް މިރުހަކަސް ކުރީބައިގައި ބަހައްޓަނީ ތައްރާކޮށް ފްރީޒް ކޮށްފައެވެ. އެހެންކަމުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި  ކައްކަން ބޭނުންވާ ތަކެތި ތައްޔާރު ކޮށްލެވެއެވެ.

ރަމަޟާން މަހަކީ ރަޙްމަތާއި ސަވާބުން ފުރިގެންވާ މާތް ބަރަކާތްތެރި މަހެކެވެ. ނަމަވެސް ގޭގައި ކައްކަން ޖެހޭ ގިނަ ކެއްކުންތަކާއި ދަރިންގެ ކަންކަން ކުރަން ޖެހުމުން މިމަހުގެ ދަރުމަޔާއި ސަވާބު ހޯދުމަށް އެން ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭ މީހުންނަކީ އަންހެނުންނެވެ. ޚާއްޞަކޮށް ޅަދަރިމައިންނެވެ. ނުޒޫގެ " ޕިންކް ބަދިގެއިން" މިވަނީ އެކަމަށް ވެސް ހައްލެއް ހޯދައި ދީފައެވެ. ފޭސް ބުކްގައިވާ "ޕިންކް ކިޗަން ބައި ނުޒުހާ ނައީމް" އަކީ ނޫޒޫގެ ރޯދަ ހަދިޔާއެވެ. ލޮކްޑައުންގައި ގޭގައި ހުރި މަދު އެތިކޮޅުން ތައްޔާރު ކުރެވޭނެ ބާވަތްތައް މި "ޕޭޖުން" ފެނިގެން ދާނެއެވެ. މިނޫންވެސް ކެއްކުމާއި ގުޅޭ ގިނަ "ޓިޕްސް" ތަކެއް ނުޒޫގެ ފިޔާތޮށި ބަދިގެއިން ލިބޭނެވެ. ނުޒޫގެ "ޕިންކް ކިޗަން" ނުވަތަ ފިޔާތޮށި ބަދިގެއާއި ބޭބީ ފުޑް އަލްބަކީ ނޫޒޫގެ ދަރުމަވެރި މަސައްކަތެވެ. ނުޒޫ ނެތް ދުވަހަކުން ވެސް އޭނާގެ މަސައްކަތުން އެހެން މީހުނަށް އެހީތެރިކަމެއް ލިބޭނެ ކަމަށް ދެކި ކުރަމުން އަންނަ މަސައްކަތެވެ.

ވިހައިގެން ވިއަސް ފުރަ ބަންދުގައި ވިއަސް އަދި ރޯދަ މަސް ވިއަސް ނުޒޫގެ ފިޔާތޮށި ބަދިގެ ކަސްޓަމަރުންނަށް ބަންދެއް ނުވެއެވެ.

9 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.